ހަފްތާ ބަންދުގައި އީރާނާ އެކު އެއްބަސްވުމަކަށް އާދެވިދާނެ: ޓްރަމްޕް

މި ބަންދު ހަފްތާ ބަންދުގައި އީރާނާ އެކު ސުލްހައިގެ އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕު މިހެން ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމަށް ކުރާ މަޝްވަރާތަކުން "އެދެވޭ އެއްވެސް ކުރިއެރުމެއް" ލިބިފައިނުވާ ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވެފައި ވަނިކޮށެވެ.
ނަމަވެސް ޓްރަމްޕް ވަނީ ވައިޓް ހައުސްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވަރަށް އުންމީދީ ރާގެއްގައި ވަނީ މި މަޝްވަރާތަކުން މި ހަފްތާ ބަންދުގައި ނަތީޖާއެއް ނިކުމެދާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި މަޝްވަރާތައް ދަނީ ވަރަށް ރަނގަޅަށެވެ.
"އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި މަޝްވަރާތައް ކުރިއަށްދަނީ ވަރަށް ރަނގަޅަށް. ފަހަރެއްގައި މި ހަފްތާ ބަންދުގައި އެއްބަސްވުމަކަށް އާދެވިދާނެ،" ޓްރަމްޕު ވިދާޅުވި އެވެ.
ޓްރަމްޕު މިހެން ވާހަކަ ދެއްކެވި ނަމަވެސް މަސްރަހު އަނެއްކާވެސް ވަނީ ނުތަނަވަސްވެފަ އެވެ. ކުވެއިތުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުގެ ފަސިންޖަރުންގެ ޓާމިނަލަށް ދިން ޑްރޯން ހަމަލާއެއްގައި އިންޑިއާ މީހަކު މަރުވެ، 63 މީހުން ވަނީ ޒަހަމްވެފަ އެވެ. ކުވެއިތުގެ އަސްކަރިއްޔާއިން މި ހަމަލާ އީރާނުގެ އުދުވާނެއްގެ ގޮތުގައި ކުށްވެރިކޮށްފައިވާއިރު، އީރާނުގެ އަސްކަރިއްޔާއިން ވަނީ އެއީ އެމެރިކާގެ ޕެޓްރިއަޓް މިސައިލް ސިސްޓަމަށް އެރި އޮޅުމެއްގެ ސަބަބުން ދިމާވި ހާދިސާއެއް ކަމަށް ބުނެފަ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވި ގޮތުގައި ސުލްހައިގެ އެއްބަސްވުމަކަށް ދިއުމަށްޓަކައި އީރާނުން ނިއުކްލިއާ ހަރަކާތްތައް ހުއްޓާލައި، ހަތިޔާރު އުފެއްދުމާ ގާތްކުރާ މިންވަރަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމްތައް އެމެރިކާއާ ހަވާލުކުރަން ޖެހެ އެވެ. އަދި ތެޔޮ އުފުލާ މުހިންމު މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވަން ޖެހެ އެވެ. މިއާ ހިލާފަށް، އީރާނުގެ ފޮރިން މިނިސްޓަރު އަރާގްޗީ ވިދާޅުވީ އެމެރިކާއާ އެކު މުއާސަލާތީ މަގުތައް ހުޅުވިފައި ހުރި ނަމަވެސް، އިޒްރޭލުން ލުބުނާނުގެ ބެއިރޫތަށް ދޭ ހަމަލާތައް ހުއްޓާނުލާ ނަމަ، މުޅި ސަރަހައްދުގައި އަނެއްކާވެސް ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމަށެވެ. އަދި ބެއިރޫތަށް ހަމަލާދީފި ނަމަ ރައްދު ހަމަލާ ދިނުމަށް އީރާނުގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް ޓްރަމްޕް ބޭނުންވަނީ އެމެރިކާ-އީރާނު ހަނގުރާމައިގެ މަޝްވަރާތަކާއި، އިޒްރާއީލް-ހިޒްބުالله ގެ ހަމަލާތަކުގެ މަޝްވަރާ ވަކި ދެ ކަމެއްގެ ގޮތުގައި ކުރިއަށް ގެންދާށެވެ. ނަމަވެސް އީރާނާއި ހިޒްބުالله އިން ބުނަނީ ދެ ކަންތައް އޮތީ ގުޅިފައި ކަމަށެވެ. ހިޒްބުالله ގެ އިސް ބޭފުޅެއް ކަމަށްވާ މަހްމޫދު ގޮމާތީ ވިދާޅުވި ގޮތުގައި އެ ޖަމާއަތުން "ބައިބަޔަށް ބަހާލައިގެން" ގެންނަ ފަދަ ވަގުތީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގަބޫލެއް ނުކުރާނެ އެވެ.
އޭޕްރީލް 8 ގައި ގާއިމުކުރި ހަމަލާބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުން މިހާރު ބޮޑު ސުވާލެއްގެ ތެރޭގަ އެވެ. އަނެއްކޮޅުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އީރާނުން "އަލިފާނާ ކުޅެމުންދާ" ކަމަށް ބުނެ، ބޭނުންވެއްޖެ ހާލަތެއްގައި ފުރިހަމަ އަސްކަރީ ފިޔަވަޅު އެޅުމަށް އެމެރިކާ އާއި އިޒްރޭލު ތައްޔާރަށް އޮތް ކަމަށް ބުނެ އިންޒާރެއް ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ