ޑޮކްޓަރު އަބޫ ސަފިއްޔާ ވަގުތުން ދޫކޮށްލަން ގޮވާލައިފި

އިސްރާއީލުން ހައްޔަރުކޮށްފައިވާ ގާޒާގެ ކަމާލް އަދުވާން ހޮސްޕިޓަލުގެ ޑިރެކްޓަރު ޑޮކްޓަރު ހުސާމް އަބޫ ސަފިއްޔާ ބަންދުކޮށްފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި، އޭނާ ވަގުތުން މިނިވަންކުރުމަށް އދ. ގެ ވޯކިން ގްރޫޕަކުން ގޮވާލައިފި އެވެ.
އދ. ގެ "ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން" އިން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، އިސްރާއީލުގެ އަމަލުތަކަކީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި، މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގެ އެތައް މާއްދާއަކާ ހިލާފު އަމަލުތަކެއް ކަމަށެވެ.
އެ ޕެނަލުން ބުނި ގޮތުގައި، މި މައްސަލައިގައި އޮތް އެންމެ އެކަށީގެންވާ ހައްލަކީ ޑޮކްޓަރު އަބޫ ސަފިއްޔާ ވަގުތުން މިނިވަންކުރުމެވެ. އަދި އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދައިދިނުމާއި އެހެނިހެން ބަދަލުތައް ހޯދައިދިނުމުގެ ގާނޫނީ ހައްގު ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށް ވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން، އެ ޕެނަލުން ވަނީ މިއީ އެންމެ މައްސަލައެއް ނޫން ކަމަށާއި، މިފަދަ އެތައް މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިއީ އިސްރާއީލުގައި އާންމުވެފައިވާ ނުވަތަ ސިސްޓަމެޓިކްކޮށް ހިންގާ  ގަވާއިދާ ހިލާފަށް މީހުން ހައްޔަރުކުރުމުގެ އަމަލެއް ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން އިސްރާއީލުގެ ޕްރިޒަން ސާވިސްއިންނާއި ޖެނީވާގައި ހުންނަ އިސްރާއީލުގެ ޑިޕްލޮމެޓިކް މިޝަނުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. އދ. ގެ ވޯކިން ގްރޫޕުން ބުނި ގޮތުގައި، މިދިޔަ އަހަރުގެ ޖުލައި މަހު މި މައްސަލައިގައި އިސްރާއީލާ ސުވާލުކުރުމުން ވެސް އެ ގައުމުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
މި މައްސަލަ ހުށަހެޅި "މީނާ ރައިޓްސް ގްރޫޕް" އިން ބުނި ގޮތުގައި، އުމުރުން 52 އަހަރުގެ ކުޑަކުދިންގެ ބަލިތަކާ ބެހޭ ހާއްސަ ޑޮކްޓަރު އަދި ކަމާލް އަދުވާން ހޮސްޕިޓަލުގެ ޑިރެކްޓަރު ހައްޔަރުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެންނެވެ. އަދި އޭނާ އެކަހެރިކޮށް ބަންދުކޮށް، ގިނަ ވަގުތު ސުވާލުކޮށް، ބަޑީގެ އަތްގަނޑުންނާއި ކަރަންޓު ޝޮކް ދޭ ދަނޑިބުރި ބޭނުންކޮށްގެން އަނިޔާކޮށްފައިވާ ކަމަށް ވެސް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ