އިދިކޮޅުގެ ރައްދު ރިޔާސީ ބަޔާނަށް: ”ތިއީ ކުލަ ނެތް، ހުވަފެނެއް“!

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނަކީ ”ކުލަ ނެތް ހުވަފެން“ ރައްޔިތުންނަށް ދެއްކުންކަމަށާއި، ގައުމުގެ ހާލަތާއި ގުޅޭގޮތުން ސަރުކާރުގެ އެއްވެސް ކަންބޮޑުމެއް އޮތްތަން ނުފެންނަކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.
ރޯދަ މަހަށް ފަހު މަޖިލީހުގެ ޖަލްސާތައް މި ހަފްތާގައި ފެށިއިރު، މިއަދުގެ ޖަލްސާގައި އޮތީ 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާދެއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅުގެ ރައްދު ދިނުމެވެ. އެގޮތުން މިއަދުގެ ޖަލްސާގައި އެންމެ ފުރަތަމަ ވެސް އެޖެންޑާގައި އޮތީ، އެމްޑީޕީ ޕީޖީ ލީޑަރު ރިޔާސީ ބަޔާނުގައި ހިމެނޭ ކަންކަމުގެ މައްޗަށް ރައްދު ދެއްވައި، އެ ޕާޓީގެ ވިސްނުން ހާމަކުރުމެވެ.
ނާޒިލް އިއްވެވި ޖަވާބުގައި، މި އަހަރުގެ ރިޔާސީ ބަޔާނަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު، ”ކުލަނެތް ކޮޕީއެއް“ ގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ. ނާޒިލް ވިދާޅުވީ، ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ކޮންމެ އަހަރަކުވެސް ގައުމުގެ ހާލަތު ބަޔާންކޮށް، އެ ހާލަތު ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، މި އަހަރުގެ ބަޔާނުގައި އެކަންކަން ފުރިހަމަވެފައި ނުވާ ކަމަށެވެ.
ނާޒިލް ވިދާޅުވީ ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު ބަޔާންކޮށްދެއްވިފައި ނުވާއިރު، ހާލަތު ރަނގަޅު ކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތައް ވެސް ތަފްސީލުކޮށްދެވިފައި ނުވާކަމަށެވެ.
މިއީ ނާގާބިލު ސަރުކާރެއްކަމަށް ސިފަ ކުރައްވައި ނާޒިލް ވިދާޅުވީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރައީސް މުއިއްޒުގެ ސަރުކާރު ފެއިލްވެފައިވާ ކަމަށެވެ. ހާއްސަކޮށް ސިއްހީ ދާއިރާއިން އާސަންދައިގެ ހިދުމަތް ދަށަށް ގޮސް، ބޭސް ސިޓީއަށް ބޭސް ނުލިބޭ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ޔޫރަޕްގެ މޮޅު ބޭސް ގެންނާނެކަމަށް ރައްޔިތުންނަށް ”ހުވަފެން ދެއްކުމަށް ފަހު“، ކުރިން ލިބެމުން އައި ބޭސްތައް ވެސް މިހާރު ނުލިބޭކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިލް ވަނީ ”ފެންވަރު އޮޅުނީތޯއޭ ނިދީގައި އޮތް ހަނދަށް އެރި“ ޅެންބައިތު ބޭނުންކޮށް ސަރުކާރަށް މަލާމާތް ކުރައްވާފަ އެވެ.
އާސަންދަ ރިފޯމް ކުރާނެކަމަށް ސަރުކާރުން އިއުލާން ކޮށްފައިވާއިރު އާސަންދައިގެ ހިދުމަތް އެތައް ގުނައެއް ދަށަށް ހިނގައްޖެ.. އެ ވިދާޅުވާ ރިފޯމަކީ ރައްޔިތުންނަށް ލިބެމުންދާ އެއްޗެއް ހުއްޓޭ ގޮތަށް ނުވަތަ އުނިވާ ގޮތަށް ގެންނަވާ ރިފޯމެއް ކަމަށްވާނަމަ އެ ރިފޯމް ހުއްޓާލުމަށް ގޮވާލަން.. ޔޫރަޕްގެ މޮޅު ބޭސް ގެންނާނެ ކަމަށް އިޢުލާން ކޮށްފައި ބަރާބަރު ދެ އަހަރު ވެގެން ހިނގައްޖެ.. ކުރިން ލިބެމުން އައި ބޭސް ގުޅަވެސް މިހާރު ނުލިބޭ. ފެންވަރު އޮޅުނީތޯއޭ ނިދީގަ އޮތް ހަނދަށް އެރި.. މިއީ ޅެމުގެ ޝާއިރު އެ ވިދާޅުވާހެން އަޅުގަނޑު ދަންނަވަން އޮތީ ތިޔަ ކުލަނެތް ހުވަފެންތައް ދެއްކުން ހުއްޓާލައްވާށޭ.. އަސްލު މަސައްކަތަށް ފޯކަސް ކުރައްވާށޭ..
ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭގޮތުން ނާޒިލް ވިދާޅުވީ، 2025 ވަނަ އަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއްކަމަށް ބުނި ނަމަވެސް، އެއްވެސް މަޝްރޫއެއް އަމަލީ ގޮތުން ކުރިއަށް ނުދާ ކަމަށެވެ. އަދި ބޯހިޔާވަހިކަމަށް ހާއްސަކުރި 2.86 ބިލިއަން ރުފިޔާ ހުސްވީ ކޮން ކަމަކަށްތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
މީގެ އިތުރުން، އިގްތިސާދީ ބޮޑެތި މަޝްރޫއުތައްކަމަށްވާ ޑިވެލޮޕްމަންޓް ބޭންކާއި، ފުނަދޫ ފައިނޭންޝަލް ސެންޓަރާއި، ރަސްމާލެ އަންޑަވޯޓަރ ޓަނަލް ފަދަ މެގަ ޕްރޮޖެކްޓުތަކުގެ އެއްވެސް ތަފްސީލެއް ރިޔާސީ ބަޔާނުގައި ނެތުމަކީ ކަންބޮޑުވުމެއްކަމަށް ނާޒިލް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ ލޯނު ނުނަގާނެކަމަށް ބުނެ ވެރިކަމަށް ވަޑައިގެން، ތާރީހުގައި ނުނަގާވަރަށް މި ސަރުކާރުން ދަރަނި ނަގަމުންދާ ކަމަށެވެ. އަދި ޑޮލަރުގެ އަގު 22 ރުފިޔާ 40 ލާރިއަށް އަރާފައިވާއިރު، ހަރަދު ކުޑަކުރުމުގެ ބަދަލުގައި ސިޔާސީ މަގާމުތަކަށް މީހުން އިތުރުކުރަމުންދާކަމަށް ތުހުމަތު ކުރެއްވިއެވެ.
ނާޒިލް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ފައިސާ އިސްރާފުކޮށް، ފަހަށް ރައްކާކޮށްފައި ހުރި ރިޒާވް ފައިސާ ހުސްކުރުމަށްފަހު، ސަރުކާރުން މަސައްކަތް ކުރަނީ ރިޒާވް އިތުރުވެފައިވާކަމަށް ދެއްކުމަށެވެ. އަދި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑާއި މަރުކަޒީ ބޭންކު އެމްއެމްއޭ އިން ބޭންކުތަކުގައި ބަހައްޓާފައި ހުންނަ ޑިޕޮސިޓްތައް އެއްކޮށްލައިގެން ރިޕޯޓުތައް ތައްޔާރު ކުރަނީ ”ޔޫސަބަލް ރިޒާވް“ ނުވަތަ ބޭނުންކުރެވޭ ފައިސާގެ އަދަދު މަތިކޮށް ދެއްކުމަށް ކަމުގައި ވިދާޅުވި އެވެ. އެހެންކަމުން، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބެލެންސާއި، ޔޫސަބަލް ރިޒާވް އަދި ގްރޮސް ރިޒާވްގެ ތަފުސީލުތައް ވަކިވަކިން ހާމަކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، އާމްދަނީއާއި ހަރަދުތަކުގެ ތަފްސީލު ހާމަކުރުން މި ސަރުކާރުން ހުއްޓާލާފައިވަނީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅެމުން އައި ވަކި ފަރާތަކަށް ނުޖެހޭ މިނިވަން ހާރިޖީ ސިޔާސަތާއި، ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެއަށް އޮތް އިތުބާރު ގެއްލި މާޒީވެފައިވާކަމަށް ނާޒިލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ