ފިރިމީހާ ގިނަ އަނބިން ހޯދަން ރުހެންޖެހޭނެ ޙާލަތާ ރުހިގެން ނުވާނެ ޙާލަތު!

އަންހެނުންގެ ތެރޭގައިވެސް ހުރިހާ ވިސްނުމެއްގެ އަންހެނުންވެސް އުޅޭނެއެވެ. އެހެންވެ ފިރިމީހާއަކީ ތަނަވަސްކަންހުރި ހެޔޮލަފާ މީހެއް ނަމަވެސް ދެވަނަ އަންތބަކު ހޯދަން ނުރުހޭނެ ބައަކުވެސް ތިބޭނެއެވެ. އެކަމަށް ދެކޮޅުހަދާކަށް ނެތީމެވެ. 
ނަމަވެސް ފރިމީހާ ދެވަނަ ކައިވެންޏެއް ކުރަން އަނބިމީހާ ނުރުހުމުގެ މައްސަލަ ކުރިމަތިވެފައިވާ އެންމެ ބޮޑު ސަބަބު މުޅިންތަފާތެވެ. އެ ސަބަބަކީ އެންމެ އަންތބަކު އިންނައިރުވެސް ލޯތްބާއި އަޅައިލުން ދެވޭ މިންވަރުކުޑަވުމުގެ އިތުރުން އިން އަނބިމީހާއާއި ދަރިންނަށް ޚަރަދުނުކުރެވޭ ޙާލުގައިވެސް ދެވަނަ އަންތބަކު ބޭނުންވާ ކަމެވެ. އެކަމުގެ ސަބަބުން ޢާއިލާއަށް ކުރިމަތިވާ ދަތިތައް ބޮޑުވާކަމެވެ. ފިރިމީހާ ދެވަނަ ކައިވެންޏެއް ކޮށްފިނަމަ ޢާއިލާ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިދާނެކަމަށް ގަންނަ ބިރު ބޮޑުކަމުންނެވެ.  
އަހުރެންނަކީވެސް އަންހެނަކަށްވެ ހުރެ މިބުނަނީއެވެ. ފިރިމީހާގެ ކިބައިގައި ތަނަވަސްކަން ހުރެފައި އަނބިމިހާއަށާއި ދަރިންނަށް އަޅައިލާއިރުވެސް ފިރިމީހާ ދެވަނަ ކައިވެންޏެއް ކުރަން ބޭނުންވުމުން ނުރުހުމަކީ މުސްލިމް އަންތބެއްގެ ކިބައިގައި ހުރެގެންވާނެ ސިފައެއް ނޫނެވެ.  
ހަމައެގޮތަށް މިހާރު އިން އަނބިމިހާއަށާއި ތިބި ދަރިންނަށް ކުރަންޖެހޭ ޚަރަދު ނުކުރެވޭ ޙާލު، އަދި އަނބިދަރިންނަށް ލޯތްބާއި އަޅައިލުން ނުދެވޭ ފިރިން އިތުރު އަނބިން ހޯދުމަކީވެސް މުސްލިމް ފިރިއެއްގެ ކިބައިގައި ހުރެގެންވާނެ ސިފައެއް ނޫނެވެ. ގިނަ އަނބިން ހޯދަން ހުއްދަވަނީ އެކަން ކުރަން ހިތަށް އެރުމަކުން ނޫނެވެ. ވަރަށް ޚާއްޞަ ޝަރުޠުތަކަކާއިއެކުގައެވެ.  
އަނބިމީހާގެ ހުރިހާ ބޭނުންތަކެއް ފުއްދައިދިނުމުގެ އިތުރުން އަނބިންގެ މެދުގައި ހަމަހަމަކުރަން ދީނުގައި އޮތީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. ވީމާ މިހުރީ ވިސްނަން ޖެހިފައިވާ ކަންކަމެވެ. ނިންމާލަމުންވެސް ބުނާނަމެވެ. ގިނަ އަނބިން ހޯދުމަކީ ސުންނަތަކަށްވަނީ ހަމަ ހުރެފައެއް ނޫނެވެ. އެކަމަށް ޝަރުޠުހަމޥާނަމައެވެ. ވީމާ ގިނަ އަނބިން ބޭނުންވާނަމަ ފުރަތަމަ ކަމަކަށް އެކަމަށް ޝަރުޠުހަމަކުރާށެވެ. އެއިގެ ތެރޭގައި ޢާއިލާއަށް ޚަރަދުކުރުމާއި ލޯތްބާއި އަޅައިލުން ހިމެނޭކަން އަދިވެސް ހަނދާންކޮށްދޭނަމެވެ.
 
- ޝައިޚާ ޒައިނަބް ޔަހްޔާ / މުސްލިމުންގެ އަޑު   
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ