ޑޮލަރުގެ މައްސަލަ ފާލަށް އަޅުވަން އެމްއެމްއޭ ފެއިލްވީތަ؟

ޑޮލަރު ތާށިވެ ގައުމީ ބޭންކް، ބީއެމްއެލްއިން ވަނީ ރުފިޔާ ކާޑްތަކުން ބޭރުގެ މުއާމަލާތްތައް ކުރެވޭ ވަރު ހަރުކަށިކޮށްފަ އެވެ. އެއާ އެކު އާންމުންގެ ރުޅިވެރިކަން އޮތީ ބީއެމްއެލްއާ ދިމާލަށެވެ. އެކަމަކު އަސްލު މައްސަލައަކީ މުޅި އިގްތިސާދުގައި ހުރި ނިޒާމީ މައްސަލަތަކެކެވެ. 
ރާއްޖޭގެ އިގުތިސާދު ޓޫރިޒަމަށް ބަރޯސާވެފައިވާއިރު، ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޑޮލަރުންނެވެ. އެކި ނަންނަމުގައި ޓެކުހާއި ފީތައް ނަގަމުންދާއިރު، މެންޑޭޓަރީ އެކްސްޗޭންޖްގެ ދަށުން ޑޮލަރު މާރުކުރުން ވެސް މިހާރު ވަނީ މަޖުބޫރުކޮށް ފައެވެ. އެހެން ނަމަވެސް، ޑޮލަރުގެ ތާށިކަމަށް އަދިވެސް ލުޔެއް ނުލިބެ އެވެ.
ސުވާލަކީ، މި މައްސަލަ ނިޒާމީ ގޮތެއްގައި ހައްލުކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ދައުރަކީ ކޮބައި ހެއްޔެވެ؟ 
ގާނޫނީ ގޮތުން ރާއްޖޭގައި ބޭރު ފައިސާ މެނޭޖްކުރުމާއި ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ މައިގަނޑު ޒިންމާ އޮތީ އެމްއެމްއޭގެ ބޮލުގަ އެވެ. ދާދި ފަހުން، 1 ޖޫން 2025 އިން ފެށިގެން އަމަލުކުރަން ފެށި އާ ގަވާއިދުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަކި މިންވަރަކަށް ބޭންކުތަކަށް ޑޮލަރު މާރުކުރަން ވަނީ ލާޒިމުކޮށްފަ އެވެ.
ނަމަވެސް މައްސަލައަކީ، ބޭންކުތަކަށް ލިބޭ ޑޮލަރުގެ ތެރެއިން %90 އެމްއެމްއޭއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނަގަމުން ދިޔުމެވެ. ރާއްޖޭގެ ބައެއް ބޭންކުތަކުގެ އިސް އޮފިޝަލުން ވިދާޅުވާ ގޮތުގައި މިކަމުގެ ސަބަބުން، ބޭންކުތަކަށް ބޭރު ފައިސާ ލިބުމުގައި ދަތިތައް އެބަ ހުއްޓެވެ. އަދި ވިޔަފާރިތަކާއި އާންމު ބޭނުންތަކަށް ޑޮލަރު ލިބޭ މިންވަރު މަދުވެ އެވެ.
އެމްއެމްއޭގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ހުރި ތަފާސްހިސާބުތަކަށް ބަލާއިރު އާ އުސޫލުގެ ދަށުން 182 ރިސޯޓަކުން 671 މިލިއަން ޑޮލަރު ވަނީ ބޭންކުތަކަށް މާރުކޮށްފަ އެވެ. އެ ޑޮލަރުގެ %78، 523.4 މިލިއަން ޑޮލަރު ވަނީ ބޭންކުތަކުން އެމްއެމްއޭއަށް މާރުކޮށްފަ އެވެ.
އާންމުންނާއި ވިޔަފާރީގެ ބޭންކުތަކަށް އެމްއެމްއޭއިން މިދިޔަ އަހަރު ބޭންކުތަކަށް ދޫކޮށްފައި ވަނީ 447.6 މިލިއަން ޑޮލަރެވެ. މީގެ ތެރޭގައި ބޭރަށް ފުރާ މީހުންނަށް ދޫކުރަން ބީއެމްއެލްއަށް ދޭ އަދަދު ވެސް ހިމެނެ އެވެ. 
މިކަމާ ގުޅޭގޮތުން 'ދައުރު' އާ ވާހަކަދެއްކެވި މާލީ ދާއިރާގެ އިސް އޮފިޝަލަކު ވިދާޅުވީ ރައްޔިތުންނަށް ޑޮލަރު ފޯރުކޮށްދިނުމުގެ މައިގަނޑު ދައުރު އަދާކުރަންޖެހޭނީ ބޭންކުތަކުން ނަމަވެސް އެމްއެމްއޭގެ ސިޔާސަތުގެ ސަބަބުން އެކަން ކުރަން ވަނީ އުނދަގޫވެފަ އެވެ. 
"ބޭންކުތަކަކީ އެމްއެމްއޭ އާއި ރައްޔިތުންނާ ދެމެދު އޮންނަ ފާލަން. ބޭންކުތަކަށް ރައްޔިތުންނަށް ޑޮލަރު ދޫކުރެވޭނީ އެމްއެމްއޭ އިން އެ ފުރުސަތު ދިން މިންވަރަކުން. އެކަމަކު ނިޒާމުގެ ތެރެއަށް ވަންނަ ޑޮލަރުގެ ބޮޑު ބައި އެމްއެމްއޭ އިން ހިފެހެއްޓީމަ، ވިޔަފާރިތަކަށާއި އާންމުންނަށް ބޭނުންވާ މިންވަރަށް ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކުތައް މިވަނީ ނުކުޅެދިފައި. މިއީ އެމްއެމްއޭ އިން ހައްލުކޮށްދޭންޖެހޭ ކަމެއް،" އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރު އިންތިހާއަށް ފުޅާވެފައިވާއިރު، މިއީ މިއަދަކު އިއްޔެއަކު އުފެދުނު މައްސަލައެއް ނޫނެވެ.
މާލެ އާއި ހުޅުމާލޭގައި އޮތޮރައިޒްޑް ކަރަންސީ އެކްސްޗޭންޖް އެޖެންޓުންގެ ގޮތުގައި ތިބެ، ރަސްމީ ރޭޓަށް ވުރެ ބޮޑުކޮށް ފާޅުގައި ޑޮލަރު ގަނެ ވިއްކަމުންދާއިރު، މިކަން ހުއްޓުވުމުގެ ގާނޫނީ ބާރު އެމްއެމްއޭއަށް އޮވެމެ، އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅެ އެވެ. 
"ކަޅުބާޒާރު ކޮންޓްރޯލް ކުރުމުގެ ހަމައެކަނި ބާރު އޮތީ އެމްއެމްއޭއަށް. މިއަދުވެސް މަގުމައްޗަށް ނުކުމެ ކޮންމެ މީހަކަށް ވެސް ބޮޑު އަގުގައި ޑޮލަރު ގަނެވިއްކޭނެ. ފާޅުގައި މިކަން ހިނގާއިރު، މިކަންކަން ހުއްޓުވުމަށް އެމްއެމްއޭ އިން ގާނޫނީ ބާރުގެ ބޭނުން ނުކުރާހާ ހިނދަކު މައްސަލައަށް ހައްލެއް ނާންނާނެ،" މާލީ ދާއިރާގެ އޮފިޝަލް އިތުރަށް ވިދާޅުވި އެވެ.
ދުނިޔެ ޑިޖިޓަލްވެ އޮންލައިން ވިޔަފާރިތަކާއި ބޭރުގެ އެކި ހިދުމަތްތަކަށް ދިވެހިން ބަރޯސާވާ މިންވަރު އިތުރުވަމުންދާތީ ޑޮލަރަށް އޮންނަ ޑިމާންޑް ދަނީ ދުވަހުން ދުވަހަށް އިންތިހާއަށް ބޮޑުވަމުންނެވެ. ބޭރުގެ މުއާމަލާތްތައް ދިވެހިން ކުރާވަރު އިތުރުވުމަކީ ޑޮލަރުގެ އާމްދަނީ އިތުރުކުރަން މަރުކަޒީ ބޭންކުން ވެސް މަސައްކަތް ކުރަން ލާޒިމްވާ ކަމެކެވެ. 
މިކަމަށް އޮތް ކުރު ރާސްތާގެ ހައްލަކީ:
އެމްއެމްއޭ އިން ބޭންކުތަކަށް ފޯރުކޮށްދޭ ޑޮލަރުގެ މިންވަރު އިތުރުކުރުން
ކަޅުބާޒާރު ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުން.
އެހެންނަމަވެސް، ހަގީގީ އަދި ދެމެހެއްޓެނިވި ހައްލަކަށް ވާނީ، މަރުކަޒީ ބޭންކުން ފުޅާ ދާއިރާއެއްގައި ދިރާސާތައްކޮށް، ރާއްޖޭގެ އިގުތިސާދު ޑޮލަރުގެ އަޅުވެތިކަމުން ސަލާމަތްކުރެވޭނެ ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ