ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށްކަން "ވީނިއުސް"އަށް ކަށަވަރުވެއްޖެއެވެ.
ގާނޫނު ބުނާ ގޮތުން ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެމްބަރަކު ޖިނާއީ މައްސަލައެއްގައި ހައްޔަރު ކުރާނަމަ ހައްޔަރު ކުރުމުގެ ކުރިން އެކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ރަސްމީކޮށް އަންގަން ޖެހެއެވެ. އަދި ކުށުގެ ވެށިން ހައްޔަރު ކުރި ނަމަވެސް ހައްޔަރު ކުރުމަށްފަހު ލަސްވެގެން އެއް ގަޑިއިރު ތެރޭ އެކަން ރަސްމީ ހައިސިއްޔަތަކުން މަޖިލީހަށް އަންގަން ޖެހެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައިގައި މެމްބަރު ޝިޔާމް ހައްޔަރުކުރިއިރު، މެމްބަރު ހައްޔަރުކުރީ ކުށުގެ ވެށްޓަކުން ނޫނެވެ. ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި، ޝިޔާމް ހައްޔަރުކުރީ އެޕާޓީގެ މައި އިދާރާގައި ހުންނަވަނިކޮށެވެ.
"ވީނިއުސް"އާ ވާހަކަދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، ނައިފަރު ދާއިރާގެ އިއްޒަތްތެރި މެމްބަރު ޝިޔާމް ހައްޔަރުކުރީ އެއިދާރަށް އެއްވެސް ގޮތަކުން އެންގުމަކާ ނުލައި ކަމަށެވެ. އަދި މެމްބަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަފަހުންވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އެއްވެސް އެންގުމެއް އަންގާފައިނުވާ ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ބަޔަކު ހުރަސް އަޅާފައިވާއިރު، މިއީ ރާއްޖޭގައި މުޒާހަރާއެއްގެ ބަޔަކު ރައީސެއްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި ފުރަތަމަ ފަހަރެވެ. އަދި މިއީ ރާއްޖޭގައި އެންމެ މަތީ ވެރިއެއްގެ މޮޓޯކޭޑް ދުއްވާފައި ދަނިކޮށް ސެކިއުރިޓީ ފެއިލްވި ފުރަތަމަ ފަހަރެވެ.
ރައީސް ސޯލިހްގެ މޮޓޯކޭޑް ހުއްޓުވީ، ހުޅުމާލޭގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ރެހެންދި އެވޯޑް ހަފުލާ އަށްފަހު، އެމަނިކުފާނު ބޮޑުތަކުރުފާނު މަގުން ވަޑައިގަންނަވަނިކޮށް، އިދިކޮޅު ޕީޕީއެމްގެ އޮފީހާ ދިމާލުގައި ތިބި އިދިކޮޅު އިއްތިހާދުގެ ސަޕޯޓަރުންތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ