ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއަށް އޮތް ފަސް އަހަރުގެ މާސްޓާ ޕްލޭން އިފުތިތާހުކޮށްފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއަށް އޮތް ފަސް އަހަރުގެ މާސްޓާ ޕްލޭން އިފުތިތާހު ކޮށްފިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ 2020 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަރާއި ދެމެދުގެ މާސްޓާ ޕްލޭން އިފްތިތާހުކޮށްދެއްވީ ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.
ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓާ ޕްލޭންގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ފަތުރުވެރިކަމުން ލިބޭ ފައިސާ ރާއްޖޭގެ އިގްތިސޯދުގައި ހިފެހެއްޓޭނެ ގޮތްތައް ހޯދާ ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމާއި، ދިވެހިރާއްޖޭގެ ސަގާފީ އަދި އާސާރީ ތަންތަން ފަތުރުވެރިކަމުގެ ތެރެއިން ދިރުވާ އާލާކުރުމުގެ އިތުރަށް ދެމެހެއްޓެނިވި ގޮތެއްގައި އެ ސިނާއަތު ތަރައްގީކުރުން ހިމެނެއެވެ. އަދި އަންހެނުންގެ ހިއްސާ މި ދާއިރާގައި އިތުރުކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުމާ ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ހިމެނެއެވެ.
މީގެ އިތުރަށް ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް ބޭނުންވާ ތަމްރީންތައް ދެނެގަތުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަތުންވެސް މި ޕްލޭންގައި ވަނީ ހިމަނާފައެވެ.
ފަތުރުވެރިކަމުގެ މާސްޓާ ޕްލޭންގެ މައިގަނޑު މަގްސަދަކީ މަޝްވަރާއާއި، ދިރާސާގެ މައްޗަށް ބިނާކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގްބަލް ބައްޓަންކުރަން ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި މި ސިޔާސަތުތައް ކަނޑައެޅިގެންދާނީ ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އަހަންމިއްޔަތުކަން ދީގެން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ފަސްވަނަ މާސްޓާ ޕްލޭން އެކުލަވާލާފައިވަނީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއި ޚިޔާލުތައް ހޯދައިގެން ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. މިހާރު އަމަލުކުރަމުންދާ ޓޫރިޒަމް މާސްޓާ ޕްލޭން ނެރެފައިވަނީ 2013 ވަނަ އަހަރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ