އިތުބާރު ނެތް މައްސަލާގައި އިސްތިޝާރީ ލަފަޔަކަށް އެދެވިދާނެކަމަށް ސުޕްރީމް ކޯޓުން ބުނެފި

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ އިތުބާރު ނެތްކަމުގެ މައްސަލަތަކާ ބެހޭ ގަވާއިދު ހެދުމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުގައި އިސްތިޝާރީ ލަފަޔަކަށް އެދެވިދާނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައި އެކަން މަޖިލީހަށް އަންގައިފި އެވެ.
އިތުބާރު ނެތް މައްސަލައާ ގުޅޭ ގޮތުން 2017 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނިންމާފައިވާ އެކޯޓުގެ 2017/11 ވަނަ ގަޒިއްޔާގައިވާ ގޮތުން އެ ކޯޓުން ވަކި ގޮތަކަށް ކަނޑައެޅުމުން ނޫނީ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސް ކުރާ އެއްވެސް ފަރާތެއް މަގާމުން ވަކި ނުވާނެ ކަމަށް ބުނެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ސުޕްރީމް ކޯޓުގެ އެހުމާ އެއްގޮތަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ނިންމާފަ އެވެ. އެކޮމެޓީން ނިންމާފައިވަނީ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ރ) ގައި ވެސް ބުނެފައިވާ ގޮތަށް، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހުން އިތުބާރު ނެތް ކަމަށް ފާސް ކުރާ ހިސާބުން އެ ފަރާތަކުން އެ މަގާމުން ވަކިވާ ގޮތަށެވެ.
ސުޕްރީމް ކޯޓުގެ 2017/11 ވަނަ ގައްޒިއްޔާގެ ހުކުމް ގާނޫނު އަސާސީ އާއި މަޖިލީހުން މިހާރު ހަދަން މަސައްކަތް ކުރާ ގަވައިދާ ފުށު އަރާތީ އެ ހުކުމް ރިވިއުކޮށްދިނުމަށް އެދި މިދިޔަ ހޯމަ ދުވަހު މަޖިލީހުން ވަނީ ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވައިފަަ އެވެ.
އެ ސިޓީގެ ޖަވާބުގައި ސުޕްރީމް ކޯޓުން މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 95 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުން ފާސް ކުރާ ގަރާރެއްގެ ދަށުން ސުޕްރީމް ކޯޓުގައި އިސްތިޝާރީ ލަފަޔަކަށް އެދެވިދާނެ ކަމަށެވެ.
ގާނޫނު އަސާސީގެ 95 ވަނަ މާއްދާގައިވާ ގޮތުން ގާނޫނުގައި ކަން އޮތް ގޮތަކާ މެދު އުފެދޭ މުހިންމު ސުވާލުތަކާ މެދު ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދި މަޖިލީހުން ފާސް ކުރާ ގަރާތަކުން އެ ކޯޓަށް ހުށަހެޅިދާނެ އެވެ. އެގޮތުން ގާނޫނު އަސާސީ މާނަ ކުރުމުގެ މައްސަލަތަކާއި ވަކި ގާނޫނެއްގެ ސައްހަ ކަމާމެދު އުފެދޭ ސުވާލުތަކުގެ މައްސަލަތައް ވެސް ހުށަހެޅިދާނެ ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.
ނަަމަވެސް މަޖިލީހުގައި އެ މައްސަލައާ މެދު ބަހުސް ކުރެއްވި ގިނަ މެންބަރުން ގަރާރެއް ހުށަހެޅުއްވުމަށް ދެކޮޅު ހައްދަވަ އެވެ. ބައެއް މެންބަރުން ވިދާޅުވީ އިތުބާރު ނެތް މައްސަލައަކީ ގާނޫނު އަސާސީ އިން ސިދާ ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރެއް ކަމަށެވެ.
ބައެއް މެމްބަރުން ވިދާޅުވީ މިއީ ގާނޫނު މާނަ ކުރުމުގެ ނުވަތަ ގާނޫނެއްގެ ސައްހަކަމާމެދު އުފެދިގެން އުޅޭ ހިޔާލުތަފާތުވުމެއް ވެސް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ