ސަމަންތާގެ ފިލްމު 'މާ އިންޓީ ބަންގާރަމް' ސްޓްރީމިންއަށް ދޫކޮށްލަނީ
މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި، ބަތަލާ ސަމަންތާ ރޫތު ޕްރަބޫގެ އެންމެ ފަހުގެ ފިލްމު "މާ އިންޓީ ބަންގާރަމް" ސްޓްރީމިންގްއަށް ދޫކޮށްލަން ނިންމިކަން އިއުލާނުކޮށްފިއެވެ. ސަމަންތާ ލީޑް ރޯލް ކުޅެފައިވާ މި އެކްޝަން ކޮމެޑީ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ ޖިއޯ ހޮޓްސްޓާ މެދުވެރިކޮށެވެ. މި އަންނަ ހުކުރު ދުވަހުން ފެށިގެން އެ ޕްލެޓްފޯމްގައި ފިލްމު ސްޓްރީމްކުރަން ފަށާނެކަން ވަނީ އިއުލާނުކޮށްފައެވެ. ބީވީ ނަންދިނީ ރެޑީ ޑައިރެކްޓްކޮށްފައިވާ މި އެކްޝަން ކޮމެޑީ ފިލްމަކީ، ތެލެގޫ ސިނަމާގެ ތާރީޚުގައި އަންހެން ބަތަލަކު އިސް ދައުރެއް އަދާކުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. މީގެ އިތުރުން، މިއީ ސަމަންތާގެ ކެރިއަރުގައި ލީޑް ރޯލުން ފެނުނު ފިލްމުތަކުގެ ތެރެއިން ވެސް އެންމެ ކާމިޔާބު ފިލްމެވެ. ފިލްމު އުފެއްދި 'ޓްރާ-ލާ-ލާ މޫވިންގް ޕިކްޗަސް'އިން ބުނިގޮތުގައި، މި ފިލްމަށް މިހާތަނަށް މުޅި ދުނިޔެއިން 100 ކްރޯޑް ރުޕީސް އަށްވުރެ ބޮޑު އާމްދަނީއެއް ވަނީ ލިބިފައެވެ. ފިލްމު "މާ އިންޓީ ބަންގާރަމް"ގެ މަންޒަރެއް--ފޮޓޯ/މިޑްޑޭ މި ފިލްމުގައި ސަމަންތާ ކުޅެފައިވަނީ 'ސްވަރްނާ' ނަމަކަށް ކިޔާ، ކުރިން ނުރައްކާތެރި ގާތިލެއްގެ ގޮތުގައި އުޅުނު އަންހެނެއްގެ ރޯލެވެ. އޭނާގެ މާޒީ ސިއްރުކޮށް، އާ އާއިލާއަކާ އެކު އާދައިގެ ދިރިއުޅުމެއް އުޅެން މަސައްކަތް ކުރަނިކޮށް، ކުރީގެ ބިރުވެރި ހާދިސާތަކާ ކުރިމަތިލާން ޖެހެއެވެ. ނަތީޖާއެއްގެ ގޮތުން، އޭނާގެ ސިއްރުތައް ރައްކާތެރި ކުރަމުން، އޭނާގެ ލޯބިވާ އާއިލާ ސަލާމަތްކުރުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުމުން އެ ކަންކަމުން ރައްކާތެރިކަން ހޯދުމަށްކުރާ މަސައްކަތްތައް ފިލްމުން ދައްކުވައިދެއެވެ. މި ފިލްމުގެ އެހެން މުހިންމު ރޯލުތަކުން ގުލްޝަން ދޭވިއާ، ދިގާންތު މަންޗާލޭ، ގޯތަމީ އަދި ސްރީމުކީ ފެންނާނެއިރު، ފިލްމުގެ މިއުޒިކް ތައްޔާރުކޮށްފައި ވަނީ ސަންތޯޝް ނާރާޔަނަންއެވެ. ފިލްމު "މާ އިންޓީ ބަންގާރަމް" އަކީ ސަމަންތާގެ ފިރިމީހާ ޑައިރެކްޓަރު ރާޖް ނިދިމޯރޫ އުފައްދާފައިވާ، އަދި ސަމަންތާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއިން ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ބަތަލާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އިފުތިތާހުކުރީ މީގެ ތިން އަހަރު ކުރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ