ގިނަ ދީނީ އިލްމުވެރިންތަކެއް ހިމެނޭހެން ރާއްޖޭގައި ހިންގަމުން އަންނަ ”މަކްތަބަ ސަލަފިއްޔާ“ އަކީ ރެޖިސްޓްރީކޮށްގެން ހިންގާތަނެއް ނޫންކަން ހާމަވެއްޖެއެވެ.
”ސަންގު“ އަށް މައުލޫމާތު ލިބިފައިވާގޮތުން މަކްތަބާގެ ނަމުގައި އެއްވެސް ޖަމިއްޔާއިން ރަޖިސްޓްރީކޮށްފައި ނެތެވެ. އަދި އެފަދަ ހުށަހެޅުމެއް ހުށަހަޅާފައިވެސް ނުވެއެވެ. މަކްތަބާގެ ނަމުގައި ފޭސްބުކްގައި ޕޭޖެއެއްވެސް ހަދާފައި ވެއެވެ.
ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުއާއި އަދި އެ ގާނޫނޫގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ތިން މީހަކަށް ދީނީ ތަގުރީރު ކުރުމާއި، ވައުޒު ބުނުމަށް އެ މިނިސްޓްރީން ދީފައިވާ ހުއްދަ ހިފަހައްޓާފައިވާ މައްސަލައިގެ ތެރޭގައި މަކްތަބާ ސަލަފިއްޔާއަށް ނިސްބަތް ވާ އިލްމުވެރިއަކުވެސް ހިމެނެއެވެ. އެއީ ނ. ޅޮހި، މަނަދޫގޭ އަބްދުއްރަހީމް މުހައްމަދު، ސ. މީދޫ ދެކުނުގެ ޖައުފަރު ފާއިޒުގެ އިތުރުން ގދ. ތިނަދޫ ރެޑްސީ މުހައްމަދު ހަސަންއެވެ. އޭގެ ތެރެއިން މަކްތަބާ ސަލަފިއްޔާގެ އިލްމުވެރިއަކީ މުހައްމަދު ހަސަންއެވެ.
ސަސްޕެންޑު ކުރި އަނެއް ދެ އިލްމުވެރިން ވެސް، ނިސްބަތް ވަނީ މަކްތަބާ ސަލަފިއްޔާއަށް ކަމަށް ބުނެ އަޑުތައް ފެތުރުނެވެ. އެހެން ނަމަވެސް އެކަން ދޮގުކޮށް އެ ޖަމިއްޔާއިން ބުނެފައިވަނީ މުހައްމަދު ހަސަން އާއެކު ހުއްދަ ހިފެހެއްޓިފައިވާ އިތުރު ދެ އިލްމުވެރިންނަކީ އެމީހުންނާއި ގުޅުން އޮންނަ ބައެއްކަމަށް ދެއްކުމަށް ބަަޔަކު މަސައްކަތެއް ކުރިނަމަވެސް އެއީ އެކަން އޮތް ގޮތެއް ނޫން ކަމަށެވެ.
މައްސަލައާއި ގުޅިގެން މަކްތަބާ ސަލަފިއްޔާއިން ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބޭއްވިއެވެ. އެ ބައްދަލުވުމުގައި މުހައްމަދު ހަސަން ވިދާޅުވީ އޭނާއަކީ ހަރުކަށި ފިކުރުގެ މީހެއް ކަމަށް ބަޔަކު ބުނާނަމަ އެކަމުގެ ހުއްޖަތް ދައްކަން ޖެހޭނެ ކަމަށެވެ. އަދި މިހާތަނަށް ހަރުކަށި ފިކުރު ފެތުރުމަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ. މުހައްމަދު ހަސަން ވިދާޅުވީ މިސްކިތްތަކުގައި މިހާތަނަށް ދީފައިވާ ދަރުސްތަކުގެ ވީޑިއޯތައް ފެންނަން ހުންނާނެ ކަމަށާ އެ ދަރުސްތަކުގައި ހަރުކަށި ފިކުރަށް ގޮވާލާފައިނުވާނެ ކަމަށެވެ.
މަކްތަބާ ސަލަފިއްޔާއިން ބުނެފައި ވަނީ އެ ޖަމިއްޔާއަކީ ހަރުކަށި ފިކުރަށް ތާއީދު ކުރާ ބައެއް ނޫން ކަމަށާއި އެ މީހުންނަކީ އެކަމާ ދެކޮޅަށް އަޑު އުފުލާ ބައެއް ކަމަށެވެ. އަދި މުހައްމަދު ހަސަން ވަނީ ނޫސްވެރިންގެ ފަރާތުން ވެކްސިނާއި ގުޅޭގޮތުން ކުރިމަތިވީ ސުވާލަށް އޭނާގެ ދަރިން މަޖީދިއްޔާ ސްކޫލަށް ފޮނުވާ ކަމަށާއި ވެކްސިން ވެސް ދީފައިވާނެ ކަމަށް ވިދާޅުވެފައެވެ.
”މަކްތަބަ ސަލަފިއްޔާ“ ރެޖިސްޓްރީކޮށްފައި ނުވާ ޖަމިއްޔާއެއް؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ