ދުނިޔޭގެ 20 އަަހަރުން ދަށުގެ އެތުލެޓިކްސް މުބާރާތުގައި ރާއްޖެ ތަމްސީލްކުރާނީ އަހްނާ

އަންނަ މަހު ކުރިއަށްދާ ދުނިޔޭގެ 20 އަހަރުން ދަށުގެ އެތުލެޓިކްސް މުބާރާތުގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު ރާއްޖޭގެ ހުނަރުވެރި ދުވުންތެރިޔާ، އަހްނާ ނިޒާރު އަށް ލިބިއްޖެ އެވެ. 
ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކުގައި މިދިޔަ ދެ އަހަރު ވާދަކޮށް، ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ވެސް ހޯދަމުން އަންނަ އަހްނާ، އަންނަ މަހު އެމެރިކާގެ އޮރެގޯންގައި، 5-9 އަށް ކުރިއަށްދާ މުބާރާތުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ، 200 މީޓަރު ދުވުމުގެ އިވެންޓުގަ އެވެ. 
މޯލްޑިވްސް އެތުލެޓިކްސް (އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް) އިން ބުނީ، ރާއްޖޭގެ ދިދަ ހިފައިގެން، ދުނިޔޭގެ މި ވަރުގަދަ އިވެންޓުުގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު ލިބިފައިވަނީ ހދ. ކުޅުދުއްފުށި ސިޓީ އަށް އުފަން އަހްނާ އަށް ކަމަށެވެ. 
އެމެރިކާގައި ކުރިއަށްދާ 20 އަހަރުން ދަށުގެ ދުނިޔޭގެ މުބާރާތުގައި ވާދަކުރުމުގެ ކުރިން، މި މަހު 23 އިން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ވެސް އަހްނާ ވާދަކުރާނެ އެވެ. އެ ގޮތުން، ކޮމަންވެލްތު ގޭމްސްގައި އިންޑިވިޖުއަލް އިވެންޓްތަކުގެ އިތުރުން، ރިލޭ އިވެންޓްތަކުގައި ވެސް އަހްނާ ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. 
އަހްނާ ވަނީ މިދިޔަ މެއި މަހު ޗައިނާގައި ކުރިއަށްދިޔަ، އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތުގައި ވެސް ވާދަކޮށްފަ އެވެ. އެ ގޮތުން، އިންޑިއާގައި ކުރިއަށްދިޔަ އޯޕަން ރިލޭ މުބާރާތުގައި ވެސް ފެނިގެންދިޔަ އަހްނާ ވަނީ، އޭޕްރީލް މަހު، ޗައިނާގައި ކުރިއަށްދިޔަ، އޭޝިއަން ބީޗް ގޭމްސްގައި ވެސް ވާދަކޮށްފަ އެވެ. އަދި، އެ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ވެސް އަހްނާ އަށް ލިބިގެންދިޔަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ