ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ލިވިން އެލަވަންސް ދެނީ

ރާއްޖޭގެ ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް، ލިވިން އަދި ސާވިސް އެލަވަންސް ދިނުމަށް ނިންމައިފިއެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއިކުރައްވާ ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ އެލަވަންސް ދިނުމަށްޓަކައި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގެ 53 ވަނަ މާއްދާ އިސްލާހުކޮށްފައިވާ ކަމަށެވެ.
ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ލިވިން އެލަވަންސާއި ސާވިސް އެލަވަންސް ދޭން ނިންމީ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގައި މަސައްކަތް ކުރާ މުވައްޒަފުން މިނިވަންކަމާއި މުސްތަގިއްލު ކަމާއެކު މަސައްކަތް ކުރުން ކަށަވަރުކުރުމަށްޓަކައި އެކަށީގެންވާ މިންވަރުގެ އުޖޫރައެއް ލިބިދިނުމަކީ މުހިއްމު ކަމެއް ކަމަށް ފެންނާތީ ކަމަށް ވެސް ސާކިއުލާގައި ބުނެފައިވެއެވެ.
މީގެ ކުރިން ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ދެމުން ގެންގޮސްފައި ވަނީ ސާވިސް އެލަވަންސް އެކަންޏެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގެ 53 ވަނަ މާއްދާ (ނ)ގައި ބުނެފައިވަނީ ކޮންމެ މުވައްޒަފަކަށް ވަޒީފާ ދިން ކަން އަންގާ ޗިޓުގައި އެ މުވައްޒަފަކަށް ކަނޑައެޅިފައިވާ ސާވިސް އެލަވަންސާއި ލިވިން އެލަވަންސް ބަޔާންކުރަންވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ