ރައީސް ޔާމީން މިހާރު އެ ގެންދަވަނީ ވިސްނަވަމުން، ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ: އުމަރު ނަސީރު

ޕީޕީއެމް އާ ލީޑާޝިޕަކަށް ދޫކޮށްލެއްވުމުގެ މައްސަލައިގައި ކުރީގެ ރައީސް، އަބްދުﷲ ޔާމީން މިހާރު އެ ގެންދަވަނީ ވިސްނަވަމުން ކަމަށާއި ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
"ވަން އޮންލައިން"އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ، ރައީސް ޔާމީނަކީ ސިޔާސީ މައިދާނުން އެއްކޮށް ފެއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށާއި އެއަށްވުރެ އެމަނިކުފާނަށް ރާއްޖޭގައި އޮތް ތާއީދު ބޮޑު ކަމަށެވެ. އެހެން ކަމުން އެމަނިކުފާނު ވެސް ހުންނަވަން ޖެހިވަޑައިގަންނަވާނީ ޕާޓީގެ ކަންކަމުގައި ލަފާޔާއި އިރުޝާދު ދެއްވޭ ހިސާބެއްގައި ކަމަށެވެ.
"މީގަ ޕޮއިންޓަކީ އެކްޓިވް ލީޑަޝިޕުގައި ނެތުން. ދުވަހުން ދުވަހަށް ޕާޓީ ހިންގުމާއި ގޮތް ނިންމުމުގެ ބާރު އާ ލީޑާޝިޕަކަށް ދޫކޮށްލައްވަންވީ. ރަނގަޅު އިދިކޮޅެއް އުފެއްދޭނެ ޖާގަ ދެއްވަންވީ. ރައީސް ޔާމީން ހުންނަވަންވީ އަރިމަތީގައި. ޔާމީނަކީ ވެސް ރާއްޖޭގައި ސަޕޯޓު ބޮޑު ލީޑަރެއްކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނެ." އުމަރު ވިދާޅުވި އެވެ.
އުމަރު އިތުރަށް ވިދާޅުވީ ޖެހިޖެހިގެން އައި ރާއްޖޭގެ އެންމެ ބޮޑު ދެ އިންތިޚާބުން ބަލިވުމުން، ގަބޫލުކުރަން ޖެހޭ ކަންތައްތަކެއް އެބަ ހުރި ކަމަށާއި އަލުން އަރައިގަތުމަށް ޓަކައި ގެންނާން ޖެހޭ ބަދަލު ޕާޓީ ތެރޭން ގެންނަން ޖެހޭނެ ކަމަށާއި އެންމެން އެކަމަށް ޖާގަ ވެސް ދޭން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް އެކަން ކުރާން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާ އެކު ޕާޓީގެ ގްރާސްރޫޓަށާއި އެކްޓިވް ލީޑާޝިޕަށް ވެސް އޭގެން ނޭދެވޭ އަސަރު ނުކުރާނޭ ގޮތަކަށް ވިސްނައިގެން ކަމަށެވެ.
"މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެންމެ އަވަހަށް ކުރައްވަންވީ ކަމަކީ ޕާޓީގެ ކޮންގްރެސްއަކަށް ގޮވައިލައްވަންވީ. އެހާ ހިސާބުން ޕާޓީގެ ލީޑާޝިޕަށް އަންނާން ބޭނުންވާ އެންމެނަށް ފުރުސަތު ދީގެން ފެއާ ކޮންގްރެސްއެއް ބާއްވައި އާ ލީޑާޝިޕެއް އެކުލަވައިލެވޭނެ." އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރައީސް ޔާމީން ސިޔާސީ މައިދާނުން ފެއަށް މުޅީން ވަޑައިނުގެން ޕާޓީގެ އިސް މަގާމެއްގައި އެމަނިކުފާނު ވެސް ހުންނެވުން މުހިންމު ކަމަށާއި އެ ޖާގަ ވެސް ޕާޓީ ތެރޭން ދެވޭނެ ކަމަށާއި އެ ފުުރުސަތު މިހާރު އޮތް އޮނިގަނޑު ތެރޭގައި ވެސް އެބަ އޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ