ހުން އައިސްގެން އުޅޭ ކަމަށް ބުނެ ސުޕްރީމް ކޯޓުގައި ދޮގު ހެދި މީހަކު ޖޫރިމަނާކޮށްފި

ސުޕްރީމް ކޯޓުގައި ޝަރީއަތުގެ މަޖިލިސް ކުރިއަށް ދިޔަ ވަގުތު ވަރަށް ގަދަޔަށް ހުން އައިސް ހުރިކަމަށް ބުނެ ދޮގު ހަދައި މޭޒު މަތީގައި ބޯޖެހި މީހަކު 2،000 ރުފިޔާ އިން މިއަދު ޖޫރިމަނާކޮށްފި އެވެ. 
ފެށުނު ގޮތް - ޖޫރިމަނާކުރީ ފުވައްމުލަކު ޒާވިޔާ، އަބްދުﷲ ނަޒީފް އެވެ. އޭނާ އަކީ 2011 ވަނަ އަހަރު ވިލިމާލޭ ޕާކުތެރޭގައި ނ. މާޅެންދޫ ވައިޓް ހައުސް އަހްމަދު މިރުޒާގެ ބޮލުގައި ލަކުޑިބުރިއަކުން ޖަހާ އޭނާ މަރާލިކަން ސާބިތުވެ، މަރަން ހުކުމްކޮށްފައިވާ މީހެކެވެ. ކްރިމިނަލް ކޯޓުގެ ހުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ. މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށް ދަނީ އިސްތިއުނާފުގެ ފަހު މަރުހަލާ އެވެ.
ވީ ކިހިނެއް؟ - އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލިސް ފެށިތަނާ ނަޒީފް ވަނީ އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން މިއަދުގެ އަޑުއެހުން ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ. ނަޒީފް އެގޮތަށް އެދުނު ނަމަވެސް އޭނާގެ އަތުގައި އެކަން ސާބިތުކޮށްދޭނެ އެއްވެސް ލިޔެކިޔުމެއް ނެތެވެ.
ބުނީ ކީކޭ؟ - "މިތަނުން ޓެސްޓު ހެދިފައެއް ނެތް އަދި މިވަގުތު. އަޅުގަނޑުގެ ލޮލުގައި ވަރަށް ގަދަޔަށް ރިއްސާތީ މި އުޅެނީ. އެއަށް ސާޖަރީއެއް ހެދުމަށްޓަކައި ރިފާ ވެސް ކޮށްފައި ވާނެ. އަދި އޭގެ އިތުރުން މިއަދު އަދި ދިމާވެގެން އެބަ އުޅޭ ބައިވަރު ކަންތައް. އަޅުގަނޑު ލޮލުގައި ވަރަށް ގަދަޔަށް އެބަ ރިއްސާ. އަދި ބޮލުގައި ވެސް އެބަ ރިއްސާ އަދި ހުން ވެސް ވަރަށް ގަދަޔަށް އައިސް ހުރީ،" ނަޒީފް ބުންޏެވެ.
ތަފްސީލް - މާފުށީ ޖަލުން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވި ނަޒީފް ބުނީ ކަރެކްޝަނަލް ސާވިސްގެ ބައެއް އޮފިސަރުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާތީ، ވީހާވެސް އަވަހަކަށް އޭނާ ކޮވިޑަށް ޓެސްޓުކުރަން ބޭނުން ކަމަށެވެ.
ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ އެއީ ޝަރީއަތާ ސީދާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި ޝަރީއަތުގެ މަޖިލިސް ކުރިއަށް ނުގެންދާނެ ހަމައެކަނި ސަބަބަކަށް އޮންނާނީ ނަޒީފް ބުނި ގޮތަށް އޭނާގެ ބަލި ހާލަތު ހުރިކަން އެނގޭނެ ރަސްމީ ލިޔުމެއް ކޯޓަށް ލިބިފައިވާ ނަމަ ކަމަށެވެ.
ނަޒީފްގެ ދިފާއީ ވަކީލު އިސްމާއީލް މުހައްމަދު ވިދާޅުވީ ނަޒީފާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް އޭނާގެ ލޮލުގެ މައްސަލަތަކުގެ ވާހަކަ ހިއްސާކުރި ކަމަށެވެ. އެހެންކަމުން އޭނާގެ ސިއްހީ ހާލަތު ރަނގަޅު ދުވަހެއްގައި ޝަރީއަތް ކުރިއަށް ގެންދިއުމަށް ވަކީލު އެދިވަޑައިގަތެވެ.
ފަނޑިޔާރު ޝުޖޫން ވިދާޅުވީ ނަޒީފްގެ ސިއްހީ ހާލަތު ރަނގަޅު ނޫން ކަމަށްވާނަމަ އެންމެ ޒިންމާދާރު ގޮތަކަށް ވީހީ އަދި އާންމު އުސޫލަކީ ވެސް އެކަމާ ގުޅޭ ލިޔެކިޔުން ޝަރީއަތުގެ މަޖިލިސް ފެށުމުގެ ކުރިން ހުށަހެޅުން ކަމަށެވެ. ނަޒީފާއި އޭނާގެ ވަކީލުގެ ހުށަހެޅުމާ ގުޅޭގޮތުން ފަނޑިޔާރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް އެހިސާބުން ޝަރީއަތް މެދުކަނޑާލި އެވެ.
ޝަރީއަތް މެދުކަނޑާލުމުގެ ކުރިން އަނެއްކާވެސް ނަޒީފް ވަނީ ޝަރީއަތުގެ މަޖިލީހުގައި ގިނަ އިރު އިންނަން ޖެހުމުން އުނދަގޫވާ ކަމަށް ބުނެ ޝަކުވާ ކޮށްފަ އެވެ.
ޝަރީއަތް އަލުން ފަށައި ފަނޑިޔާރު ޝުޖޫން ވަނީ އެވަގުތު ނަޒީފް އާއެކު މާފުށީ ޖަލުގައި ހުރި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުގެ ކިބައިން ބައެއް މައުލޫމާތު ސާފުކުރައްވައިފަ އެވެ. އޮފިސަރުގެ ކިބައިން ނަޒީފްގެ ބަލި ހާލަތާ ގުޅޭ މައުލޫމާތު ސާފުކުރައްވަމުން ދަނިކޮށް ވެސް ނަޒީފް ވަނީ ހުއްދަނެތި ވާހަކަދައްކައިފަ އެވެ. އެގޮތަށް ކަންތައް ނުކުރުމަށް ފަނޑިޔާރު ޝުޖޫން ނަސޭހަތްތެރިވެވަޑައިގަތެވެ.
އޮފިސަރު ވިދާޅުވީ ޝަރީއަތް ފެށުމުގެ ކުރިން މިއަދު ހެނދުނު، ލޮލުގަ އާއި ބޮލުގައި ރިއްސާ ވާހަކަ އާއި ހުން ހުރި ވާހަކަ ނަޒީފް ބުނި ކަމަށެވެ. އޮފިސަރު މައުލޫމާތު ދިން ފަހުން، ދައުލަތުގެ ފަރާތުން ކަރެކްޝަންސް އިން ބައެއް މައުލޫމާތު ސާފުކުރުމަށް ވެސް 10 މިނެޓަށް ޝަރީއަތް މެދުކަނޑާލި އެވެ.
އެއަށްފަހު އަލުން ޝަރީއަތް ކުރިއަށް ގެންދަން ނިންމީ ނަޒީފްގެ ބަލިހާލަތާ ގުޅޭ ލިޔެކިޔުން ނެތުމުންނެވެ. ފަނޑިޔާރު ޝުޖޫން ވިދާޅުވީ އާންމު އުސޫލުން ކޯޓުން އަމަލުކުރާ ގޮތް ނޫނަސް ނަޒީފްގެ ވާހަކަތައް "އެންޓަޓައިން" ކުރައްވަމުން ގެންދަވަނީ އޭނާއަކީ މަރުގެ ހުކުމް އިއްވާފައިވާ މީހަކަށް ވާތީ އެކަމަށް ވިސްނަވައިގެން ކަމަށެވެ.
"އެ މިންވަރުގެ ބަލި ހާލަތެއް ހުރި ނަމަ ކޯޓަށް ހުށަހެޅިފައި ހުންނާނީ. ޝަރީއަތް ކުރިއަށް ނުގެންދެވޭ ވަރުގެ ބަލިމަޑުކަމެއް ހުރި ކަމަކަށް ބުރައެއް ނުވެވޭ. ޝަރީއަތް މިއަދު ކުރިއަށް ގެންދާނަން،" ފަނޑިޔާރު ވިދާޅުވި އެވެ.
ނަމަވެސް އަނެއްކާވެސް ނަޒީފް ވަނީ ޝަކުވާކުރަން ފަށައިފަ އެވެ. އޭނާ ބުނީ ހުން އައިސް ހުރި މީހަކަށް "ގަޑި ދެގަޑިއިރު" ވަންދެން ޝަރީއަތުގައި ނީނދެވޭނެ ކަމަށެވެ. ނަމަވެސް ފަނޑިޔާރު ޝުޖޫން ވިދާޅުވީ މާދިގުކޮށް ޝަރީއަތް ކުރިއަށް ގެންދެވުމުގެ ވިސްނުމެއް ނެތް ކަމަށާއި ޝަރީއަތް ގަޑި ދެގަޑިއިރަށް ދެމިގެން ނުދާނެ ކަމަށެވެ.
ދެން ޝަރީއަތް ފެށިތަނާ ނަޒީފް މޭޒުގައި ބޯ އަޅައި އޮށޯތީ އެވެ. ޝަރީއަތުގެ މަޖިލީހުގައި އެގޮތަށް ނޯވެވޭނެކަން ފާހަގަކުރެއްވީ ފަނޑިޔާރު ހުސްނުއްސުއޫދެވެ.
ފަނޑިޔާރު ޝުޖޫން ވިދާޅުވީ ޝަރީއަތް ފެށުމުގެ ކުރިން ވެސް، ޝަރީއަތުގެ މަޖިލީހުގައި އަމަލުތައް ބަހައްޓަން ޖެހޭނެ ގޮތް ކިޔައިދީފައިވާނެ ކަމަށެވެ. އަދި އެކަން ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވެވަޑައިގެން، ނަޒީފަށް ނަސޭހަތް ދިނުމުގެ ފުރުސަތު އޭނާގެ ދިފާއީ ވަކީލަށް ވެސް ދެއްވި އެވެ.
ދިފާއީ ވަކީލު ވިދާޅުވީ މީގެކުރިން ދުވަހަކު ވެސް ޝަރީއަތުގެ މަޖިލީހެއްގައި ނަޒީފް އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށާއި އެއީ ބަލި ހާލަތު ހުރިގޮތުން ކުރެވުނު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ނަސޭހަތްތެރިވުމަށް ފަހު އަލުން މަޖިލިސް ކުރިއަށް ގެންދަން ފެށުމުން ވެސް ނަޒީފް ވަނީ މޭޒުގައި ބޯޖަހައިގެން އޮވެފަ އެވެ. އެހިސާބުން ފަނޑިޔާރު ޝުޖޫން ވަނީ ފަހު ފަހަރަށް އޭނާއަށް އިންޒާރުކުރައްވައިފަ އެވެ.
"ފަހު ފަހަރަށް ދަންނަވާނީ ރީއްޗަށް އިށީނދެވަޑައިގެން އިންނެވުމަށް،" ޝުޖޫން ވިދާޅުވި އެވެ.
ނަޒީފް ދެން އެދުނީ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ޝަރީއަތް މެދުކަނޑާލައި އޭނާއަށް ބޭސް ލިބޭނެ ގޮތެއް ހަދައިދިނުމަށެވެ.
ފަނޑިޔާރު ޝުޖޫން ޝަރީއަތުގެ މަޖިލިސް މެދުކަނޑައިލެއްވީ ނަޒީފަށް ބޭސް ދިނުމަށާއި އޭނާގެ ހުން ބެލުމަށް ޕްރިޒަންސް އޮފިސަރަށް އެންގެވުމަށް ފަހު އެވެ. އަލުން ޝަރީއަތް ފަށައި އެ މައުލޫމާތު ބެންޗުން ހޯދި އެވެ.
ޑޮކްޓަރެއްގެ ހާޒިރުގައި ނަޒީފްގެ ހުން ބެލި އިރު، އޭނާގެ ހަށިގަނޑުގެ ފިނިހޫނުމިނަކީ 36.8 ސެލްސިއަސް ކަމަށް އޮފިސަރު ވަނީ ޝަރީއަތަށް މައުލޫމާތު ދީފަ އެވެ. އަދި ނަޒީފްގެ އޮކްސިޖަން ލެވެލް އާއި ބްލަޑް ޕްރެޝަރު ވެސް އޮފިސަރު ވަނީ މަޖިލީހަށް ހިއްސާކޮށްފަ އެވެ. އޮފިސަރު ވިދާޅުވީ އޭގައި ކަންބޮޑުވާންޖެހޭ ކަމެއް ހުރި ކަމަށް ޑޮކްޓަރު ފާހަގަނުކުރައްވާ ކަމަށެވެ.
"އެހެންވީމަ އަބްދުﷲ ނަޒީފްގެ ފަރާތުން އިތުރުފުޅު ހެއްދެވިކަމަށް އަޅުގަނޑު މި ބަލަނީ. އެހެންވީމަ އެ ސަބަބަށްޓަކައި އަދި ޝަރީއަތުގެ މަޖިލީހަށް ނިޒާމަށް ހުރަސްއެޅުއްވި ކަމަށްޓަކައި އެކަމުގެ އަދަބެއްގެ ގޮތުން ކޯޓުތަކުގެ ގާނޫނުގެ 76 ވަނަ މާއްދާގެ ދަށުން، 2000 ރުފިޔާގެ ޖޫރިމަނާއެއް ކުރަން،" ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.
ކޯޓުތަކުގެ ގާނޫނުގެ 76 ވަނަ މާއްދާ:
"ޝަރީއަތުގެ މަޖިލިސް ހިނގަމުންދަނިކޮށް ކޯޓުގެ އިޒުނައެއް ނެތި ޝަރީއަތުގެ މަޖިލީހުން ނުކުމެ، ނުވަތަ މަޖިލީހުގެ ނިޒާމާ ހިލާފުވާފަދަ އަމަލެއް މީހަކު ހިންގައިފިނަމަ، ނުވަތަ ޝަރީއަތުގެ މަޖިލީހުގައި ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވެއްޖެނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި، ތިރީގައިވާ ގޮތުގެމަތިން، ވަގުތުން އަދަބު ކަނޑައެޅުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ.
(ހ) 10,000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން.
(ށ) 15 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ 1 މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ