މާލޭ ނޯތް ހާބަރުން (އުތުރު ބަނދަރު) މުދާ އުފުލާ އުޅަނދުފަހަރަށް ޚިދުމަތްދޭ ވިޔަފާރިތަކަށް އިތުރު ހަ ކޮމާޝަލް ޖާގައެއް ދޫކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.
މިއީ ބަނދަރުގެ އޮޕަރޭޝަންތައް ހަރުދަނާކޮށް، އަތޮޅުތެރެއަށް ދަތުރުކުރާ ބޯޓުފަހަރަށް މުދާ ބަރުކުރުމާއި ސަޕްލައި ފޯރުކޮށްދިނުން މިހާރަށްވުރެ ފަސޭހަ އަދި އަވަސް ކުރުމަށް އެމްޕީއެލްއިން ކުރިއަށްގެންދާ މަސައްކަތުގެ ބައެކެވެ.
ޕީއެސްއެމް ނިއުސްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރު އަހުމަދު އައްޒާމް ޝަރީފް ވިދާޅުވީ، އެސްޓީއޯ، އެމްޑަބްލިއުއެސްސީ އަދި މިފްކޯ ފަދަ ބޮޑެތި ކުންފުނިތައް މިހާރުވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، މީގެ ސަބަބުން ބޯޓުފަހަރަށް ބޭނުންވާ ސަޕްލައި ހޯދުމަށް ފަސޭހަވެފައިވާ ކަމަށެވެ.
އައްޒާމް ވިދާޅުވި ގޮތުގައި، ކުރިން ކެފޭއެއް ހިންގި އިމާރާތުގެ ތިރީ ފަންގިފިލާ މިހާރު ވަނީ ވިޔަފާރި ބޭނުންތަކަށް ހާއްސަކޮށްފައެވެ. މި ސަރަހައްދުން ދޫކުރާ ހަ ޖާގަ ދޫކުރާނީ ބިޑް އުސޫލުންނެވެ. މި ޖާގަތައް ލިބޭ ފަރާތްތަކަށް ބަނދަރު ސަރަހައްދުގައި ގުދަން ކުރުމާއި މުދާ ފޯރުކޮށްދިނުމުގެ ޚިދުމަތް ދެވޭނެއެވެ.
މި ބަދަލާއެކު މުދާ ސަޕްލައިކުރާ ފަރާތްތައް ބަނދަރު ސަރަހައްދުގައި ތިބުމުން، މުދާ އުފުލުމަށް ހޭދަވާ ވަގުތު ކުޑަވެ، ބޯޓުފަހަރަށް ބޭނުންވާ ތަކެތި ފަސޭހައިން ލިބޭނެ ކަމަށް އައްޒާމް ފާހަގަކުރެއްވިއެވެ. އަދި މި ޖާގަތައް ދޫކުރުމުގައި ހޯލްސޭލް ވިޔަފާރިތަކަށް އިސްކަންދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޕީއެލްއިން ބުނީ މި މަސައްކަތުގެ ސަބަބުން ވާދަވެރި އަގުތަކެއްގައި އަވަހަށް މުދާ ފޯރުކޮށްދެވޭނެ ކަމަށާއި، މުދާ ސަޕްލައިކުރާ ފަރާތްތަކަށް ދިމާވާ ލޮޖިސްޓިކަލް ދަތިތަކަށް ހައްލެއް ލިބި، ބަނދަރުގެ ޖުމްލަ ހިންގުން ހަރުދަނާވެގެންދާނެ ކަމަށެވެ.
ނޯތު ހާބަރުން ވިޔަފާރިތަކަށް އިތުރު ހަ ޖާގައެއް ދޫކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ