ފްރެންޗް އޯޕަން: ކެރޮލީނާ މުކޯވާ އާއި ޝްވާންޓެކް ފައިނަލަށް

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ބައިގެ ފައިނަލުން ޗެކް ރިޕަބްލިކުގެ ކެރޮލީނާ މުކޯވާ އާއި އެއްވަނައަށް ސީޑް ކުރެވިފައިވާ ޕޯލަންޑުގެ އީގާ ޝްވާންޓެކް ޖާގަ ހޯދައިފިއެވެ.
މިމުބާރާތުގެ ފައިނަލުން މުކޯވާ ޖާގަ ހޯދީ ސެމީފައިނަލްގައި މިމުބާރާތުގައި ދެވަނައަށް ސީޑް ކުރެވިފައިވާ ބެލަރޫސްގެ އަރީނާ ސަބަލެންކާއާ ބައްދަލުކުރި މެޗް ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު ދެ ސެޓް އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ.
ވަރަށް ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ޓައިބްރޭކަކަށް ގޮސް ހަތެއް ފަހަކުން ކާމިޔާބުކުރީ މުކޯވާއެވެ. ނަމަވެސް ޓައިބްރޭކަކަށް ދިޔަ ދެވަނަ ސެޓް ސަބަލެންކާ ވަނީ ފަހެއް ހަތަކުން ކާމިޔާބުކޮށްފައެވެ. މިމެޗްގެ ފަހު ސެޓްގައި ސަބަލެންކާއިން ދޭއް ފަހެއްގެ ލީޑެއް ނެގުމާއެކު ސަބަލެންކާ ފައިނަލުން ޖާގަ ހޯދާނެކަމަށް ގިނަ ބަޔަކަށް ގަބޫލްކުރެވުނު ނަމަވެސް މުކޯވާ ވަނީ ޖެހިގެން އައި ފަސް ގޭމްވެސް ކާމިޔާބުކޮށް ހަތެއް ފަހަކުން މިސެޓް ކާމިޔާބުކޮށް، ފްރެންޗް އޯޕަންގެ ފައިނަލުން ޖާގަ ހޯދާފައެވެ.
މިއާއެކު މުކޯވާ ވެފައިވަނީ ފްރެންޗް އޯޕަންގެ ފައިނަލުން ޖާގަ ހޯދި އެންމެ ދަށުން ރޭންކް ކުރެވިފައިވާ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާއަށެވެ. މިމެޗުން ބަލިވުމުން ސަބަލެންކާއަށް މިވަނީ ދުނިޔޭގެ އެއްވަނައަށް ރޭންކް ކުރެވިފައިވާ ކުޅުންތެރިޔާގެ މަގާމަށް އެރުމަށް ލިބިގެންދިޔަ ފުރުސަތު މިވަގުތަށް ގެއްލިފައެވެ.
އޭގެ ބަދަލުގައި ދުނިޔޭގެ އެއްވަނަ ރޭންކް އަދިވެސް އޮންނާނީ ދެވަނަ ސެމީ ފައިނަލް ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދި ޝްވާންޓެކް އަތުގައެވެ. ޝްވާންޓެކް ފައިނަލުން ޖާގަހޯދީ ދެވަނަ ސެމީ ފައިނަލްގައި 14 ވަނައަށް ސީޑް ކުރެވިފައިވާ ބްރެޒިލްގެ ބީޓްރީޒް ހަޑާޑް މައިއާ ބައްދަލުކުރި މެޗް ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ.
މިމެޗްގެ ފުރަތަމަ ސެޓް ޝްވާންޓެކް ފަސޭހަ ކަމާއެކު ހައެއް ދެއަކުން ކާމިޔާބު ކުރި ނަމަވެސް ދެވަނަ ސެޓްގައި ހަޑާޑް މައިއާ ވަނީ ރަނގަޅު ކުޅުމެއް ދައްކާ ޝްވާންޓެކް ހާސްކޮށްލާފައެވެ. އަދި ދެކުޅުންތެރިންގެ ފަރާތުން ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިސެޓްގައި ޓައި ބްރޭކްކަކަށް ގޮސް ޝްވާންޓެކް ކުރި ހޯދީ ނުވައެއް ހަތަކުންނެވެ. މިއީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މިމުބާރާތުގެ ފައިނަލުން ޝްވާންޓެކް ޖާގަހޯދި ތިންވަނަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ