ނިޒާމު ރަނގަޅު ކުރާއިރު ނަޒާހަތްތެރި މީހުން އިދާރާތަކުގައި ތިބުން މުހިންމު: އޮޑިޓާ ޖެނެރަލް

ނިޒާމު ރަނގަޅު ކުރާއިރު ނަޒާހަތްތެރި މީހުން އިދާރާތަކުގައި ތިބުން މުހިންމު ކަމަށް އޮޓިޓާ ޖެެނެރަލްގެ އޮފީހުން ބުނެފި އެވެ.
ވީ ކިހިނެއް؟ - އޮޑިޓާ ޖެނެރަލް އޮފީހުގެ މިދިޔަ އަހަރުގެ އޮޑިޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މިއަދު ވަނީ އެ އޮފީހާ އެކު މަޝްވަރާކޮށްފަ އެވެ.
ތަފްސީލް - އެ ބައްދަލުވުމުގައި އޮޑިޓާ ޖެނެރަލް ހުސެން ނިޔާޒީ ވިދާޅުވީ ކަމެއް ދިމާވުމުން އެކަމެއް ތަހުގީގު ކޮށްގެން ރަނގަޅު ކުރަން އެންގުމަކީ ދިގު ޕްރޮސެސްއެއް ކަމަށެވެ.
ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެކަން ރަނގަޅުކުރަން ޖެހޭ ކަމަށް އޮޑިޓާ ޖެނެރަލް ފާހަގަ ކުރެއްވި އެވެ.
"ޕްރޮކިޔުމެންޓަކީ މީގެ ތެރެއިން އެންމެ ބޮޑެތި ގޯސްތައް ހެދިފައި ހުރި ދާއިރާއަކީ. ކުންފުނިތަކުގެ ޕްރޮކިޔުމެންޓުގެ ނިޒާމު ހަރުދަނާ ކުރަން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ވަރަށް ރަނގަޅަށް ޕްރޮކިޔުމެންޓު ނިޒާމު ކުރިއަށް ގެންދާ އޮފީސްތައް ވެސް އެބަހުރިކަން ފާހަގަކޮށް އޮޑިޓު އޮފީހުން ބުނީ އެކަން ރަނގަޅަށް ކުރިއަށް ނުދާ އޮފީސްތަކާއި ކުންފުނިތައް އިސްލާހު ކުރަން ޖެހޭ ކަމަށެވެ.
"ހަމައެކަނި އޮޑިޓު ކުރުމާއި ތަހުގީގު ކުރުމަށް ފޯކަސް ކުރުމަށް ވުރެ، އެ ތަންތަނުގެ ޕްރޮކިޔުމެންޓު ނިޒާމު ރަނގަޅު ކުރަން،" އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
"ސިސްޓަމްތައް ރަނގަޅު ކުރާއިރު އިންޓަގްރިޓީ ހުރި މީހުން ވެސް ތަންތަނުގައި ތިބުން ވަރަށް މުހިއްމު. ކަންކަމާ މެދު ތުހުމަތު ކުރެވިފައި، ޝައްކު ކުރެވިފައި ތިބި މީހުން، ހާއްސަކޮށް ޕްރޮކިޔުމެންޓާއި އެކައުންޓިން ޑިޕާޓުމެންޓުތަކުގައި ގެންގުުޅުމަކީ އެހާ ރަނގަޅު ކަމެއް ނޫން."
ފާހަގަ ކުރެވޭ - އޮޑިޓު އޮފީހުން މިއަދު ކޮމެޓީގައި ހުށަހެޅި ޕްރެޒެންޓޭޝަނުގައި ބުނީ 2023 ވަނަ އަހަރުގެ މާލީ އަހަރުގެ އޮޑިޓު މަސައްކަތްތައް ނިންމުމަށް ކުރާ މަސައްކަތުގެ ތެރެއިން:
ދައުލަތުގެ ހަރަދުތައް އޮޑިޓު ކުރުމުގެ %68 ނިންމާފައިވޭ
ދައުލަތުގެ އާމްދަނީގެ %92ގެ އޮޑިޓު ނިންމާފައިވޭ
މިއީ އެކި މިނިސްޓްރީތަކުގެ އޮޑިޓުތައް؛ ރިޕޯޓުތައް އެކުގައި އަދި އާންމު ނުކުރިޔަސް މިނިސްޓްރީތަކުގެ ވެރިންނާ ވަނީ މައްސަލަތައް ހިއްސާކޮށް، ރަނގަޅު ކުރަންޖެހޭ ކަންތައް ހިއްސާކޮށްފައި
އޮޑިޓު އޮފީހުން ބުނީ ކޮންެމެ އަހަރަކު 200އަށް ވުރެ ގިނަ ކައުންސިލްތައް އޮޑިޓު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާތީ އެ އޮފީހުން ނިންމާފައިވަނީ:
ސިޓީ އަދި އަތޮޅު ކައުންސިލްތައް ކޮންމެ އަހަރަކު އޮޑިޓު ކުރަން
ރަށު ކައުންސިލްތައް 3 އަހަރުން އޮޑިޓު ކުރަން
މިހާތަނަަށް 2023 ވަނަ އަހަރާ ހަމައަށް %90 ކައުންސިލްތަކުގެ އޮޑިޓުތައް ނިންމައި އާންމުކޮށްފައިވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ