އިސާކް ހުރީ މާ ގަދަ ފޯމެއްގައި؛ ނިއުކާސްލް ހަތަރުވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސްލް ޔުނައިޓެޑުން ވުލްވަހެމްޕްޓަން ވޮންޑަރާސް ބަލިކޮށް، ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ. ނިއުކާސްލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-0 އިންނެވެ. މެޗުގައި ނިއުކާސްލްގެ ތަރިއަކަށްވީ މި ވަގުތު އެންމެ ފޯމުގައި ހުރި އެލެގްޒެންޑާ އިސާކެވެ. އޭނާ ވަނީ މެޗުގައި ދެ ލަނޑު ޖަހައި، އިތުރު ލަނޑެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ. ނިއުކާސްލްގެ ފުރަތަމަ ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ އިސާކެވެ. އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ 57 ވަނަ މިނެޓުގައެވެ. މިއީ މި ސީޒަންގައި ލީގުގައި އިސާކް ކާމިޔާބުކުރި 15 ވަނަ ލަނޑެވެ. އޭނާ މިހާރު ވަނީ ލަނޑު ލިސްޓްގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. މެޗުގައި ކާމިޔާބުކުރި ލަނޑުތަކާ އެކު އިސާކްވެފައިވަނީ ޖެހިޖެހިގެން އަށް މެޗުގައި ލަނޑު ޖެހި ނިއުކާސްލްގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. ނިއުކާސްލްގެ ފަހު ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ އެންތަނީ ގޯޑަންއެވެ. މެޗުގެ ދެވަނަ ހާފުގައި ވުލްވްސްއިން ލަނޑެއް ޖެހޭތޯ މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. މި ކާމިޔާބީއާ އެކު ނިއުކާސްލް މިހާރު އޮތީ 38 ޕޮއިންޓާ އެކު ހަތަރުވަނައަށް ކުރިއަށް ޖެހިލާފައެވެ. ވުލްވްސް އޮތީ 16 ޕޮއިންޓާ އެކު 18 ވަނައިގައެވެ. މުބާރާތުގައި ކްރިސްޓަލް ޕެލަސްއާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ރަށުން ބޭރުގައި 2-0 އިން ކާމިޔާބުކޮށްފައިވަނީ ޕެލަސްއިންނެވެ. މެޗުގައި ޕެލަސްގެ ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖޮން ފިލީޕޭ މަޓޭޓާއާއި މާކް ގުއޭހީއެވެ. ލެސްޓާއިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި ނަމަވެސް އެ ޓީމަށް ޕެލަސްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މި ކާމިޔާބީއާ އެކު ޕެލަސް މިހާރު އޮތީ 24 ޕޮއިންޓާ އެކު 14 ވަނައިގައެވެ. ލެސްޓާ އޮތީ 14 ޕޮއިންޓާ އެކު 19 ވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ