އެމްއެމްއޭއިން ދޭ ފައިނޭންޝަލް އިންކްލޫޝަން އެވޯޑު އިސްލާމިކް ބޭންކަށް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް ތައާރަފުކުރި މޯލްޑިވްސް ފައިނޭންޝަލް ސެކްޓަ އެވޯޑްސްގައި، މާލީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތްތަކަށްދޭ "އެކްސެލެންސް އިން ފައިނޭންޝަލް އިންކްލޫޝަން" އެވޯޑު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އަށް ލިބިއްޖެއެވެ. އެމްއެމްއޭގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، އެމްއައިބީގެ އިތުރުން މި އެވޯޑު އެލައިޑް އިންޝުއަރެންސްއަށް ވެސް ވަނީ ލިބިފައެވެ. އެއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެ މުއައްސަސާތަކުން ކޮށްފައިވާ ނަމޫނާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މި އަހަރު އަލަށް އެރުވި ޝަރަފެކެވެ. https://sun.mv/224101 މޯލްޑިވްސް އިސްލާމިކް ބޭންކަށް މި އެވޯޑު ލިބުމުގެ އެންމެ ބޮޑު ސަބަބަކީ އެ ބޭންކުން ތައާރަފުކުރި "އެޕްލައި ނައު" ޑިޖިޓަލް ޕްލެޓްފޯމެވެ. މި ޚިދުމަތުގެ ސަބަބުން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް އަމިއްލަ އެކައުންޓާއި ވިޔަފާރި އެކައުންޓު ހުޅުވުމުގެ ފުރުސަތު ފަހިވެފައިވެއެވެ. އެމްއައިބީން ހާމަކުރި ގޮތުގައި މިހާތަނަށް 88,000 އަށްވުރެ ގިނަ ކަސްޓަމަރުން އޮންލައިންކޮށް އެކައުންޓު ހުޅުވާފައިވާއިރު، އޭގެ ތެރެއިން 55 އިންސައްތައަކީ ބޭންކުގެ ބްރާންޗެއް ނެތް ރަށްރަށުގެ މީހުންނެވެ. https://sun.mv/224100 މި ރަސްމިއްޔާތުގައި ޖުމްލަ ހަތް ދާއިރާއަކުން އެވޯޑު ދީފައިވެ އެވެ. އޭގެ ތެރޭގައި ތިމާވެއްޓާ ރައްޓެހި މާލީ ޚިދުމަތްދޭ އެވޯޑް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބުނުއިރު، ޑިޖިޓަލް ފައިނޭންސް އަދި އިނޮވޭޝަން އެވޯޑް ލިބުނީ ފަހިޕޭއަށެވެ. މީގެ އިތުރުން، އެމްއެމްއޭގެ ގަވަރުނަރުކަމާއި ޑެޕިއުޓީ ގަވަރުނަރުކަން ކުރެއްވި 10 ބޭފުޅެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އެވޯޑު އަރުވާފައިވެއެވެ. އެމްއެމްއޭއިން ބުނީ މާލީ ދާއިރާ ތަރައްގީކުރުމުގައި ފައިނޭންޝަލް އިންކްލޫޝަން ނުވަތަ މާލީ ބައިވެރިވުން އިތުރުކުރުމަކީ އެންމެ މުހިންމު އެއް އަސާސް ކަމަށެވެ. މިފަދަ އެވޯޑުތަކުގެ ސަބަބުން މާލީ ޚިދުމަތްތައް ދޭ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އުފެދި، ރައްޔިތުންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ގައުމުގެ އިގުތިސާދީ ކުރިއެރުމަށް ބޮޑު ބާރަކަށް ވާނެ ކަމަށް އެ އިދާރާއިން ގަބޫލުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ