އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުޕޯލް ތޯމަސް ޕޯލް ސްމޯލީ، އެ އެސޯސިއޭޝަނުން 1.2 މިލިއަން ޑޮލަރު ހޯދަން ހުށަހެޅި މައްސަލަ ފީފާގެ ފުޓްބޯލް ޓްރައިބިއުނަލްގެ ޕްލޭޔާސް ސްޓޭޓަސް ޗެމްބަރަށް އެފްއޭއެމް ކޮޅަށް ނިންނައިފި އެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރު ފަހުކޮޅުގައި އެ އެސޯސިއޭޝަނުގެ ޓެކްނިކަލް އެންމެ އިސް މަގާމަށް އިންގްލެންޑް ސްމޯލީ ހަމަޖެއްސީ ގާތްގަނޑަކަށް 20،000 ޑޮލަރުގެ މުސަރައަކަށެވެ.
ސްމޯލީ ރާއްޖެ އައީ ބަންގްލަދޭޝްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ދޫކޮށްލުމަށް ފަހު އެވެ. އެ ގައުމުގައި ކާމިޔާބު މަސައްކަތްތަކެއް ކުރި ތަޖުރިބާކާރަށް ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުން ދިނީ 15،000 ޑޮލަރުގެ މުސާރައެކެވެ.
ޖުލައި 2023 ގައި ރާއްޖޭގެ މަގާމާ ހަވާލުވި ނަމަެސް ކުރާނެ މަސައްކަތެއް ނެތި ގާތްގަނޑަކަށް ހަތަރު މަހުގެ މުއްދަތެއް ރާއްޖޭން ބޭރުގައި އޭނާ ހޭދަ ކުރި އެވެ.
އެފްއޭއެމުން އޭނާ އާ އެކު އެއްބަސްވުން ހެދީ ފަސް އަހަރުގެ މުއްދަތަކަށެވެ. އެކަމަކު އެއްބަސްވުމަށް އަހަރެއް ފަހުން ރާއްޖޭގެ މަގާމުން އޭނާ އަތް ދޫކޮށްލި އެވެ. އެ އެސޯސިއޭޝަންގެ އޭރުގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް އޭރު ވިދާޅުވީ ސްމޯލީ ރާއްޖެ ދޫކޮށް ދިޔައީ އޭނާއާ އެކު ހެދި އެއްބަސްވުން ހަމަވުމުން ކަމަށެވެ.
ޖައުޝަން އޭރު ވިދާޅުވި ގޮތުން ގަތަރު އެފްއޭއިން މުސާރަ ދޭ ގޮތަށް ސްމޯލީއާ އެކު ސޮއި ކުރީ އަހަރުން އަހަރަށް އެއްބަސްވުން އާ ކުރާ ގޮތަށެވެ.
އެފްއޭއެމާ ދެކޮޅަށް ސްމޯލީ މިދިޔަ އަހަރު މެދުތެރޭގައި ހުށަހެޅި މައްސަލައިގައި ޑިމާންޑް ކުރީ ފަސް އަހަރަށް ޖެހޭ މުސާރައަށް ވާ 1.2 މިލިއަން ޑޮލަރު (18.5 މިލިއަން ރުފިޔާ) ހޯދުމަށެވެ.
އެފްއޭއެމުން އަންގާރަ ދުވަހު ނެރުނު ބަޔާނުގައި ބުނީ ސްމޯލީ ހުށަހެޅި މައްސަލަ އެ އެސޯސިއޭޝަނާ އެއްކޮޅަށް ފީފާގެ ޗެމްބަރުން ނިންމާފައިވާ ކަމަށެވެ.
މި ނިންމުމަކީ އެފްއޭއެމް އަށާއި ދިވެހި ފުޓްބޯޅައިގެ ދިގު މުއްދަތުގެ މާލީ މަސްލަހަތުތަކަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ އެސޯސިއޭޝަނުން ސިފަކުރި އެވެ.
"މި ނިންމުމަކީ އެސޯސިއޭޝަނަށާއި ދިވެހި ފުޓްބޯޅައިގެ ދިގު މުއްދަތުގެ މާލީ މަސްލަހަތުތަކަށް ލިބުނު މުހިންމު ނަތީޖާއެއް،" އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި އެފްއޭއެމުން ބުންޏެވެ.
އެފްއޭއެމުން އެއް މިލިއަން ޑޮލަރު ހޯދަން ސްމޯލީ ހުށަހެޅި މައްސަލަ؛ ފީފާއިން ނިންމީ އޭނާއާ ދެކޮޅަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ