ވޯލްޑް ކަޕް ކާމިޔާބުކުރަން ބޭނުމީ ރޮނާލްޑޯއަށްޓަކާ: ވިޓީނިއާ

އަންނަ މަހު ފަށަން ތައްޔާރުވާ ފީފާ ވޯލްޑް ކަޕް 2026 ގައި ވާދަކުރާ ޕޯޗުގަލް ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ސަބަބުން މުޅި ޓީމަށްވެސް ހެޔޮ އަސަރުކުރާ ކަމަށާއި ބޭނުންވަނީ މިފަހަރުގެ ވޯލްޑް ކަޕް އޭނާއާއެކު ކާމިޔާބުކުރުން ކަމަށް ޕީއެސްޖީއަށް ކުޅެމުންދާ ޒުވާން މިޑްފީލްޑަރު ވިޓީނިއާ ބުނެފިއެވެ. ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުންދާ އުމުރުން ދުވަސްވީ ނަމަވެސް، ރޮނާލްޑޯ އަކީ އަދިވެސް ޕޯޗުގަލް ގައުމީ ޓީމުގެ އެންމެ ނުފޫޒުގަދަ އަދި މުހިންމު އެއް ތަރިއެވެ. އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ތައްޔާރުވަމުންދާ ވޯލްޑް ކަޕަށް ޕޯޗުގަލް ޓީމުން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ފީފާއަށް ދިން އިންޓަވިއުއެއްގައި ވިޓީނިއާ ބުނީ، ރޮނާލްޑޯގެ ކެރިއަރުގައި މިހާތަނަށް ހޯދިފައިނުވާ ހަމައެކަނި ބޮޑު ޓްރޮފީ ކަމަށްވާ ވޯލްޑް ކަޕް އޭނާއަށް ހޯދައިދިނުމަކީ މުޅި ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. "ރޮނާލްޑޯ އަކީ ފުޓްބޯޅަ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ. އޭނާއާ އެކު ޑްރެސިން ރޫމް ހިއްސާކޮށް، އޭނާގެ ކިބައިން ކަންކަން ދަސްކޮށް، ކޮންމެ ދުވަހަކު އޭނާގެ ޕްރޮފެޝަނަލިޒަމް ފެނުމަކީ އަހަންނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް. އަހަރެން އުންމީދު ކުރަނީ އޭނާއާއެކު، އަދި އޭނާއަށްޓަކައި ވެސް މި ވޯލްޑް ކަޕް އަހަރެމެންނަށް ކާމިޔާބު ކުރެވުން،" ވިޓީނިއާ ބުންޏެވެ. ޕޯޗުގަލްގެ ޖާރޒީގައި ކްރިސްޓިއާނޯ ރޮނާލްޑޯ-- ވިޓީނިއާ އިތުރަށް ފާހަގަކުރި ގޮތުގައި، ރޮނާލްޑޯ ފުޓްބޯޅައަށް ބަހައްޓާ ސީރިއަސްކަމާއި ފުރިހަމަ ތައްޔާރުވުމަކީ ޓީމުގެ އެހެން ކުޅުންތެރިންނަށް ނަމޫނާއެކެވެ. އޭނާ ދަނޑަށް އަރަނީ 100 އިންސައްތައަށް ތައްޔާރުވެ، ޓީމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްގެންކަން އެންމެންނަށް ވެސް އެނގޭކަމަށް ވިޓީނިއާ ބުންޏެވެ. ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ ޕޯޗުގަލްގެ އެންމެ ބޮޑު އަމާޒު ނަމަވެސް، އެ މަގަކީ ފަސޭހަ މަގަކަށް ނުވާނެކަން ވިޓީނިއާ ގަބޫލުކުރެއެވެ. އޭނާ ބުނީ މިވަގުތު މާ ދުރަށް ވިސްނައި، ފައިނަލް މެޗާ މެދު ހިޔާލު ކުރުމުގެ ބަދަލުގައި ޓީމުގެ ފޯކަސް ހުރީ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ކަމަށެވެ. "އަހަރެމެން ހަމައެކަނި ބޭނުމީ މޮޅުވާން. އެކަމަކު މިވަގުތު ތަށި އުފުލާލުމާ މެދު މާ ބޮޑަށް ވިސްނުމުގެ ބޭނުމެއް ނެތް. އަހަރެމެން ޖެހޭނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށްދާން. އެއީ އަބަދުވެސް އެންމެ ރަނގަޅު ގޮތް. މިވަގުތު މައިގަނޑު ފޯކަސް އަކީ ގްރޫޕް ސްޓޭޖު، އެބައި ކާމިޔާބުކޮށްފައި ދެން ކުރިއަށް ހުރި މަރުހަލާތަކާ މެދު ވިސްނާނީ،" ވިޓީނިއާ ވާހަކަ ނިންމާލަމުން ބުންޏެވެ. ފީފާ ވޯލްޑް ކަޕް 2026 ގައި ޕޯޗުގަލް ހިމެނިފައިވަނީ ގްރޫޕް ކޭ ގައެވެ. މި ގްރޫޕުގައި ޕޯޗުގަލްގެ އިތުރުން ދެން ހިމެނެނީ ކޮލަމްބިއާ، އުޒްބެކިސްތާން އަދި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއެވެ. މި ފަހަރުގެ މުބާރާތަކީ 48 ޓީމު ވާދަކުރާ ފުރަތަމަ ފުޅާ މުބާރާތަށްވުމުން، ގްރޫޕްގެ އެންމެ ކުރިހޯދާ ދެ ޓީމުގެ އިތުރުން، ހުރިހާ ގްރޫޕްތަކުން ތިންވަނައަށްދާ އެންމެ ނަތީޖާ ރަނގަޅު އަށް ޓީމަށްވެސް ގަދަ 32 ގެ ނޮކްއައުޓް ބުރުން ޖާގަ ލިބިގެންދާނެއެވެ. ޕޯޗުގަލްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗު އޮންނާނީ 17 ޖޫން ވާ ބުދަ ދުވަހުގެ ރޭގަނޑު ރާއްޖެގަޑިން 22:00 ގައި ޑީއާރު ކޮންގޯއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ހިއުސްޓަންގައި ހުންނަ އެންއާރްޖީ ސްޓޭޑިއަމްގައެވެ. އޭގެ ފަހުން، ގްރޫޕްގެ ދެވަނަ މެޗުގައި 23 ޖޫން ވާ އަންގާރަ ދުވަހުގެ 22:00 ގައި ޕޯޗުގަލް ނުކުންނާނީ އުޒްބެކިސްތާނާ ދެކޮޅަށެވެ. މި މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހަމަ އެ ދަނޑުގައެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލް ވާދަކުރަން ޖެހޭނީ މި ގްރޫޕުގައި ހިމެނޭ އެންމެ ވަރުގަދަ އަނެއް ޓީމު ކަމަށްވާ ކޮލަމްބިއާއާއެވެ. މި ފޯރިގަދަ މެޗު އޮންނާނީ 28 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ ފަތިހު ރާއްޖޭ ގަޑިން 04:30 ގައެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ މިއާމީގައި ހުންނަ މަޝްހޫރު ހާޑް ރޮކް ސްޓޭޑިއަމްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ