އިންތިހާބީ ޝަކުވާއާ ގުޅޭ ދެ މައްސަލައެއް މާދަމާ ސުޕްރީމް ކޯޓުގައި

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލީ ދެ މީހެއްގެ ކެންޑިޑެންސީއާ މެދު އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމި ނިންމުމަކާ ގުޅޭ ދެ މައްސަލައެއްގެ ހުކުމް އިއްވުން މާދަމާ ސުޕްރީމް ކޯޓުން ތާވަލުކޮށްފި އެވެ. 
އިންތިހާބީ ޝަކުވާއެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ކ. ގުރައިދޫ ކައުންސިލްގެ ރައީސް ކަމަށް އަމިއްލަ ގޮތުން ވާދަކުރަން ހުށަހެޅި އަބްދުލްމަޖީދާއި ކ. ތުލުސްދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް އަމިއްލަ ގޮތުން ކުރިމަތިލާން ހުށަހެޅި ފާތިމަތު ސޫޒަން އެވެ. 
އެ ދެ މީހުންގެ ކެންޑިޑެންސީ ވެސް ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން އޮތީ ނިންމައިފަ އެވެ. 
މި ދެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމުން، އެ ދެ ރަށުގައި ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރުން ކުރިއަކަށް ވެސް ނުގެންދެ އެވެ. އެހެން ހުރިހާ ރަށެއްގައި ކެންޑިޑޭޓުންގެ ނަންބަރު ވަނީ ތަރުތީބުކޮށްފަ އެވެ. 
މިފަދަ އިންތިހާބީ މައްސަލަތަކަކީ ސުޕްރީމް ކޯޓުން އަވަހަށް ގޮތެއް ކަނޑައަޅަން މުއްދަތު ކަނޑައަޅާފައިވާ ބާވަތުގެ މައްސަލަތަކެވެ. 
ސުޕްރީމް ކޯޓުން ތާވަލުކޮށްފައިވަނީ މާދަމާ 10:30 ގައި މަޖީދުގެ ޝަކުވާއާ މެދު ގޮތެއް ކަނޑައެޅުމަށެވެ. އެ މައްސަލައިގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. 
ސޫޖަންގެ ޝަކުވާއާ މެދު ގޮތެއް ކަނޑައަޅަން ތާވަލުކޮށްފައިވަނީ 11:30ގަ އެވެ. އެ މައްސަލައިގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ