ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް މަރުވި އިޓަލީގެ 4 ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ނަގައިފިއެވެ.
ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު 4 ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ އިތުރުން އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ވަނީ 4 މީހުންގެ ހަށިގަނޑުވެސް ލޮކޭޓްކުރެވިފައެެވެ.
ގެއްލުނު 4 ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ، އެމީހުން ޑައިވް ކުރި ކޭވްގެ ތެރެއިންކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ. އޭގެ ތެރެއިން ދެ ޑައިވަރެއްގެ ހަށިގަނޑު މިއަދު މޫދު އަޑިން ނެގިކަން ވަނީ ކަށަވަރު ކުރެވިފައެވެ. އަނެއް ދެ ހަށިގަނޑު ނެގުމުގެ މަސައްކަތްކުރާނީ މާދަމާ އެވެ.
އިއްޔެ އޮޕަރޭޝަން އަލުން ފެށީ، ޑައިވްގައި ހަރަކާތްތެރިވި ސިފައިންގެ ދައިވަރު ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީގެ މަރަށްފަހު އޮޕަރޭޝަން މެދުކަނޑައިލުމަށްފަހު، ކަމުގެ މާހިރުންގެ އެހީ ހޯދަން ނިންމައި، ބޭރުގެ ޑައިވަރުން ރާއްޖެ އައުމާއެކުގައެވެ.
މިމީހުންގެ ހަށިތައް ހޯދުމަށް އިޓަލީ ސަރުކާރުން ހަމަޖައްސައިގެން ރާއްޖެ އައި ފިންލެންޑުގެ ތަޖުރިބާކާރު 3 ޑައިވަރުންނަކީ، ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާފައިވާ މިފަދަ މިޝަންތަކުގައި މަސައްކަތްކޮށްފައިވާ ބައެއް ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
އިޓަލީއަށް ނިސްބަތްވާ ޖުމްލަ ފަސް ފަތުރުވެރިން ގެއްލިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޑައިވިންއަށް ފޭބިފަހުންނެވެ. އެ މީހުންގެ ހަބަރެއް ނުވެގެން ފުލުހުންނަށާއި ސިފައިންނަށް ރިޕޯޓުލިބުނީ އެ ދުވަހުގެ މެންދުރުފަހު 13:45 ހާއިރެވެ.
ޑައިވިނަށް ފޭބި ފަސް ޓޫރިސްޓުން ގެއްލިގެން ހޯދަމުންދަނިކޮށް، އެކެއްގެ ހަށިގަނޑު ހަމަ އެ ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، މޫދު އަޑިން ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ބޮޑު ކޭވްއެއްގެ ތެރެއިން ވަނީ ފެނިފައެވެ. މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ކަމާބެހޭ އިދާރާތަކުން ދަނީ ބަލަމުންނެވެ.
ކަނޑު އަޑީ ހޮހަޅައިގެ ތެރޭ އޮތް 4 ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ