ދުނިޔޭގެ ވޮލީބޯޅައިގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

ބައިނަލްއަގްވާމީ ފެންވަރެއްގައި ފާހަގަކުރަމުންދާ ދުނިޔޭގެ ވޮލީބޯޅައިގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން މިދުވަސް ފާހަގަކޮށްފައިވާއިރު، މިރަސްމިއްޔާތު ބާއްވާފައިވަނީ މާފަންނު ޓާފް ކޯޓުގައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤް އިބްރާހިމްއެވެ.
މި ހަރަކާތުގައި ވީއޭއެމްގެ އިސްވެރިންނާއި ވޮލީބޯޅައިގައި ހަރަކާތްތެރިވަމުންދާ އެކި އުމުރުފުރާގެ ކުޅުންތެރިންވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ މިހާރުގެ ކުޅުންތެރިންނާއި އިހުގެ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤް ދެއްކެވި ވާހަކައިގައި ވިދާޅުވެފައިވަނީ މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ވޮލީބޯޅަ އާއިލާ ވޮލީ ކުރިއެރުވުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަންކޮށް އެކަމަށް ޝުކުރު އަދާކުރުންކަމަށެވެ. އަދި މިފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު، އަލަށް ތަރައްގީވަމުން އަންނަ ކުޅުންތެރިންގެ ހުނަރުތައް ދެނެގަނެ، ވޮލީބޯޅައި ކުރިއެރުވުމަށް އެކަށައަޅަންޖެހޭ ސިޔާސަތުތަކުގެ ވާހަކަދެއްކުން މުހިންމުކަމަށް ޢަބްދުއްރައްޒާޤް ވަނީ ވިދާޅުވެފައެވެ.
"ދުނިޔޭގެ ވޮލީބޯޅައިގެ ދުވަސް ފާހަގަކުރުމުގެ އެންމެ މުހިއްމު އެއް ބޭނުމަކީ ހަގީގަތުގައިވެސް ވޮލީބޯޅައިގެ އާއިލާ ވޮލީބޯޅައަށްޓަކައި، ވޮލީބޯޅަ ކުރިއެރުވުމަށްޓަކައި މިކުރާ މަސައްކަތުގައި އަގުވަޒަންކޮށް އެކަމުގެ ޝުކުރު އަދާކުރުން" ޢަބްދުއްރައްޒާޤ ވިދާޅުވިއެވެ.
ދުނިޔޭގެ ވޮލީބޯޅައިގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން، ދުވަހާ ގުޅޭ ކޭކެއް ފަޅާފައިވާއިރު ވާދަވެރި މެޗުތަކެއްވެސް ވަނީ ކުޅެފައެވެ.
މި ހަރަކާތުގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ވީއޭއެމްގެ ސީނިއާ ނައިބު ރައީސް މުހައްމަދު ސާޖިދް ވިދާޅުވީ މިފަދަ ދުވަހެއް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ ބޭނުމަކީ ވޮލީގެ ޢާއިލާ އެއްތާކުން ބައްދަލުވެ މުޢާމަލާތްކުރުމުގެ ފުރުސަތު ހޯދައިދިނުންކަމަށެވެ. މިހަރަކާތުގެ ތެރެއިން އެކެއް އަނެކެއް ހުނަރުތައް ބަދަލުކުރެވި، ވޮލީގެ ކުރިއެރުމަށް ބޭނުންވާ އެކި ކަންކަމުގެ ޚިޔާލާއި މަޝްވަރާތައް ކުރިއަށްދާކަމަށް ސާޖިދް ފާހަގަކުރެއްވިއެވެ.
"ބޭނުމަކީ މުޅި ވޮލީބޯޅަ އާއިލާ އެއް ތަނަކުން ދިމާވެ، ވަރަށް ހެޕެނިން މާހައުލެއް ގާއިމުކުރުން. އެކަކު އަނެކަކާ މުޢާމަލާތް ޝެއާރކޮށް، ސްކިލްތައް ޝެއާރކޮށް ދިމާވާ އިޝޫ ތަކަށް ވާހަކަދެއްކުމާ، އެއްބައިވަންތަކަމުގެ ދުވަހެއްގެ ގޮތުގައި އަޅުގަނޑުމެން މިދުވަސް މި ފާހަގަކުރަނީ" ސާޖިދް ވިދާޅުވިއެވެ.
ދުނިޔޭގެ ވޮލީބޯޅައިގެ ދުވަހުގެ ގޮތުގައި ޖުލައިމަހުގެ 7 ވަނަ ދުވަސް ފާހަގަކުރާއިރު، މިދުވަހަކީ އާންމުންގެ ތެރެއަށް ވޮލީބޯޅަ ތަޢާރަފްކުރެވި ކުޅެން ފެށުނު ދުވަހެވެ. ވޮލީބޯޅައިގެ ބާނީ އަކީ އެމެރިކާގެ ފިޒިކަލް ޑައިރެކްޓަރެއްކަމަށްވާ ވިލިއަމް ޖީ. މޯގަން އެވެ.
ރަސްމީގޮތެއްގައި މި ކުޅިވަރު އާންމުންނަށް ތަޢާރަފްވީ 1895 ވަނަ އަހަރުގެ ޖުލައިމަހުގެ 7 ވަނަ ދުވަހުކަމަށްވިޔަސް، ވިލިއަމް ޖީ. މޯގަން އެންމެ ފުރަތަމަ މި ކުޅިވަރު ކުޅެފައިވަނީ އެއަހަރުގެ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު އެމެރިކާގެ މެސެޗޫސެޓްސްގައެވެ.
ވޮލީބޯޅަ ދުނިޔެއަށް ތައާރަފުވެ، ވައިގައި ހިފީ 1947 ވަނަ އަހަރު ބައިނަލްއަޤްވާމީ ވޮލީބޯޅަ ފެޑެރޭޝަން (އެފްއައިވީބީ) އުފެދުމާއި ގުޅިގެންނެވެ. އަދި 1964 ވަނަ އަހަރު ޖަޕާނުގެ ޓޯކިޔޯގައި ބޭއްވުނު އޮލިމްޕިކްސްގައި ފުރަތަމަ ފަހަރަށް ވޮލީބޯޅަ ހިމަނާ، ދުނިޔޭގެ ފެންވަރުގައި ބާރަށް މިކުޅިވަރު ފެތުރެންފެށިއެވެ. އަދި ހަމައެޔާއިއެކު، މި ކުޅިވަރަށް އިތުރުވި އައު ބޮޅަކީ ގޮނޑުދޮށުގައި ކުޅޭ ބީޗް ވޮލީބޯޅަ 1996 ވަނަ އަހަރު އޮލިމްޕިކްސްއަށް ތައާރަފްކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ