ކެނދިކުޅުދޫ ސްކޫލް - ސައިންސް ލެބް ފުރިހަމަވާނެ ދުވަހެއްގެ އިންތިޒާރުގައި

(ނ.ކެނދިކުޅުދޫ) މިރަށު ސްކޫލަކީ ނ. އަތޮޅަށް ބަލާލީކަމުގައިވިޔަސް ހިތްހަމަ ޖެހޭވަރުގެ ނަތީޖާއެއް ނެރުމުންދާ ސްކޫލެކެވެ. އާބާދީގައި 1800 އެއްހައި މީހުން މިރަށުގައި ދިރިއުޅޭއިރު، ރަށު ސްކޫލަކީ ތައުލީމީ ގޮތުން ރަށަށް ފަހުރުވެރި ވަނަތައް ހޯދާފައިވާ ސްކޫލެކެވެ.
ކެނދިކުޅުދޫ ސްކޫލަށް "ވަގުތު" ޓީމުން ޒިޔާރަތްކޮށް ސްކޫލުގެ ސީނިއަރ މެނޭޖްމެންޓާއި ވާހަކަ ދައްކާލަން ލިބުނު ފުރުސަތުގައި އެނގިގެން ދިޔައީ އެ ސްކޫލްގައި ފައުންޑޭޝަން ލެވެލް އިން ފެށިގެން މަތީ ސާނަވީއަށް ކިޔަވައިދެމުގެންދާ ސުކޫލެއްކަމެވެ. އެއްދަން ފަޅިއަކަށް ކިޔަވައިދެމެންދާ އެ ސްކޫލްގައި 417 ކުދިން މިވަގުތު ތައުލީމް ހާސިލް ކުރަމުން ދެއެވެ. އެ ރަށު ސްކޫލްގައި 100 އެއްހާ ކުދިންނަކީ ރަށުން ބޭރުން މިރަށުގައި ކިޔަވަމުންދާ ދަރިވަރުންކަން ސްކޫލް މެނޭޖްމަންޓްއިން ވަނީ ފާހަގަކޮށްފައެވެ.
52 ޓީޗަރުންނާއެކު ކިޔަވައިދެމުންދާ ކެނދިކުޅުދޫ ސްކޫލްގައި މިހާރު އޮތް އެންމެ ބޮޑެ ގޮންޖެހުމަކީ ސްކޫލްގެ ސައިންސް ލެބަށް ބޭނުންވާ ކެމިކަލް ނުލިބުމުގެ މައްސަލައެވެ. "ސްކޫލްގައި ސައިންސްލެބެއް އެބަހުރި އެހެންނަމަވެސް ކެމިކަލް ނެތީމަ އެއްވެސް އެކްސްޕެރިމަންޓެއް ނެހެދިފަ ހުންނަނީ. އޯލެވެލް އުފެއްދިއިރު ކެމިކަލް ލިބުނު. އެހެންނަމަވެސް ފަހުން ލިބެން ނުހުރޭ" މިވަގުތު ސްކޫލާއި ހަވާލުވެ ހުންނެވި ސްކޫލްގެ ލީޑިންގ ޓީޗަރ ސިމަން ހަސަން ދީދީ ވިދާޅުވިއެވެ.
ސިމަން ވިދާޅުވީ ކެމިކަލް ނުލިބި އެކްސްޕެރިމަންޓްތައް ނެހެދިކަމުގައިވިޔަސް ކުދިންގެ ނަތީއްޖާއަކަށް ބަދަލެއް އައިސްފައިނުވާކަމަށެވެ. ކެމިކަލް ނެތުމުގެ ސަބަބުން ދަރިވަރުންގެ ނަތީޖާ އަށް ބަދަލެއް އައިސްދާނެ ކަމަށް އޭނާ ގަބޫލުފުޅެއް ވެސް ނުކުރައްވައެވެ.
"ސްކޫލްގެ ކްލާސް ތެރޭ ހުންނަ ޓީވީ ބޭނުންކޮށްގެން އެހެން ރަށްރަށުގެ ކުދިން ހަދާފަ ހުންނަ އެކްޕެރިމަންޓް ބަލައިގެން އެ މަސައްކަތްތައް ކުރަނީ. ނެޓުން ޑައުންލޯޑް ކޮށްގެން ވެސް އެކްސްޕެރިމެންޓް ހަދާ ގޮތް ދަރިވަރުންނަށް ދައްކަން. އެހެންކަމުން އެކްސްޕެރިމެންޓް ނުހެދުމަކީ ނަތީޖާ ދައްވާނެ ސަބަބެއް ކަމަށް ގަބޫލެއް ނުކުރެވޭ" ސިމަން ވިދާޅުވިއެވެ.
ސްކޫލްގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑެވެ. ލައިބްރަރީ އާއި އޭވީ ރޫމްގެ އިތުރުން ކޮމްޕިއުޓަރ ލެބް ވެސް ކުދިންގެ ބައެއް އެހެން މާއްދާތައް ނަގަން ކްލާސް ރޫމްތަކެއްގެ ގޮތުގައި ދަނީ ބޭނުން ކުރެވެމުންނެވެ. އެހެން ނަމަވެސް އެ ސްކޫލްގައި މިހާރު އާ ހަތަރު ކްލާސް ރޫމާއި ހޯލެއް ދަނީ އިމާރާތް ކުރަމުންނެވެ. މި އަހަރު ތެރޭ އެ ހަތަރު ކްލާސް ރޫމްވެސް ނިމިގެންދާނެކަމަށް އެ ސްކޫލުން މައުލޫމާތުދެއެވެ.
"ސްކޫލްގައި މިހާރު އިމާރާތް ކުރަމުންދާ ހަތަރު ކްލާސް ރޫމްގެ މަސައްކަތް ނިމުމުން ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ" ސިމަން ވިދާޅުވިއެވެ.
މި ސްކޫލްގައި އަޅާ އައު ހަތަރު ކްލާސް ރޫމާއި އަދި ހޯލްގެ މަސައްކަތަށް ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވެއެވެ.
ދެ ސްޓްރީމަށް ކިޔަވައިދެމުން އަންނަ ކެނދިކުޅުދޫ ސްކޫލްގެ ދަރިވަރުންގެ ނަތީއްޖާއާއި ދޭތެރޭ ސްކޫލްން ހިތްހަމަޖެހޭކަމަށް އެ ސްކޫލް މެނޭޖްމެންޓްއިން ބުނެއެވެ. މީގެ ކުރީ އަހަރުތަކުގައިވެސް އެ ސްކޫލްގެ ދަރިވަރުން ވަނީ ސާނަވީ އިމްތިހާން ގައިވެސް އަދި މަތީސާނަވީ އިމްތިހާން ގައި ވެސް ރަނގަޅު ނަތީއްޖާތަކެއް ހޯދާފައެވެ. ސްކޫލްގެ ދަރިވަރުންތަކެއް ވަނީ ނޭޝަނަލް ޓޮޕްޓެން ގައި ވެސް ހިމެނިފައެވެ.
ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތްތައް އެ ސްކޫލްގައި ހިންގަމުންދާއިރު، ގިނަ އަދަދެއްގެ ދަރިވަރިން ދަނީ އެ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ. އެގޮތުން އިންޓަރ ހައުސްގެ މުބާރާތްތަކާއި، އަދަބީ ފޯވަހި، ޤުރުޢާން މުބާރާތްތައްވެސް ކާމިޔާބު ކަމާއެކު ކޮންމެ އަހަރަކުވެސް އަންނަނީ ހިންގަމުންދެއެވެ.
ކެނދިކުޅުދޫ ސްކޫލްގައި އިތުރު ހަރަކާތެއްގެ ގޮތުން ސްކައުޓް އަދި ގާރލްގައިޑް ހަރަކާތްތައް ކުރިއަށް ގެންދެއެވެ. މީގެ އިތުރުން ސްކޫލުން މިހާރުވެސް ބީޓެކް ޕްރޮގްރާމްގައި 15 ދަރިވަރަކު ދަނީ މަސައްކަތުގެ އަމަލި ތަޖުރިބާ ހޯދަމުންނެވެ. އަދި ދަސްވާރު ޕްރޮގްރާމްގައިވެސް ކުދިން ދަނީ ދަނީ މަސައްކަތުގެ އަމަލި ތަޖުރިބާ ހޯދަމުންނެވެ. "މިހާރުވެސް ރިޒޯޓްތަކާއި މިދަނީ ވާހަކަދައްކަމުން ކުދިން ތަޖުރިބާ ހޯދަން ފޮނުވަން. ދަސްވާރު ޕްރޮގްރާމް އަދި ބީޓެކް ޕްރޮގްރާމްގެ ދަށުން ބައެއް ކުދިން ފާރމަސީތަކުގައިވެސް މަސައްކަތުގައި ތަޖުރިބާ ހޯދާފައި ހުންނާނެ." ސިމަން ވިދާޅުވިއެވެ.
މި ރަށުގައި ދެ އަވަށް އޮންނައިރު، ސްކޫލަށް ކުދިން ގެންދިޔުމަށް ބަހުގެ ޚިދުމަތް ދަނީ ދެމުންނެވެ. މަހެއްގެ މައްޗަށް ކޮންމެ ކުއްޖަކަށް ބަހަށް ދޭން ޖެހެނީ 50 ރުފިޔާއެވެ. ބަހުގެ ހިދުމަތް ބޮޑަށް ދެނީ ކުޑަކުދިންނަށެވެ.
އެ ސްކޫލްގައި މާސްޓަރސް ފެންވަރުގެ ޓީޗަރުންނާއި، ޑިގްރީ ފެންވަރުގެ ޓީޗަރުންގެ އިތުރުން ޑިޕްލޮމާ ފެންވަރުގެ ޓީޗަރުންވެސް ދަރިވަރުންނަށް ކިޔަވައިދިނުމުގައި ހަރަކާތެރިވެއެވެ. ބައެއް ޓީޗަރުން ދަރިވަރުންނަށް ކިޔަވާދެމުން ބްލޮކް މޯޑަށް ކިޔަވަންދާކަމަށް ސްކޫލް މެނޭޖްމަންޓްއިން ވަނީ ފާހަގަކުރައްވާފައެވެ.
ބެލެނެވެރިންގެ ފަރާތުން ސްކޫލަށް ލިބޭ އެހީތެރިކާމާއި އެއްބާރުލުމަކީ ފާހާގަކޮށްލަންޖެހޭކަމަކެވެ. އެ ސްކޫލްގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ކުރިއަށް އޮތް އަހަރުތަކުގައިވެސް މިހާރަށްތުރެ ރަނގަޅު ނަތީއްޖާއެއް ނެރެދިނުންކަން ޔަގީނެވެ.
ހެނބަދޫ ސުކޫލަށް "ވަގުތު" އިން ކުރި ޒިޔާރަތުގައި އެސުކޫލަށް ވަނީ "ވަގުތު" ފަރާތުން ޕްރިންޓަރެއް ހަދިޔާ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ