ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލްކުރުން ކޯޓުން ހުއްޓުވާލީ ރަނގަޅަށް: ހައިކޯޓް

ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކުރަން ސަރުކާރުން ނިންމި ނިންމުން ތަންފީޒުކުރުން ސިވިލް ކޯޓުން ހުއްޓުވީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ގަވާއިދާ ހިލާފަށް ރަޖިސްޓްރީކުރި ކަމަށް ތުހުމަތުކޮށް 200 އެއްހާ ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރަން ސަރުކާރުން ނިންމާފައި ވަނިކޮށް ސިވިލް ކޯޓުން މިދިޔަ އަހަރު އަމުރެއް ނެރުނީ އޭގެ ތެރެއިން 87 ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރުން މަޑުޖައްސާލުމަށެވެ.
އެ އަމުރު ޓްރާންސްޕޯޓް މިނިސްޓްރީން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ.
ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ކުރި ހުކުމުގައިވަނީ ވެހިކަލްތަކުގެ ރަޖިސްޓްރީގެ ސައްހަކަމާ މެދު ގޮތެއް ނިންމޭނީ ސިވިލް ކޯޓުން ބަލާ މައްސަލާގެ ތެރެއިން ކަމަށެވެ. އަދި އުޅަނދުގެ ރަޖިސްޓްރީ ބާތިލްވެފައި އޮވެއްޖެ ނަމަ ގެއްލުން ލިބޭނީ އުޅަނދުގެ ވެރިފަރާތްތަކަށް ކަމަށާއި އެކަމަކު ދައުލަތަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
ސިވިލް ކޯޓުގެ އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު މުހައްމަދު ސަލީމްގެ އަޣުލަބިއްޔަތުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
ރައުޔު ތަފާތުވި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔުގައިވަނީ އުޅަނދުތައް ރަޖިސްޓްރީކުރީ ދައުލަތުން ކަނޑައަޅާފައިވާ ނިޒާމުގެ ބޭރުން ކަމަށް ދައުލަތުން ބުނާ ބުނުމަށް ބާރުލިބޭ ހެކިތަކެއް ހުއްޓާ ހަމައެކަނި ރަޖިސްޓްރީއެއް އޮތުމަކީ އެ ރަޖިސްޓްރީތައް ދަމަހައްޓަން ވަގުތީ އަމުރެއް ނެރެވޭނެ ސަބަބެއް ނޫން ކަމަށެވެ.
ފަނޑިޔާރު ނިޔާޒްގެ ރައުޔުގައި ވަނީ އެ މައްސަލާގައި 87 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކުރި ނިންމުން ސިވިލް ކޯޓުން ހުއްޓުވިއިރު އެ މައްސަލާގައި ދައުވާކުރީ އެންމެ ނުވަ މީހުން ކަމަށެވެ. އެހެންވެ، ބާކީ ތިބި ވެހިކަލްތަކުގެ ވެރިފަރާތްތަކުގެ މީހުންގެ ބަހެއް ނެތި އެގޮތަށް އަމުރު ނުކުރެވޭނެ ކަމަށް އެ ރައުޔުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ