ސިއްހީ ދާއިރާގެ ތަރައްގީއަށް އޮސްޓްރޭލިއާގެ ޔުނިވަސިޓީ އަކާއެކު ސޮއިކޮށްފި
ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް އޮސްޓްރޭލިއާގެ ގްރިފިތް ޔުނިވާސިޓީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. އެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި އެއްބަސްވުމުގެ ދަށުން ސިއްހީ ދާއިރާ އަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ގްރިފިތް ޔުނިވާސިޓީގެ އެހީތެރިކަން ހެލްތު މިނިސްޓްރީއަށް ލިބޭނެ އެވެ. މީގެ އިތުރުން ދެފަރާތް ގުޅިގެން ރިސާޗު ހެދުމާއި ދެފަރާތުގެ މެދުގައި ސިއްހީ ދާއިރާ ކުރިއެރުވުމަށް ތައުލީމާއި ތަމްރީނު ޕްރޮގްރާމުތައް މި އެއްބަސްވުމުގެ ދަށުން ހިންގާނެ އެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި އެކަށީގެންވާ ފެންވަރަށް އެމްބިއުލޭންސްގެ ހިދުމަތް ފުޅާކޮށް އިމަޖެންސީ ފަރުވާ ތަރައްގީ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށްވެސް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އެގޮތުން ޑޮކްޓަރުންނާއި ނަރުހުން، ހެލްތު ވޯކަރުން އަދި އެހެނިހެން ސިއްހީ ހިދުމަތްތެރިން ތަމްރީނުކޮށް ކޮމިޔުނިޓީ ޕެރެމެޑިކްސް ފަދަ ދާއިރާތަކުން ތަމްރީނު ޕްރޮގްރާމުތައް ރާވާ ހިންގާނެ އެވެ. މީގެ އިތުރުން ރާއްޖޭގެ ޔުނިވާސިޓީއަކާ ގުޅިގެން ރާއްޖޭގައި އެމަޖެންސީ ފަރުވާ އަދި ގުޅުންހުރި ތަމްރީނު ޕްރޮގްރާމުތައް ވެސް މި އެއްބަސްވުމުގެ ދަށުން ކުރިއަށްދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ