ޖަލަށްލިޔަސް އަބްދުﷲ ގާޒީ ދޫކޮށްނުލާނެ ކަމަށް ތޮލްހަތު ވިދާޅުވި: ހެއްކެއް

ދިގު މުއްދަތަކަށް ޖަލަށްލިޔަސް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ދޫކޮށް ނުލާނެ ކަމަށް އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ވިދާޅުވި ކަމަށް ދައުލަތުގެ ހެކިވެރިއަކު ކްރިމިނަލް ކޯޓުގައި މިރޭ ބުނެފި އެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ތޮލްހަތުގެ މައްޗަށް ކުރާ ދައުވާގެ މިރޭގެ އަޑުއެހުމުގައި އެގޮތަށް ހެކިބަސް ދިނީ ޑިފެންސް މިނިސްޓަރަކަށް ތޮލްހަތު ހުންނެވިއިރު އޭނާގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ކެޕްޓަން އަލީ އިހުސާނެވެ.
އިހުސާން ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރާ ވާހަކަ ކޮންމެވެސް މީހަކާ ފޯނުން ވާހަކަ ދައްކަމުން ތޮލްހަތު ބުނި ކަމަށާއި 30 އަހަރަށް ޖަލަށްލިޔަސް ގާޒީ ދޫކޮށްނުލާނެ ކަމަށް އެ ފޯން ކޯލްގައި ތޮލްހަތު ވިދާޅުވި ކަމަށް އިހުސާން ވިދާޅުވި އެވެ. ނަމަވެސް އެ ފޯން ކޯލްގައި ތޮލްހަތު ވާހަކަ ދެއްކީ ކާކާ ކަމެއް ސާފު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި އަބްދުﷲ ގާޒީ ހައްޔަރު ކުރުމުން އޭނާ ދޫކޮށްލަން އެތައް ފަހަރަކު ކޯޓުތަކުން ކުރި އަމުރުތައް ހިފައިގެން ތޮލްހަތާ ހަމައަށް ދިއުމުން އެ އަމުރުތަކާ ހަވާލުވި ކަމަށް ސޮއި ނުކޮށް، އެ ތަކެތި ފައިލް ކުރަން ތޮލްހަތު އަންގަ އެވެ. އަދި އެގޮތަށް އަންގަނީ އޭރުގެ ރައީސް މުހައްމަދު ނަޝީދަށް ގުޅުއްވުމަށް ފަހު ކަމަށާއި އެ އަމުރުތައް އައުމުން ދެ ފަހަރަކު ރައީސް ނަޝީދަށް ތޮލްހަތު ގުޅުއްވި ކަމަށް އިހުސާން ވިދާޅުވި އެވެ. އެގޮތަށް ގުޅުއްވާ ކޮންމެ ފަހަރަކު "ތޮލްހަތު ތި އެއްޗެހިތައް ބަހައްޓާށޭ" ނަޝީދު ވިދާޅުވާ އަޑު އިވޭ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރަން ހިންގި އޮޕަރޭޝަންގެ ކޮމާންޑަރަކަށް ހުންނެވި އިބްރާހިމް ދީދީއަށް ކޮމާންޑް ކުރެވޭނީ ތޮލްހަތަށާއި ރައީސަށް ކަމަށާއި ނަމަވެސް އޭރު އިބްރާހިމް ދީދީއަށް އަމުރު ކުރަމުން ދިޔައީ ތޮލްހަތު ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި އެކަމުގެ ސްޓްރެޓީޖިކް ނިންމުންތައް ނިންމަމުން ދިޔައީ ވެސް ސީދާ ތޮލްހަތު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި ގާޒީ ހައްޔަރު ކުރުމުގެ ދެތިން ދުވަހެއް ކުރިން ސިފައިންގެ އިސް އޮފިސަރުންތަކާ އެކު ތޮލްހަތު ބައްދަލުވުމެއް ބޭއްވި އެވެ.
މިއަދުގެ އަޑުއެހުމުގައި ދެވަނައަށް ހެކިބަސް ދިނީ ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ. ހެކިބަސް ދެމުން އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ގިރިފުށީގައި ބަންދުކޮށްފައި ހުއްޓާ ތޮލްހަތު އެރަށަށް ގޮސް ގާޒީ އާ ބައްދަލުކުރި ކަމަށާއި އެ ބައްދަލުވުމުގައި ތޮލްހަތާ އެކު އެހެން ބަޔަކު ވެސް ދިޔަ ކަމަށެވެ. އަދި ގާޒީ އާ ބައްދަލުކުރަން އެރަށަށް ދާ ފަރާތްތަކާ އެކު ދާން ވެސް ބައެއް ފަހަރު ތޮލްހަތު އޭނާއަށް އަންގާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ ދެތިން ދުވަސް ކުރިން ސިފައިންގެ އިސް އޮފިސަރުންނާ އެކު ތޮލްހަތު ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި މަޝްވަރާ ކުރީ ފުލުހުން ހައްޔަރުކުރާ މީހުން ދޫކޮށްލަން ޖެހޭތީ އެކަމުގައި ފުލުހުންނަށް އެހީތެރިކަން ދިނުމާ ބެހޭގޮތުން ކަމަށެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރުކުރި ފަހުން އޭނާގެ އާއިލާއާ ބައްދަލުކުރަން ވެސް އެގެއަށް ގޮސްފައިވާނެ ކަމަށާއި އެކަން ކުރީ ކާނަލް މުހައްމަދު ޒިޔާދު އަންގައިގެން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
މިރޭގެ އަޑުއެހުން ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާ ރޭ ވެސް އޮންނާނެ ކަމަށެވެ. އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުން މިރޭ 10:00 ގައި ކުރިއަށް ގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ