އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ސަރުކާރުންވީ ވައުދާއި އެއްގޮތަށް ހައްލުވެފައި ނުވާތީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އަޒާން މިފަދައިން ވިދާޅުވީ އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގައި ހިންގާފައި ހުރި އިންޖީނެއްގެ ހޮޅިގަނޑެއް ފަޅައިގެން ދިއުމުގެ ސަބަބުން މައްސަލަ ހައްލުކުރެވެންދެން އެކި ސަރަހައްދުތަކުން ގަނޑި އިރަކަށް ކަރަންޓު ކެނޑިގެންދާ ވާހަކަ ރައްޔިތުންނަށް އަންގާފައިވާތީއެވެ.
ރަމަޟާން މަސް ފެށުމުގެ ކުރިން މި މައްސަލައަށް ހައްލު ހޯދުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވައުދެކެވެ. މި މައްސަލަ ހައްލު ކުރުމަށް 1.8 މެގަވޮޓްގެ ޖަނަރޭޓަރެއް ގެންގޮސް ބޭނުން ކުރަން ފެށި ނަމަވެސް، އޭގެ ފަހުން ވެސް ކަރަންޓު ކެނޑުމަށް އެއްވެސް ބަދަލެއް ނާދެއެވެ. މިއީ ބޭނުންވާ މެގަވޮޓްގެ ޖަނަރޭޓަރެއް ނޫންކަމަށް މައުލޫމާތު ލިބެއެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލައިގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ހުށައެޅުއްވި ކުއްލި މައްސަލައެއްގައި ބުނި ގޮތުގައި މި މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށްޓަކައިވެސް ތިން މެގަ ވޯޓުގެ ދެ ޖެނެރޭޓަރު ސެޓް ބޭނުންވާކަމަށް އައްޑޫ ސެންޓްރަލް ޕަވަ ސްޓޭޝަނުން ބުނަމުން ދިޔަ ނަމަވެސް، އެތަނަށް ގެންދިޔައީ 1.8 މެގަ ވޯޓޫގެ އެންމެ ޖަނެރޭޓަރު ސެޓެކެވެ.
މި މައްސަަލައިގައި ފެނަކައިގެ ވެރިންވެސް މަޖިލީހަށް ހާޒިރުކުރިއެވެ. ނަމަވެސް އޭރު ވައުދުވީ ގޮތަށް މައްސަލައަށް ހައްލު ގެނައުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކޮށްފައިނުވާކަމަށް އަޒާން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އައްޑޫގެ ރައްޔިތުންނަށް ވީ ވައުދުގައި އެއްވެސް މާނައެއް ނެތްކަމަށް އަޒާން ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން އައްޑޫގެ ރައްޔިތުން ދިރިއުޅެމުންދަނީ ވަރަށް ދަތި ހާލުގައިކަމަށް އަޒާން ގެންދަނީ ފާހަގަކުރަމުންނެވެ. އެންމެ ކުޑަ މިނުން އަސާސީ މިންވަރަށް އަސާސީ ހައްގުތައް ރައްޔިތުންނަށް ފޯރުކޮށްދިނުން މުހިންމުކަމަށް އަޒާން ވިދާޅުވިއެވެ.
އައްޑޫ ސެންޓްރަލް ޕަވަ ސްޓޭޝަނުގައި ކަރަންޓު ފޯރުކޮށްދެވޭ ވަރުގެ ކެޕޭސިޓީ ނެތީ ސަރުކާރުން ކޮށްދޭޏް ޖެހޭ ކަންކަން ކޮށްދިނުމުގައި އިހުމާލުވެފައިވާތީކަމަށް އެމްޑީޕީއިންވެސް އަންނަނީ ފާހަގަކުރަމުންނެވެ. ށް އެކި ތާރީހުތައް ދެމުން އައި ނަމަވެސް ވިދާޅުވަމުން އަންނަ ގޮތަށް ކުރު ރާސްތާގައި މައްސަލައަށް ހައްލު ހޯދިފައިނުވާތީ އެކަމާއިމެދު އެމްޑީޕީއިންވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެމްޑީޕީއިން މިކަމާއި ގުޅިގެން ހުށައެޅި ކުއްލި މައްސަލައިގައި ބުނެފައިވާ ގޮތުގައި މިކަމުގެ ސަބަބުން ރަށުގެ އޮފީސްތަކުންނާއި، ފިހާރަތަކުން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް ހުރަސް އެޅިފައެވެ. އަދި އަގު ބޮޑު މުދާތައް ދަނީ ހަލާކުވަމުންނެވެ. އެގޮތުން ޓީވީ، އޭސީ އަދި ފްރިޖުފަދަ ތަކެތި މި ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. މި މައްސަލައަށް އަޒާން ތާއީދު ކުރެއްވިއެވެ. ނަމަވެސް ޕީއެންސީގެ ސުޕަރ މެޖޯރިޓީއިން ވަނީ މައްސަލަ ބޭރުކޮށްލާފައެވެ.
އަދިވެސް އައްޑޫ ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބޭތީ އަޒާންގެ ނުރުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ