ފާއިތުވި އަހަރު ސިއްހީ ދާއިރާގެ ތަރައްޤީ އަށް 163 ޕްރޮޖެކްޓެއް ހިންގިފައިވޭ - މިނިސްޓަރ

ނިމިގެންދިޔަ 2015 ވަނަ އަހަރުގެ ތެރޭގައި ސިއްހީ ދާއިރާގެ ތަރައްޤީ އަށް 163 ޕްރޮޖެކްޓެއް ހިންގިފައިވާކަމަށް ސިއްހީ ދާއިރާގެ ވަޒީދު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ސިއްހީ ދާއިރާގައި ކުރެވެމުން ދާ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސިއްހީ ދާއިރާގެ ކުރިއެރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އަދި ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުން އަންނަ ކަމަށެވެ. މިގޮތުން ފަސް އޮތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގައި ތެލެސީމިއާ ސްކްރީނިންގ ގެ ޚިދުމަތް ޤާއިމް ކުރެވިފައިވާ ކަމަށާއި، އަމާޒަކީ މިއަހަރުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައިވެސް މިޚިދުމަތް ޤާއިމް ކުރެވިގެން ދިއުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ
މީގެ އިތުރުން މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ޚިދުމަތާއި މެމޮގްރަފީގެ ޚިދުމަތް ޤާއިމް ކުރުމަށް މަސައްކަތްތަކެއް ކުރެވެމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުޑަކުދިންގެ ޑޮކްޓަރުންނާއި އަންހެނުންގެ ޑޮކްޓަރުން އަދި އެނެސްތެޓިކުން ޤާއިމް ކުރެވިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށްވެސް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިގޮތުން ސުޕަރސްޕެޝަލިސްތުންގެ ގޮތުގައި ތަމްރީނުވުމަށް މިދިޔަ އަހަރު 21 ފަރާތަކަށް ފުރުސަތު ވެފިފައިވާ ކަމަށާއި، މިއަހަރުވެސް 10 ފަރާތަކަށް ފުރުސަތު ލިބިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސިއްހީ ދާއިރާގެ ފެންވަރު ރަނގަޅުކޮށް މި ދާއިރާ އަށް ދިވެހިން ނެރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން 76 ދިވެހި ނަރުހުންނާއި 10 ސްޕެޝަލިސްޓް ޑޮކްޓަރުން އަދި 15 މެޑިކަލް އޮފިސަރުން މިދާއިރާއަށް ނެރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ