އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން އަދި މާ އަވަސް ކަމަށާއި އެ އިންތިހާބުގައި އޭނާ ވާދަ ކުރެއްވުމަށް ވެސް ނުވަތަ ނުކުރެއްވުމަށް ވެސް ނުނިންމަވާ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު 'ދައުރު'އާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ދިނުމަށް ތާއީދު ކުރެއްވުމާ މެދު އެއްޗެއް ވިދާޅުވާން އަދި މާ އަވަސް ކަމަށެވެ.
ބުނީ ކީކޭ؟ - ގާސިމް ވިދާޅުވީ، ރިޔާސީ އިންތިހާބު ބާއްވަން އަދި ދުވަސްތަކެއް އެބަ އޮތް ކަމަށާއި، އެހެންވެ ސިޔާސީ މަސްރަހުގައި ކަންކަން ބަދަލުވުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށެވެ.
"އަޅުގަނޑުމެން ކައުންސިލުން ނިންމާނީ. ކައުންސިލުން ނިންމާ ގޮަތަކަށް ތަބާވާނަން،" ރިޔާސީ އިންތިހާބަށް އޭނާ ކުރިމަތިލައްވާނަންތޯ ސުވާލު ކުރުމުން ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އަބަދު ވެސް ހުންނެވީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ އަޒުމްގައި ކަމަށާއި އިންތިހާބަށް ނުކުންނެވުމާ މެދު ގޮތެއް ނިންމަވާނީ ވެސް ކައުންސިލުން ދޭ ލަފައެއްގެ މަތިން ކަމަށެވެ. ކުރިމަތިލުމުގެ ޝައުގުވެރިކަން އެބަހުރިތޯ ސުވާލު ކުރުމުން ވެސް ގާސިމް ވިދާޅުވީ އެ ކަމުގައި ވެސް އަމަލު ކުރައްވާނީ ކައުންސިލުން ދޭ ލަފައަކަށް ކަމަށެވެ.
"އަޅުގަނޑު އެއްޗެއް ބުނަން އަދި މާ އަވަސް. އަދި މި މުއްދަތުގެ ތެރޭގައި ކިތަންމެ ކަމެއް ބަދަލުވެދާނެ،" އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - ވެރިކަމުގެ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވަން ރައީސް ސޯލިހް އިއްޔެ ވަނީ ފުރަތަމަ ފަހަރަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. ކޯލިޝަންގެ ބައިވެރިންނާ އެކު އެ އިންތިހާބު އެ މަނިކުފާނަށް ކާމިޔާބުކުރެއްވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، ރައީސް ސޯލިހާ އެކު ކުރިއަށް އޮތް ފަސް އަހަރަށް ނުވަތަ އެ މަނިކުފާނަށް ދެ ވަނަ ދައުރެއް ދިނުމަށް ތާއީދު ކުރުމާ މެދު އެއްޗެއް ބުނަން ވެސް އަދި މާ އަވަސް ކަމަށެވެ.
"މިސާލަކަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބްރާހިމް މުހައްމަދު ސޯލިހް ނުހޮވިއްޖިއްޔާ ދެން ކިހިނެއް ހަދަނީ،" އޭނާ ސުވާލު އުފެއްދެވި އެވެ.
"[ރައީސް ސޯލިހް] ހޮވޭނެ ކަމަށް ބަލަނީ. އެކަމަކު އެއީ މުސްތަގުބަލުގައި ކަމެއް ހިނގާނެ ކަމަށް ކަނޑައަޅައި %100 ބުނާކަށް ނޭނގޭނެ. ލަފާ ކުރެވޭނެ، ތަދުބީރު ކުރެވޭނެ، ތަގުދީރު ރާވާ ރޭވުމެއް ހަމަ އެއްގޮތަކަށް ވެސް އެކަކަށް ވެސް ނޭނގޭނެ."
މިހާރު ހަދާފައިވާ ކޯލިޝަން އެއްބަސްވުމަކީ މި ހިނގާ ފަސް އަހަރަށް ހަދާފައިވާ އެއްބަސްވުމެއްކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، އެއްބަސްވުން އޮތް ގޮތުން ކުރިއަށް އޮތް އިންތިހާބަށް ޖޭޕީން އަމިއްލައަށް ނުކުމެ ވާދަ ކުރުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށެވެ. އަދި އެއްބަސްވުމުގައި ހުރި ކަންކަން އެ ގޮތަށް ނުހިނގާތީ އެކަމުގެ ކަންބޮޑުވުން ވެސް އެބަ އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެއްބަސްވުމުގެ ކަންކަން އެ ގޮތަށް ދިޔަ ނަމަ، އަޅުގަނޑު ހުންނާނީ އަދިވެސް މަޖިލީހުގެ ރައީސަކަށް ވެސް. ވަޒީފާތަކާއި މަގާމުތުތައް އަދި މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތުތަކާއި އެ ނޫން ވެސް އެއްޗެހި އެމްޑީޕީން ނުދިން،" ކޯލިޝަންގެ އެއްބަސްވުމުގައި ހުރި ކަންކަން އެ ގޮތަށް ނުދިއުމުގެ ކަންބޮޑުވުން ފާޅު ކުރައްވަމުން އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - އާ ގާނޫނުއަސާސީ ތަސްދީގު ކުރި ފަހުން ބޭއްވި ތިން އިންތިހާބުގެ ތެރެއިން ދެ އިންތިހާބުގައި ގާސިމް ވާދަ ކުރެއްވި އެވެ. ދެ ފަހަރު ވެސް އޭނާއަށް ލިބުނީ ތިން ވަނަ އެވެ. މިހާތަނަށް ބޭއްވި ތިން އިންތިހާބު ވެސް ކާމިޔާބުކޮށްފައިވަނީ ގާސިމާ އެކު އެ ޕާޓީތަކުން ކޯލިޝަން ހަދައިގެން ގާސިމް އިހްތިޔާރު ކުރެއްވި ކެންޑިޑޭޓެކެވެ. ކޮންމެ އިންތިހާބެއްގެ ނަތީޖާ އަނބުރާލުމުގައި ގާސިމްގެ ހިއްސާ ބޮޑެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވެރިކަމަށް ވަޑައިގެންނެވީ ގާސިމްގެ ތާއީދާ އެކު އެވެ. އެ ދެ ވެރިކަމުގައި ވެސް މާ ގިނަ ދުވަސްތަކެއް ނުވެ، ގާސިމާ އެކު ހަދާފައިވާ ކޯލިޝަން ރޫޅާލި އެވެ.
ރިޔާސީ އިންތިހާބާ މެދު އެއްޗެއް ބުނަން އަދި މާ އަވަސް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ