ބެލްޖިއަމުން އެމެރިކާ ކަޓުވާލައި ކުއާޓާގައި ސްޕެއިނާ ދެކޮޅަށް

ސިއޭޓަލް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 7) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ބުރުގައި އެމެރިކާ 3-1 އިން ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު، ބެލްޖިއަމުން މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްޕެއިނާ ދެކޮަޅަށް ކުޅެން ޖެހިއްޖެ އެވެ. 
މި ނަތީޖާއާ އެކު، މި ފަަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވާ ތިން ގައުމު ވެސް މި ވަނީ ކުއާޓާ ފައިނަލުގެ ކުރިން ކަޓައިފަ އެވެ. އެ ގޮތުން، ކެނަޑާ އާއި މެކްސިކޯ ވެސް ކެޓީ އެމެރިކާ އެކޭ އެއްގޮތަށް ގަދަ 16 ބުރުންނެވެ.
އެމެރިކާ އާއި ބެލްޖިއަމް ބައްދަލުކުރި މެޗަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނު އެންމެ ބޮޑު ސަބަބަކީ، ގަދަ 32 ޓީމުގެ ބުރުގައި ރަތް ކާޑު ދެއްކި އެމެރިކާގެ ފޯވާޑް، ފަލޮރިން ބަލޮގަން އަށް މި މެޗުގައި ކުޅެވޭ ގޮތަށް ފީފާ ޑިސިޕްލިނަރީ ކޮމިޓީން ނިންމުމުންނެވެ.  
އެމެރިކާ އިން ބަލޮގަން އަށް ފުރަތަމަ އެގާރައިން ފުރުސަތު ދީގެން ފެށި މި މެޗުގައި ބެލްޖިއަމަށް ވެސް ތަފާތު ދެއްކީ ފުރަތަމަ އެގާރައިން އަލުން ފުރުސަތު ހޯދި ކުޅުންތެރިއެކެވެ. އެ ގޮތުން، ބެލްޖިއަމްގެ ފޯވާޑް، ޗާލްސް ޑި ކަޓަލާރޭ ވަނީ މެޗުގެ ނުވަ ވަނަ މިނިޓްގައި އެ ޓީމަށް ލިޑުނަގައިދީފަ އެވެ. މެޗުގެ ނުވަ ވަނަ މިނިޓްގައި ޑީ ކަޓަލާރޭ މި ލަނޑު ޖެހީ ނިކޮލަސް ރަސްކިން ދިން ބޯޅައަކުންނެވެ. 
މެޗުގެ ނަތީޖާ ހަމަހަމަކުރަން އެމެރިކާ އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 31 ވަނަ މިނިޓްގަ އެވެ. މިއީ، ހިލޭ ޖެހުމަަކުން މަލިކް ޓިލްމަން ޖެހި ގޯލެކެވެ. ޓިލްމަން ޖެހި ބޯޅަ ގޯލަށް ވަނީ ބެލްޖިއަމް ކުޅުންތެރިއެއް ބޮލުގައި ޖެހި މިސްރާބު ބަދަލުވެެގެން ގޮހެވެ. އެމެރިކާ އިން އެއްވަރުކުރިތާ ދެ މިނިޓް ތެރޭ ބެލްޖިއަމުން އަލުން ލީޑުނެގި އެވެ. މި ލަނޑު ޖެހީ ލެއަންޑްރޯ ޓްރޮސާޑް ނެގި ހުރަހަކުން ޑީ ކަޓަލާރޭ ބޮލުންނެވެ. 
އެމެރިކާ އިން ދެ ވަނަ ހާފުގައި ކުޅެން އަރައި ރަނގަޅަށް ހަމަޖެހިލައިގެން ކުޅެން މަސައްކަތްކުރަމުން ދަނިކޮށް, ބެލްޖިއަމުން ވަނީ ތިން ވަނަ ލަނޑެއް ޖަހައިފަ އެވެ. މިއީ, މެޗުގެ 57 ވަނަ މިނިޓްގައި އެމެރިކާގެ ކީޕަރު, މެޓް ފްރީސާ އަތުން ހެދި ގޯހެއްގެ ފައިދާނަގައި, ހާފުގެ މެދެއްހާ ހިސާބުގައި ހުރެފައި, ހަންސް ވަނަކެން ޖެހި ގޯލެކެވެ.
ވޯލްޑް ކަޕެއްގެ ގަދަ 16 ޓީމުގެ ބުރެއްގައި ބެލްޖިއަމުން ވަނީ މީގެ ކުރިން ވެސް އެމެރިކާ ބަލިކޮށްފަ އެވެ. އެއީ, 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގަ އެވެ. އެ ފަހަރު, ބެލްޖިއަމުން 2-1 އިން އެމެރިކާ ބަލިކުރީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންނެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު, ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. 
އަނެއްކޮޅުން، މިއީ، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓި ބެލްޖިއަމަށް ކުރިއެރުމެެކެވެ. އެކަމަކު، 24 އަހަރަށް ފަހު ވޯލްޑް ކަޕްގެ ކުއާޓާ އަށް ދިއުމުގެ އަމާޒުގައި ނުކުތް އެމެރިކާ އިން ފަހަތަށް އެޅި ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ