އަބުރުގެ ދައުވާއާ ގުޅިގެން ފައްޔާޒް މާފަށް އެދެން ނުޖެހޭނެކަމަށް ކޯޓުން ކަނޑައަޅައިފި

ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުން އުމެއިރު މުހައްމަދު މުއިއްޒުގެ އަބުރަށް އަރައިގަނެ، ކަރާމާތް ގެއްލޭ ގޮތަށް އަމަލުކޮށްފައިވާކަމަށް ވިދާޅުވެ ފަސްޓްލޭޑީ ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލައިގައި އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް މާފަށް އެދިވަޑައިގަންނަވަން ނުޖެހޭނެކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލައިގައި ސާޖިދާގެ ފަރާތްޕުޅުން 3 ކަމަކަށް އެދިވަޑައިގެންފައިވެއެވެ. އޭގެ ތެރެއިން އެއް ކަމަކީ އެމްޑީޕީގެ އެއްވުމެއްގައި ދެއްކި މި ވާހަކަތަކާ ގުޅިގެން އެ ޕާޓީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ޒިންމާ ނަގަންޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށާއި އެ ވާހަކަތަކުގެ ސަބަބުން ނުކުމެފައިވާ ނަތީޖާއަށް އާންމުކޮށް މައާފަށް އެދުމަށެވެ.
އެހެންނަމަވެސް ސިވިލް ކޯޓުން ކުރި ޙުކުމުގައި ބުނީ، މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކާ ގުޅިގެން އެމްޑީޕީންނާއި ފައްޔާޒު ޒިންމާވާން ޖެހޭކަން ނުވަތަ ނޫންކަން ނިންމޭނީ މުޅި މައްސަލަ ބަލައިގެން ކަމަށާއި، މާފަށް އެދެން އެންގުމަކީ ރާއްޖޭގެ ގާނޫނުތަކުން ކޯޓުތަކަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ. އަދި އެހެންވެ އާންމުކޮށް މާފަށް އެދެން އަމުރު ކުރެވޭކަށް ނެތްކަމަށް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.
މީގެ އިތުރުން، އެ ވާހަކަތަކުގެ ސަބަބުން އުމެއިރުގެ އަބުރު ރައްކާތެރިވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ކަނޑައަޅައި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު ސާޖިދާއަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށްވެސް އެދިފައިވެއެވެ. އަދި ކޯޓުންވެސް އެގޮތަށް ނިންމައިދީފައިވެއެވެ. އެގޮތުން ކޯޓުން ޙުކުމްކޮށްފައިވަނީ މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުގެ ސަބަބުން އުމައިރުގެ އަބުރު ރައްކާތެރިވެގެންވުމުގެ ހައްގު ނިގުޅައިގެންދާކަން ސާބިތުވާ ކަމަށާއި، މަރިޔަމް ޒުބައިރުގެ އަތުން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ސާޖިދާއަށް ލިބިވަޑައިގަންނަވާކަމަށެވެ.
މި މައްސަލައާ ގުޅިގެން އެމްޑީޕީން މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން އެމްޑީޕީން ބުނާ ގޮތުގައި މި މައްސަލަ ބެލުމުގެ އިޙްތިސާސްވެސް ސިވިލް ކޯޓަށް ލިބިގެނެއް ނުވެއެވެ. އަދި މި މައްސަލައިގައި އަބުރާ ބެހުމުގެ ގޮތުން އެމްޑީޕީ އާއި ފައްޔާޒު ކުރި ކަމެއް ދައުވާގައި ބަޔާންކޮށްފައި ނުވާ ކަމަށާއި އެހެންކަމުން މި ދައުވާ ކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށްވެސް އެމްޑީޕީގެ ވަކީލުން ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ