އަވަށްޓެރި ސްރީލަންކާގައި ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާ މަރާލި މައްސަލައެއްގައި ތުހުމަތުވާ މީހަކު ރާއްޖެ އައުމުން ދިވެހި ފުލުހުން އޭނާ ހައްޔަރުކޮށް ލަންކާ ފުލުހުންނާ ހަވާލުކޮށްފިއެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އަހަރުގެ ފެބްރުއަރީ 13 ވަނަ ދުވަހު ލަންކާގެ އަކުރެގޮޑާގައި ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާ މަރާލި މީހުން އެއް ތަނުން އަނެއް ތަނަށް ގެންދަން އެހީތެރިވެދިން ކަމުގެ ތުހުމަތުގައި ހޯދަމުން ދިޔައީ، އުމުރުން 23 އަހަރުގެ ސިހިނާ ދިލްސަރާއެވެ. އޭނާ ހޯދަން އިންޓަޕޯލުން އޮތީ ރެޑް ނޯޓިސް ނެރެފައެވެ.
ހާދިސާ ހިނގިތާ ހަތަރު ދުވަސް ފަހުން ފެބްރުއަރީ 17 ވަނަ ދުވަހު ސިނިނާ ލަންކާއިން ފުރައިގެން ދިޔައީ ތައިލެންޑަށެވެ. އެފަހުން އޭނާ ބަހްރެއިން އަދި ސައުދީ އަރަބިއްޔާއަށް ދިޔުމަށް ފަހު އަނބުރާ ތައިލެންޑަށް ގޮސްފައިވެއެވެ. އޭނާ ރާއްޖެއަށް އައީ ތައިލެންޑުން ރާއްޖެއަށް ދަތުރުކުރި ފްލައިޓެއްގައެވެ.
އޭނާ ރާއްޖެ އަންނަ ކަމުގެ މައުލޫމާތު ލިބުމުން ދިވެހި ފުލުހުން ވަނީ ލަންކާގެ ކަމާ ބެހޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު ދީފައެވެ. އަދި އޭނާ އައުމުން އިމިގްރޭޝަނުން އޭނާ ހިފަހައްޓައި ހަވާލުކުރީ، ރާއްޖެ އައި ލަންކާގެ ފުލުހުންގެ ޓީމަކާއެވެ.
ސިހިނާ ރާއްޖެ އައުމުން ދިވެހި ފުލުހުން އޭނާ ހައްޔަރުކޮށް، ލަންކާގެ ފުލުހުންނާ ހަވާލުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ ލަންކާގެ ވެސްޓާން ޕްރޮވިންސް ސައުތު ކްރައިމް ޑިވިޝަނާއެވެ.
ސުޕަމާކެޓެއްގެ ޕާކިންލޮޓުގައި ކާރެއްގައި މަޑުކޮށްގެން ތިއްބާ ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާ ގަޔަށް ބަޑިޖަހައި މަރާލި މީހުން ފިލަން ބޭނުންކުރި އުޅަނދުތަކުގެ ތެރޭގައި ސިހިނާ ދުއްވި ކާރު ހިމެނޭ ކަމަށް ލަންކާގެ ފުލުހުން ތުހުމަތުކުރެއެވެ. އެ މައްސަލަ ލަންކާގެ ފުލުހުން އަދިވެސް ދަނީ ތަހުގީގުކުރަމުންނެވެ.
މަރުގެ މައްސަލައެއްގައި ހޯދަމުން ދިޔަ ލަންކާ މީހަކު ރާއްޖެ އައުމުން ހައްޔަރުކޮށް، ލަންކާ ފުލުހުންނާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ