ސުޕްރީމް ކޯޓުން އިސްތިއުނާފް ކުރުމުގެ ހައްގު ހަނިކުރުމުން އެކަން ބަދަލު ކުރެވޭނީ މަޖިލިހަށް: ރިއްފަތު

އިސްތުނާފް ކުރުމުގެ މުއްދަތު ކުޑަ ކުރުމަށް ސުޕްރީމް ކޯޓުން ކޯޓުތަކާއި ބެހޭ ގާނޫނަށް ގެނައި ބަދަލު އިސްލާހު ކުރެވޭނީ ރައްޔިތުންގެ މަޖިލިހަށް ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ކުރިން ހިންގި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އިން ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އާއެކު ވެފައިވާ އެއްބަސްވުމެއް އުވާލުމުން 78 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ޖޫން 7، 2016 ގައި ހުކުމް ކުރި މައްސަލާގައި ބިގަށް 30 މިލިއަން ރުފިޔާ ދިން މައްސަލާގައި ސުވާލު ކުރުމަށް އެޓާނީ ޖެނެރަލް ރިއްފަތާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާ މިއަދު ވަނީ މަޖިލިހަށް ހާޒިރުކޮށްފަ އެވެ.
އެ މައްސަލާގައި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރިއްފަތު ވިދާޅުވީ އިސްތިއުނާފް ކުރުމުގެ މުއްދަތު ކޯޓުތަކާއި ބެހޭ ގާނޫނުގައި ބަޔާންކޮށްފައި އޮއްވާ ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމުގެ މަތިން އެ މުއްދަތު ބަދަލުކޮށްފައިވާ ކަމަށެވެ.
"90 ދުވަހަށް އޮތް މުއްދަތެއް އަދި 180 ދުވަހަށް އޮތް މުއްދަތެއް ބަދަލުވެގެން ދިޔެއީ އެންމެ 10 ދުވަހުގެ މުއްދަތަކަށް،" ރިއްފަތު ފާހަގަކުރެއްވި އެވެ.
އެ 10 ދަވަހުގެ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ނުކޮށްފި ނަމަ، އެ ހައްގު ގެއްލިގެންދާނެ ކަމަށް އާއްމު އުސޫލުން ގަބޫލު ކުރެވުނަސް، ބައެއް ހާލަތްތަކުގައި ގަބޫލު ކުރެވޭ ސަބަބެއް އޮވެއްޖެ ނަމަ މުއްދަތު ފަހަނަ އަޅައި ދިޔުމަށް ފަހު ވެސް ސުޕްރީމް ކޯޓުން އިސްތިއުނާފް ކުރުމުގެ ފުރުސަތު ކުރިން ދީފައިވާ ކަމަށް ރިއްފަތު ވިދާޅުވި އެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފުގެ ސުވާލަކަށް ޖަވާބު ދެއްވަމުން ރިއްފަތު ވިދާޅުވީ އިސްތިއުނާފް ކުރުމުގެ މުއްދަތު ހަނި ކުރަން ސުޕްރީމް ކޯޓުން ނިންމީ އެކަމާ ބެހޭ ގޮތުން ކޯޓުތަކާ ބެހޭ ގާނޫނުގައި މަޖިލީހުން ގޮތެއް ކަނޑައަޅާފައި ވަނިކޮށް ކަމަށެވެ.
"އެހެންވެ އެއަށް (ކޯޓުތަކާއި ބެހޭ ގާނޫނުގައިވާ އިސްތިއުނާފް ކުރުމުގެ މުއްދަތަށް) ބަދަލު ގެނެވޭނީ ވެސް މަޖިލީހަށް،" ރިއްފަތު ވިދާޅުވި އެވެ.
ބިގު ކުންފުންޏަށް ދިނުމަށް ސިވިލް ކޯޓުން ހުކުމްކުރި ފައިސާގެ ތެރެއިން 30 މިލިއަން ރުފިޔާ މިހާރު ވަނީ ދީފައެވެ. ބިގަށް ފައިސާ ދިނުމަށް ހުކުމްކުރީ އެމްއެންބީސީއާ އެކު ވެފައި އޮތް އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ލިބެން ޖެހޭ ފަސް މިލިއަން ރުފިޔާ ނުލިބި އޮތުމުންނެވެ. އެ އަދަދު 78 މިލިއަން ރުފިޔާ އަށް އިތުރުވީ ފައިސާ ނުދައްކާ ގިނަ ދުވަސްވުމުން ޖޫރިމަނާ އެރުމުގެ ސަބަބުންނެވެ.
ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލްގެ 90 ޕަސެންޓް ހިއްސާ އޮންނަ ބިގާ އެކު އެމްއެންބީސީން މާޗު 7، 2010 ގައި ވީ އެއްބަސްވުމުގެ ދަށުން، އެމްއެންބީސީއަށް އިސްތިހާރުތަކުން ލިބޭ އާމްދަނީން ފަސް ޕަސެންޓްގެ ކޮމިޝަނެއް ބިގަށް ދޭން ޖެހެ އެވެ.
އެކަމަކު އޭރުގެ އޮޑިޓަ ޖެނެރަލް ނިިޔާޒު އިބްރާހިމް 2014 ގައި ނެރުއްވި އޮޑިޓް ރިޕޯޓެއްގައި ބުނެފައި ވަނީ ބިގުން އެއްވެސް މަސައްކަތެއްނުކޮށް، ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑުން ފޮނުވާ އިއުލާން ފަދަ އެއްޗެހިން ލިބޭ އާމްދަނީން ކޮމިޝަނެއް ދޭން ނުޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ