ފަރަންސޭސި ރައްޔިތުން އެ މީހުންގެ ރައީސަކު މިއަދު އިންތިޚާބުކުރާނެ

ޕެރިސް (މޭ6): ފަރަންސޭސި ރިޔާސީރޭހުގެ ދެ ވަނަ ބުރުގައި ވޯޓުލުން މިއަދު ފެށިއްޖެ އެވެ. ވޯޓުލުން ފުރަތަމަ ފެށީ އޭޝިޔާ ޕެސިފިކް ޤައުމުތަކުގައި ދިރިއުޅޭ ފަރަންސޭސިރައްޔިތުންނެވެ.
މިބުރުގައި ވޯޓުލުމުގެ ޙައްޤު ފަރަންސޭސި ރައްޔިތުންގެ ތެރެއިން 46 މިލިޔަން މީހުންނަށް ލިބިގެންވެ އެވެ.
ފަރަންސޭސިވިލާތުގައި ވޯޓުލާން ފެށޭނީ އެޤައުމުގެ ގަޑިން މިއަދު ހެނދުނު 8.00 ގައެވެ. މިއިންތިޚާބުގެ ފުރަތަމަބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ލިބިފައި ނުވާއިރު ސޯސަލިސްޓް ކެންޑިޑޭޓް ފްރާންސްވާ އޮލާންޑޭށް ވުރެ ރައީސް ނިކޮލައި ސަކޯޒީ އަށް ލިބިވަޑައިގެންނެވި ވޯޓުދަށެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ސަކޯޒީ އަށް ލިބުނީ 27.07 ޕަސެންޓް ވޯޓެވެ. އޮލާންޑޭއަށް ލިބުނީ 28.56 ޕަސެންޓް ވޯޓެވެ.
ދެ ވަނަބުރުގައި މިދެބޭފުޅުންގެ މަޤްބޫލުކަން ހުރި މިންވަރު ބެލުމަށް ކުރި ޚިޔާލުހޯދުމުގެ ސަރވޭގެ ނަތީޖާ ދައްކާގޮތުން އިންތިޚާބު ކާމިޔާބުކުރައްވާނީ އިދިކޮޅު ސޯސަލިސްޓް ލީޑަރ ފްރާންސްވާ އޮލާންޑޭ އެވެ. އޮލަންޑޭ އަށް 52.2 ޕަސެންޓް ވޯޓުލިބޭނެ ކަމަށް ޚިޔާލުހޯދުމުގެ އެންމެފަހުގެ ސަރވޭގެ ނަތީޖާ ދައްކަ އެވެ. ނަމަވެސް ރައީސް ސަރކޯޒީވަނީ އޮލާންޑޭއަށް ތާއީދުކުރާ ފަރާތްތަކަށް ވޯޓުގެ ނަތީޖާ އިން ޙައިރާންކަން ލިބޭނެ ކަމަށް ސިފަކުރައްވައި އިންތިޚާބު ކާމިޔާބުކުރައް ވާނީ އޭނާ ކަމަށް ވިދާޅުވެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ފަރަންސޭސި ރައްޔިތުން އެމީހުންގެ ރައީސްކަމަށް އިންތިޚާބުކުރާނީ އެޤައުމަށް ކުރިމަތިވެފައިވާ މައިގަނޑު ދެ މައްސަލަކަމަށްވާ އިޤްތިސާދީ މައްސަލައާއި ހިޖްރައިގެ މައްސަލަ ޙައްލުކުރެވޭނެ ކަމަށް އެމީހުންނަށް ފެންނަ ކެންޑިޑޭޓަކަށެވެ. މިގޮތުން މި ދެ މައްސަލަ ޙައްލުކުރުމުގައި ސަރކޯޒީއަށް ވުރެ އޮލާންޑޭ އަށް ގިނަރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމަށާއި އެހެންކަމުން އިންތިޚާބު ކާމިޔަބުކުރުމުގެ ފުރުސަތުބޮޑީ އޮލާންޑޭއަށް ކަމަށް މުޙައްލިލުން ދެކެ އެވެ. (ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ