ލިސާން 07

އެތަނުގައި ނާވީ ހުންނާނެކަމުގައި އުންމީދުކުރެވުނީތީއެވެ. ރަނީމްއަށް ނާވީ ނުފެނުނު ނަމަވެސް، ރަނީމްއަށް ނުފެންނަ ގޮތަށް ހުރި ނާވީގެ ތުންފަތް މަތީގައި ހިނިތުންވުމެއްގެ އަސަރުވިއެވެ. ރަނީމް އޭނާއާ މެދު ވިސްނާކަން އެނގުމުންނެވެ. އޭނާ ދުށުމަށް ރަނީމްވެސް ބޭޤަރާރުވާކަން އެނގުމުންނެވެ. ރަނީމް އޮފީހަށް ގޮސް އެމީހުން ސެކްޝަނަށް ވަތްއިރު، އެ ތަނުގައި އިނީ ހައިފާ އެކަންޏެވެ. ރަނީމް ގޮސް މޭޒު ދޮށުގައި އިށީންނަން އުޅުނު ވަގުތު ސެކްޝަނުގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ޝާރިފްއެވެ. އެމީހުންގެ ޓީމާ އެކު ކުޑަ ބައްދަލުވުމެއް ބާއްވަން ބޭނުންވާ ވާހަކަ ބުނެލާފައި ޝާރިފް އޭނާގެ ޖީބަށް އަތް ޖަހާލައިގެން ވަރަށް ފިރިހެންވަންތަކޮށް ހުއްޓިލައިފިއެވެ. އޭނާގެ ތޫނު ނަޒަރު އޭރު އަމާޒުވެފައި ހުރީ ރަނީމްއަށެވެ. ނާވީއާއި ޚިލާފަށް ޝާރިފްގެ ނަޒަރުން ރަނީމްއަށް އުނދަގޫވިއެވެ. އޭނާ ޝާރިފް ދައްކަމުން ދިޔަ ވާހަކައަށް ބޯ ޖަހަމުން، ދިޔަ ނަމަވެސް ބެލީ ޝާރިފްއާ ހަތަރު ކަޅި ހަމަނުކޮށް ވޭތޯއެވެ. "އެހެންވީމަ ޓެންއަށް މީޓިން ރޫމަށް އާދޭ!" ޝާރިފް ބުނެލިއެވެ. އޭނާ އެތަނުން ނުކުތީ ވެސް ރަނީމްއަށް ފުން ނަޒަރެއް ދެމުންނެވެ. "ހޫމް ހޫމް..." ޝާރިފް ނުކުމެ، ދޮރު ޖެހުމާއެކު ހައިފާ ލާނެތް ނަޒަރަކުން ބަލައިލީ ރަނީމްއަށެވެ. ޝާރިފްގެ ހިތުގައި ރަނީމްއަށް ޝައުޤުވެރިކަމެއް ވާކަން، ހައިފާއަށް އެނގެއެވެ. "ޕިސް ޕިސް. ހައިފާ..." ރަނީމް ލޯ އަޅައިލިއެވެ. އެހެންނަމަވެސް ހައިފާ ހުރީ ސަމާސާ މޫޑެއްގައިކަމުން އޭނާ އިތުރަށް ރަނީމްއާ ދިމާކޮށްލީއެވެ. "މަސައްކަތް ނިންމަބަލަ. އެބަ ޖެހެއެއްނު ދާން ވެސް. އެ ބުނާ މީޓިންއަކަށް." ރަނީމް ލެޕްޓޮޕްގެ ސްކްރީނަށް ނަޒަރު ހުއްޓައިލިއެވެ. ހައިފާގެ ވާހަކަތަކަށް ސަމާލުކަން ދޭން ރަނީމް ބޭނުންނުވާ ފަދައެވެ. ޝާރިފްއަކީ އަންހެން ކުރިން ގަޔާވާ ފަދަ ފިރިހެންވަންތަ ޒުވާނެއް ނަމަވެސް، އޭނާގެ ހިތް ޝާރިފް އަށް ދެވުމަކީ ވާނެ ކަމެއް ނޫނެވެ. ސަބަބަކީ އެހިތުގެ މިލްކުވެރިއަކީ ނާވީކަމަށް ވާތީއެެވެ. އެ ހިތަށް ބާރު ފޯރުވި ހަމަ އެކަނި ޒުވާނަކީ ވެސް ނާވީއެވެ. އެމީހަކަށްޓަކައި އިންތިޒާރުކުރެވޭ ހަމަ އެކަނި މީހަކީވެސް އެއީއެވެ. ނާވީ މަތީން ހަނދާންވުމާއެކު ރަނީމްއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. ދެން ނާވީ ފެންނާނެ އިރަކަށް ރަނީމްގެ ހިތް ވަނީ ބޭޤަރާރުވެފައެވެ. މިހާރުން ފެށިގެންވެސް އޭނާއަށް އިންތިޒާރުކުރެވެނީ މިރެއަށެވެ. ދިހައެއް ޖެހުމުން ރަނީމްއާއި ހައިފާއާ ދެމީހުން މީޓިންއަށް ދިޔައިރު އެމީހުންނާއެކު މާރކެޓިން ޓީމު ވެސް ބައިވެރިވިއެވެ. ޝާރިފް ޕްރެސެންޓޭޝަން އަޅުވާލާފައި، ވާހަކަ ދައްކަން ފެށިއެވެ. ކޮންމެ ސްލައިޑެއް ވެސް ނިންމާލާފައި އޭނާ އެތަނުގައި ތިބި އެހެން މީހުންގެ ޚިޔާލެއް ހޯދައެވެ. މީޓިން ނިންމާލާފައި އެންމެން ދާންވެގެން ތެދުވިއެވެ. ރަނީމް ނުކުންނަން އުޅުމުން ޝާރިފް ރަނީމްއަށް ގޮވައިލިއެވެ. އެއާއެކު ރަނީމްއަށް ބަލައިލާފައި ހައިފާއަށް ވެސް ޝާރިފްއަށް އަވަސް ނަޒަރެެއް ދެވުނެވެ. "ހައިފާ އެންމެ ރަނގަޅު ދިޔަޔަސް." ޝާރިފް ބުނެލިއެވެ. އެއާއެކު ދެން ތިބި މީހުންނާއެކު، ހައިފާ ގޮސް ނުކުތެވެ. "ވަރަށް މުހިންމު ކަމެއްތޯ ސާރ." ރަނީމް ވާހަކަ ދެއްކިއެވެ. އޭނާ ހުރީ ނުރުހިފައި ނަމަވެސް އެކަން އަޑުން ފާޅުނުކޮށް ވޭތޯ އޭނާ މަސައްކަތްކުރިއެވެ. އެންމެންގެ ތެރޭގައި އޭނާއަށް ގޮވާ ހުއްޓުވުން ރަނީމްއަށް ކަމަކު ނުދިޔައެވެ. "ހިތްހަމަ ނުޖެހުނީތަ؟" ޝާރިފްއަށް ރަނީމްގެ މޫނުމަތީގެ ކުލަވަރުތައް ނަގަައިގަނެވުމާއެކު، ސުވާލުކޮށްލިއެވެ. "ސާރ. އަޅުގަނޑުގެ ވަރަށް ބައިވަރު މަސައްކަތް އެބަ ހުރި. ކަމަކުތޯ ސާރ އަޅުގަނޑު މަޑުކުރުވީ؟" ރަނީމްއަށް މިފަހަރު ބުނެވުނީ ތަންކޮޅެއް ހަރުކޮށެވެ. އަޑު ކުޑަކޮށް ހަރުކަށިވެލުމާއެކު ބާރުވިކަން ޚުދު ރަނީމްއަށް ވެސް ފާހަގަކުރެވުނެވެ. "އަހަންނާ ތިހާ ފޯރމަލްކޮށް ވާހަކަ ނުދައްކަފާނަންތަ؟ އަހަރެން ހަމަ އެކަނި ބޭނުންވީ ރަނީމްއާ ވާހަކަ ދައްކާލާށޭ." ޝާރިފް އެދުނެވެ. ޝާރިފްގެ މަޤްސަދު އެނގުމުން ރަނީމް އިތުރަށް ހިތްހަމަ ނުޖެހުނެވެ. ދެބުމަ ވެސް ކުޑަކޮށް ގާތްވެލައިފިއެވެ. "މީ އޮފީސްގަޑި. އަޅުގަނޑު ދަނީ." އެހެން ބުނެލާފައި ރަނީމް ފަސް އެނބުރި ހިނގައިގަންނަން އުޅުނު ވަގުތު އަނެއްކާވެސް ޝާރިފް ވާހަކަ ދެއްކިއެވެ. "އެހެންވީމަ ނުރަސްމީ ގަޑީގަައި ވާހަކަ ދައްކާށޭތަ ތިބުނީ؟" ޝާރިފްގެ ޖުމްލައިން ރަނީމްގެ ފިޔަވަޅުތައް މަޑުޖެހިލި ނަމަވެސް އޭނާ ފަސް އެނބުރި ބަލައެއް ނުލައެވެ. ފުންނޭވާއެއް ދޫކޮށްލާފައި ރަނީމް، ގޮސް އެތަނުން ނުކުތްއިރުވެސް މޫނުމަތީގައިވަނީ ނުރުހުމެވެ. ރަނީމް ނުކުތްމަންޒަރު ބަލަން ހުރި ޝާރިފްގެ ތުންފަތް މަތީގައި މައުނަވީ ހިނިތުންވުމެއް ދުވެލިއެވެ. ރަނީމްއަކީ އޭނާއާ މެދު އެގޮތަށް ޝައުޤުވެރިކަމެއް ފާޅުނުކުރި ފުރަތަމަ އަންހެން ކުއްޖާއަށް ވީތީ ޝާރިފް ރަނީމްއަށް ޝައުޤުވެރިވެއެވެ. ރަނީމްއަކީ ރީތި އަންހެން ކުއްޖެކެވެ. އޭނަ ހިތް އެދޭ ކަހަލަ ސިފަތަކެއް ރަނީމްގެ އެބަ ހުއްޓެވެ. އޮފީސް ނިމުމާއެކު ރަނީމް ލަސްނުކޮށް ނުކުތެވެ. ޝާރިފްގެ އަމަލުތަކުން އޭރުވެސް އޭނާ ހުރީ ނުރުހުންވެފައެވެ. ގެއާ ހިސާބަށް ދެވުމާއެކު ރަނީމްއަށް ރުއްފަލާ ދިމާލަށް ބަލައިލެވުނެވެ. ނާވީ މަތީން ހަނދާންވުމާއެކު އެހެން ހުރިހާކަމެއްގެ މަތީން ހަނދާން ނެތިއްޖެއެވެ. ބޭޤަރާރުކަމެއް ހިތުގައި އުފެދުމާއެކު މެއާ ދިމާލުގައި އަތް ޖައްސައިލެވުނެވެ. ގެއަށް ވަނުމަށްފަހު މަންމަގެ ކަންތައްތައް ކޮށްލަދީފައި ރަނީމް ގެއިން ނުކުތެވެ. ރުއްފާތެރެއިން ގޮސް އޭނާ މަޑުކޮށްލީ ގަސް ކައިރީގައެވެ. ފަރާތް ފަރާތަށް ރަނީމްއަށް ހޯދައިލެވުނެވެ. ނާވީ ފެންނާނެކަމުގެ އުންމީދުގައެވެ. ރަނީމް ފޯނުން ގަޑި ބަލައިލާފައި އުނދޯލީގައި އޮށޯވެލިއެވެ. އޭރު ގަޑިން ފަހެއް ޖަހަނީއެވެ. ޖެހެމުން ދިޔަ ލުއި ވައިރޯޅިތަކާއެކު، ރަނީމްގެ އިސްތަށިގަނޑު ނަށަމުން ދިޔައެވެ. އޭނާއަށް އިރުއިރުކޮޅަކާ ގަޑިއަށް ބަލައިލެވެއެވެ. ފަރާތް ފަރާތަށް ހޯދާ ބަލައިލެވެއެވެ. ނާވީ ފެންނާނެކަމުގެ އުންމީދުގައެވެ. އެހެން ނަމަވެސް އެތާނގައި އިންނަތާ ތިރީސްމިނެޓް ފާއިތުވެގެން ދިޔައިރުވެސް ނާވީއެއް ނައެވެ. ރަނީމްގެ ހިތުގައި މާޔޫސްކަން ވަށައިލާކަން މާގިނަ އިރެއް ނުނެގިއެވެ. ކުރީ ފަހަރު ގޮތަށް މިފަހަރުވެސް ނާވީ އަނެއްކާ އޭނާގެ ގާތުގައި ނުބުނެ ދިޔައީ ހެއްޔެވެ؟ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ރަނީމްގެ ހިތް ޝަކުވާއިން ފުރިގެން ދިޔައެވެ. ***** ނަމީރާއި އިންޖާބާއެކު ފެންޑާގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނދެލައިގެން އިން ނާވީއަށް އިރުއިރު ކޮޅަކާ އުދަރެހަށް ބަލައިލެވެއެވެ. އިރު އޮއްސެން ގާތްވެއްޖެކަމުގެ ކުލަވަރުތައް މިހާރު ފެންނަން ފަށައިފިއެވެ. ބައްޕައާއި ކާފައާ ދެމީހުން ކުރާ މަޝްވަރާތަކުގެ ތެރެއަށް ވަނުމަކީ އޭނާ އެއްގޮތަކަށްވެސް ޝައުޤުވެރިވާކަމެއް ނޫނެވެ. ބައްޕައާއި ކާފަ ދައްކާ ގަނޑުވަރުގެ ވާހަކަތަކާއި އެކި ޝަހަރުތަކުގެ ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ވެސް ނާވީއަކަށް ނުދެވެއެވެ. އޭނާގެ ސިކުނޑީގައި ވަނީ ރަނީމްއެވެ. އެހެން ނޫނަސް އެވާހަކަ ތަކަކީ އޭނާ ގަޔާވާ ވާހަކަތަކެއް ވެސް ނޫނެވެ. ބައްޕައަށް އެކަން އެނގިހުރެ އޭނާއަށް ގޮވާ ގެނެސް ކައިރީގައި ބޭންދުމުން ނާވީ އިނީ ފޫހިވެސް ވެފައެވެ. "އަޅުގަނޑު ދިޔަޔަސް އެންނެ ރަނގަޅުތޯ ކާފާ؟ ދައިސަމް ހުންނާނެ އިންތިޒާރުގައި." ނާވީ ދޮގެއް ހަދައިލިއެވެ. "އެންމެ ރަނގަޅު." ނަމީރަށް ނަޒަރެއް ދީފައި އިންޖާބު ބުނެލިއެވެ. އޭނަ ހުއްދަ ދިނުމާއެކު، ނާވީ ތެދުވިއެވެ. އަދި ގަނޑުވަރުން ނުކުތުމަށް އޭނަ މިސްރާބުޖެހިއެވެ. "ބައްޕަ ކީއްވެތޯ އޭނަ ފޮނުވާލީ. ނާވީ މިހާރު އެހުރީ ޒުވާން އުމުރަށް އަޅާ، ޒިންމާދާރު ވާންޖެހޭ ވަރުވެފަ. ގަނޑުވަރާ، ޖިންނީންގެ ޝަހަރުތަކާ، ޚާންދާނުތަކާ އަމީރުންނާ އެކި ނަސްލުތަކުގެ މީހުންގެ ކަންތައްތައް އެނގުމުގެ އެއްވެސް ޝައުޤުވެރިކަމެއް ނާވީގެ ނުހުރޭ. އެހެންވެ މިއަދުވެސް އޭނަ މިގެނައީ..." ނަމީރު ބުނެލިއެވެ. "އަދި ޝައުޤުވެރިވާނެ. ކުރީން ތީވެސް އެހެން އުޅުނު ކުއްޖެކޭ. ނާވީ ފެނުނީމަ ބައްޕަ ހަނދާންވަނީ ނަމީރުގެ ޅަ ދުވަސް. " އިންޖާބުގެ ވާހަކައިން ނަމީރުގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވި ނަމަވެސް ސިއްރުވެރިކަމެއް ވިއެވެ. މާޒީ ހަނދާންވުމާއެކު، ކޮންމެވެސް ކަހަލަ އަސަރުތަކެއް ނުދައްކާވޭތޯ އޭނަ މަސައްކަތްކުރިއެވެ. "ތެދަށް ބުނަންޏާ ނާވީގެ އެ ހުންނަނީ ނަމީރުގެ ގޮތް. އެ އުޅުން. އެހެން އޭނަ އުޅުނަސް ވާހަކައެއް ބުނަންތަ؟ އަހަރެންގެ ކާފަ ދަރިފުޅަކީ ވިސްނުންތޫނު ހުޝިޔާރު ކުއްޖެއް. އޭނާގެ ހުނަރުވެރިކަމަށް އަހަރެމެންގެ ތެރޭން ތަޢުރީފުތައް ލިބޭ... އޭނަ ގޯހެއް ނުހަދާނެ ކަމުގެ ޔަޤީންކަން އަހަންނަށް އޮވޭ." އިންޖާބުގެ ފަޚުރަކީ ނާވީއެވެ. އެ އުމުރުގައި ވެސް ނަމީރަށް ވުރެ ނާވީ ކުޅަދާނައެވެ. ހަމަލާ ދިނުމާއި ސަލާމަތްވުމުގެ އުކުޅުތަކަށް ވެސް އެހާ މޮޅެވެ. ހުޝިޔާރުވެފައި ހަލުތްވެވެ. އޭނާ ނާވީ ދެކެ އެހާ ލޯބިވާ ސަބަބަކީ ވެސް އެއީއެވެ. ނާވީއަށް ތަމްރީނުތައް ދިންއިރު އެހެން މީހުން ހައިރާންވާފަދަ ކަންތައްތަކެއް ނާވީގެ ފުށުން ފެނިފައިވެއެވެ. ގަނޑުވަރުން ނުކުތުމާއެކު، ނާވީގެ މިސްރާބުހުރީ ރަށުގެ ތުނޑިއާ ދިމާލަށެވެ. ރަނީމްގެ ގާތަށް ދިޔުމުގެ ކުރިން ދައިސަމްއާ ވާހަކަ ދައްކާލަން އޭނާ ބޭނުންވީއެވެ. އެތަނުން ދައިސަމްއާއި ދިމާވާނެކަން ނާވީއަށް އެނގުނެވެ. ނާވީ ގޮސް ތުނޑިއަށް ނުކުތްއިރު އޭނާ އުންމީދު ކުރި ގޮތަށް ދައިސަމް އެތަނުގައި ހުއްޓެވެ. ނާވީ އޭނާގެ ގާތަށް ހުއްޓުނުކަން އެނގުމާއެކު، ދައިސަމް ވާހަކަ ދެއްކިއެވެ. ނާވީއަށް ބަލަައިލުމެއް ނެތިއެވެ. "ދަނީތަ؟" ދައިސަމް ހުރީ މޫދުގެ ލޮނުގަނޑަށް ނަޒަރު ހުއްޓާލައިގެންނެވެ. "ހޫމް. އަހަރެން މިދަނީ ރަނީމްއަށް ހުރިހާ ވާހަކައެއް ކިޔައިދޭންވެގެން." ނާވީ އެހެން ބުނެލިއިރު ހީވަނީ ޖެހިލުންވެފައި ހުރިހެންނެވެ. ދެން ކަންތައް ވާނެ ގޮތް ނޭނގެތީ ނުތަނަވަސްވެފައި ހުރިހެންނެވެ. "އޭނަ ކަލެއާ ދުރަށްގޮސްފިއްޔާ؟ ކަލޭ ދެކެ ބިރުގަނެއްޖެއްޔާ؟ " ދައިސަމް ސުވާލުކޮށްލިއެވެ. "އޭރުން އަހަރެން އޭނަ ކައިރިއަކަށް ނުދާނަން. އެކަމަކު އަހަރެންގެ ހިތުގައިވާ ލޯބި ދުވަހަކު ނުފުހެވޭނެ." ނާވީ ބުނެލިއެވެ. އޭނާ ދައިސަމްއާ އެއް ހަމައެއްގައި ހުއްޓި މޫދަށް ނަޒަރު ހުއްޓައިލިއެވެ. "އޭނަ ކަލެއަށް ފަންޑިތަ ހަދައިފިއްޔާ؟ ކަލެއަށް ގެއްލުމެއް ދޭން މަސައްކަތްކޮށްފިއްޔާ؟" ދައިސަމް އަނެއްކާވެސް ސުވާލުކުރިއެވެ. "ރަނީމް އެހެންނެއް ނުވާނެ!" ނާވީއަށް ބުނެވުނެވެ. އެހެންނަމަވެސް އޭނާގެ އަޑުގައި ޔަޤީންކަމެއް ނެތެވެ. "ޚުދު ކަލޭއަށް ވެސް ޔަޤީންކަމެއް ނެތެއްނު. މިސާލަކަށް އެ އިންސި ކަލެއަށް ފަންޑިތަހަދާ ގެއްލުން ދޭން މަސައްކަތްކޮށްފިނަމަ އެކަން ކަލޭގެ ޢާއިލާއަށް ނޭނގި ނުދާނެ. އެ ހިސާބުން އެ އިންސިއަށްވެސް ސަލާމަތްވާން އުނދަގޫވާނެ. ކަލޭގެ އާއިލާ އޭނަގެ ފުރާނަ ދުއްވާލަކަށްވެސް ފަހަކަށް ނުޖެހޭނެ. " ދައިސަމް ބުނެލިއެވެ. "ދަައިސަމް. މިވަގުތު ދާން އެބަ ޖެހޭ. " އެހެން ބުނެލާފައި ނާވީ ތުނޑިމަތީގައި ދުއްވައިގަތީއެވެ. ނާވީ ރަނީމްމެން ރަށަށް ފޯރިއިރު ހުރީ އިރު އޮއްސެން ގާތްވެފައެވެ. އޭނާ ރުއްފަލަށް ގޮސް ބަލައިލިއެވެ. އޭރު ރަނީމް ގޮސް ގެއަށް ވަންނަނީއެވެ. ރަނީމްއަށް ގޮވާލަން އުޅެފައިވެސް ނާވީ އެކަމާ އެހާ ބޮޑަށް ނޫޅުނީ ބަންގީގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ. ނާވީ އެތަނުން ދިޔައީ މިރޭ ރަނީމްއާ ބައްދަލުކުރަން ނިންމައިގެންނެވެ. ***** ނާވީއާ ބައްދަލުނުވުމުން ރަނީމް ހުރީ މާޔޫސްވެފައެވެ. ހިތަށް އުނދަގޫވެފައެވެ. ހިތުގައިވި ބޭޤަރަރުކަމާއެކު ނަފްސުގައި އުނދަގޫކަމެއް އުފެދެމުން ދިޔައެވެ. ފޯނު ނަންބަރު ނެގުނުނަމަ ޚަބަރެއް ބަލައިލެވުނީހޭ ރަނީމްގެ ހިތަށް އެރިއެވެ. އޭނާއަށް ނާވީއާ ދިމާކުރެވެން އޮތް ހަމައެކަނި ގޮތަކީ އެ ރުއްފަލަށް ދިޔުމެވެ. އެހެންކަމުން ރަނީމް ނިންމީ އެރޭވެސް އެތަނަށް ދިޔުމަށެވެ. ހަވީރު ނާދެވުނެއްކަމަކު، މިރޭ ނާވީ އައިސްދާނެއެވެ. ނާވީގެ ލޮލުން ތެދުވެރިކަން ނޫން އެއްޗެއް އޭނާއަށް ފެނިފައި ނުވެ އެވެ. ނާވީ އޭނަ ދެކެ ލޯބިވާކަން ޚުދު ރަނީމްއަށް ވެސް އެނގެއެވެ. އެ ބެލުމުގައި އެ ހުންނަ އަސަރާއި ޖަޒުބާތުތައް އޭނާގެ އެތެރެ ހަށި ހަލަބޮލިކުރުވައެވެ. ވިންދުތައް އަވަސްކުރުވައެވެ. ނާވީއާ ބައްދަލު ކުރާހިތުން ހުރި ރަނީމްއަށް ހީވަނީ ގަޑިވެސް ލަހުން ހިނގާހެންނެވެ. އިޝާނަމާދުކުރި ގޮތަށް ރަނީމް ގެއިން ނުކުތީ މަންމަ ވެސް ނިދާފައި އޮތުމުންނެވެ. އެއްވެސް ބިރެއް ނެތި އޭނާ ރުއްފާ ތެރެއިން ގޮސް ގޮނޑު ދޮށަށް ފޭބިއެވެ. ކަނޑުން އަންނަން ފެށި ވައިރޯޅިތައް އެެއްވެސް ހުރަހެއް ނެތި، ރަނީމްގެ ގައިގައި ބީހެން ފެށިއެވެ. ފިނިކަމެއް ފަޒާގައި ހިފާފައިވީ ނަމަވެސް އެއީ އުޑުމަތި ސާފު ރެއެކެވެ. ހަނދު އޭގެ ބުރުހަމަކަމާއެކު އުޑުމަތީގައި ރަނިކަން ކުރަމުން ދިޔައިރު އިސްތިޤްބާލުގައި ތަރިތައް ވެސް ހީވަނީ އެތުރިލައިގެން ތިބި ހެންނެވެ. ހަނދުވަރުގެ ރިހިއަލި ގޮނޑު ދޮށަށް އެޅިފައިވެއެވެ. ހަނދުވަރު ދޭ ރީތި ރޭތަކުގެ ތެރެއިންވެސް އެ ރެއަކީ ފާހަގަ ކޮށްލެވޭ ފަދަ ހިތްގަައިމު ރީތި ރެއެކެވެ. ނާވީ އަންނާނެ އިރަކަށް ރަނީމް އިންތިޒާރުކުރަން ފެށިއެވެ. ވަގުތުތައް ގުނަމުން ގޮސް އެންމެ ފަހުން ފޫހިވެ އޭނާ ފައިވާން އަތަށް ނަގައިގެން ރާޅު ޖަހާ ފަށުގައި ހިނގާލަން ފެށިއެވެ. ގޮނޑު ދޮށަށް ބީއްސާލާ ރާޅުތައް ރަނީމްގެ ފައިގައި ބޮސް ދެމުން ދިޔައެވެ. އޭރުވެސް އޭނަގެ ހިތާ ސިކުނޑީގައި އެނބުރެމުން ދިޔައީ ނާވީގެ ޚިޔާލުތަކެވެ. ތަންކޮޅަކަށް ހިނގާލިތަނާ ފަހަތުން މީހަކު އަންނަހެން ރަނީމްއަށް ހީވާން ފެށިއެވެ. އޭނާއަށް ފިޔަވަޅުތައް މަޑު ޖައްސައިލެވުނެވެ. ފަސް އެނބުރިލުމާއެކު އޭނާ ބަލައިލިއެވެ. އޭނާއާ ދިހަވަރަކަށް ފޫޓު ދުރުގައި ހުރީ ނާވީ ނޫން ދެވަނަ މީހެއް ނޫނެވެ. އެހެންނަމަވެސް ނާވީ މިރޭ ހުރީ ވަރަށް ތަފާތުކޮށެވެ. އޭނާ ހުރީ ހުސްގަޔާ ހަމަ އެކަނި ޖީންސް އެއްގައެވެ. އެ ފިރިހެންވަންތަ ބިޔަ ހަށިގަނޑު އެފަދަ ގޮތަކަށް ރަނީމްއަށް ފެނުމުން އޭނާއަށް ކަޅިޖަހާ ނުލާ ބަލަން ހުރެވުނެވެ. ރަނީމްގެ ހަނދާނަށް އައީ ފުރަގަހުން ނާވީ އެގޮތަށް ފެނުނު ދުވަސް މަތިންނެވެ. ނާވީގެ ރޭގަނޑެެއްފަދަ ކަޅު އިސްތަށިގަނޑަށްވެސް ވައިރޯޅީގެ ގޯނާތައް އަމާޒުވަމުން ދިޔައެވެ. ރަނީމްއަށް އެހެންކަމެއް ވެސް ފާހަގަވިއެވެ. ނާވީގެ ފައިގައި ފައިވާނެއް ވެސް މިރޭ ނެތެވެ. އޭނަ ހުރީ ދޮންވެލި ގަނޑުމަތީގައި ހުސްފަޔާއެވެ. ނާވީ ފެނުމުން ރަނީމްގެ ހިތް އުފަލުން ނަށައިލިއެވެ. ނާވީ އޭނާއާ ދިމާލަށް ހިނގާލާފަައި އަންނަމުން ދިޔަ މަންޒަރު ބަލަން ރަނީމްއަށް ހުރެވުނީ ނޭވާވެސް ހިފައްޓާލައިގެންނެވެ. ނާވީ އެހާވެސް ފުރިހަމައެވެ. އެ ފިރިހެންވަންތަކަން މިފަދަ މާހައުލަކުން އެފަދަ ގޮތަކަށް ފެނުމުން ކަންނޭނގެއެވެ. ރަނީމްގެ ހިތަށް މީގެ ކުރިން ނުވާ އެތަކެއް ގޮތްތަކެއް ވާން ފެށިއެވެ. މުޅި މީހާގެ އެތެރެ ހަށީގައި އުފެދުނު ޖަޒުބާތުތައް ކިޔަމަން ކުރުވުމަކީ ވެސް މިރޭ ރަނީމްއަށް ކުރެވޭކަމަކަށް ނުވިއެވެ. ހިތުގެ ފުނުގައި ޖަހަން ފެށި ލޯބީގެ ވިންދު އޭނާގެ އެތެރެ ހަށި ހަލަބޮލިކުރުވައިފިއެވެ. ނާވީ އައިސް ރަނީމްގެ ކުރިމަތީގައި ހުއްޓުނެވެ. އޭނާގެ ސިއްރުވެރިކަމާއި ފުންކަން އެކުލެވޭ ލޮލުން ރަނީމްއަށް ބަލަައިލިއެވެ. "ފިންޏެއް ވެސް ނުވޭތަ؟" ނާވީގެ ފެހިނޫ ލޮލުން ނަޒަރު ވަކިކޮށްލާފައި އިސްޖަހައިލަމުން ރަނީމް ސުވާލުކޮށްލިއެވެ. "ނުވޭ..." ނާވީ ބުނެލިއެވެ. ނާވީގެ އަޑުގައި އެހެންޏާ ނުހުންނަ ފަދަ އަސަރެއް މިރޭ ވާކަން ނާވީގެ އެ ލަފުޒުން އެކަނިވެސް ރަނީމްއަށް ދެނެގަނެވުނެވެ. "ކިހިނެއްވީ؟ ކަމެއްވީތަ؟" އިސް އުފުލައިލަމުން ރަނީމްއަށް ސުވާލުކޮށްލެވުނެވެ. "އަހަންނަށް މާފުކުރޭ ރަނީމް." މިފަހަރު އިސްޖަހައިލީ ނާވީއެވެ. އޭނާގެ ހަޤީޤަތް ރަނީމްއަށް އަންގައިދޭނީ ކިހިނެއްކަމެއް ނާވީއަކަށް ނޭނގުނެވެ. ރަނީމް ދުރަށް ގޮސް ފާނެތީ އޭނާ ހުރީ ޖެހިލުންވެ ބިރުގަތްފައެވެ. އެ އަސަރުތައް ފޮރުވުމުގައި ނާވީ ނާކާމިޔާބު ވަމުން ދިޔައެވެ. "ނާވީ... ކިހިނެއްވީ؟" އިސްޖަހައިލި ގޮތަށް ނާވީ ހުންނަން ފެށުމުން މިފަހަރު ކުރިއަށް ފިޔަވަޅު އެޅީ ރަނީމްއެވެ. ނާވީ އޭނާއަށް ބަލައި ނުލިއެވެ. ނާވީގެ ފަރާތުން ފެންނަމުން ދިޔަ އަސަރުތައް މާނަ ކުރާނެ ގޮތެއް ރަނީމްއަކަށް ނޭނގުނެވެ. އޭނާ މަޑުމަޑުން ނާވީގެ އަތުގައި ހިފައްޓަން މަސައްކަތްކުރިއެވެ. އެހެންނަމަވެސް ނާވީ އޭނާއަށް އެ ފުރުސަތެއް ނުދިނެވެ. ފަހަތަށް ދެ ތިން ފިޔަވަޅު އަޅައިލީއެވެ. ހަމަ އެހުރި ގޮތަށް އިސްޖަހާލައިގެން ހުރެއެވެ. "ނާވީ... ކިހިނެއްވީތަ؟" ރަނީމްއަށް އަހައިލެވުނެވެ. އޭނާ ކުރިއަށް އަޅަން އުޅުނު ފިޔަވަޅު މަޑުޖެހުނީ ފެނުނު މަންޒަރުންނެވެ. ދެވަނަ ސިކުންތުގައި ޖެހެވުނީ ފަހަތަށެވެ. ނާވީގެ ހުރި ދިމާވަނީ ފާޑެއްގެ ފެހިނޫ އައްޔަކުން ދިއްލިފައެވެ. އޭނާގެ ހަށިގަނޑުގެ ވަށައިގެން އެ އަލިކަން ހުއްޓެވެ. އޭރުވެސް ނާވީ ހުރީ އިސްޖަހާލައިގެންނެވެ. އޭނާ ރަނީމްއަކަށް ބަލައެއް ނުލައެވެ. ނޫނީ ރަނީމްއާ ކުރިމަތިލުމުގެ ހިތްވަރު ނެތީއެވެ. "ނާވީ...." ރަނީމްއަށް އެހެން ބުނެވުނީ ކިރިޔާ އަމިއްލަ ނަފްސަށް އަޑު އިވޭވަރަށެވެ. މުޅި ހަށިގަނޑުގައި ފިނި ރާޅެއް ދަތުރުކޮށްލުމާއެކު، ހީބިހި ނަގައިގެން ދިޔައެވެ. ތުންފަތާ އަތްފަޔަށް މަޑުމަޑު ތުރުތުރު އެޅުމެއްގެ އަސަރު ވެރިވެއްޖެއެވެ. ކުރިމަތީގައި އެހުރީ ނާވީއެއް ނޫނެވެ. އެއީ ނާވީގެ ސިފަ ޖެހިގެން ހުރި ކޮންމެވެސް އެހެން އެއްޗެކެވެ. ކުރިމަތިން ފެނުނު މަންޒަރު ޤަބޫލުކުރަން ރަނީމްގެ ސިކުނޑި އުޒުރުވެރިވިއެވެ. އެ މަންޒަރު ބަދަލުވޭތޯ އަވަސް އަވަހަށް އެސްފިޔަ ޖަހައިލެވުނީވެސް އެހެންވެގެންނެވެ. އޭރު މުޅި މީހާ ހީވަނީ ބިރުވެރިކަމުގެ ކަސްތޮޅަކުން ބަނދެވިފައި ވީހެންނެވެ. އަތްފައިވެސް އެ ބިރުވެރިކަމުން ޤައިދުކޮށްލާފައިވާ ފަދައެވެ. އެ ފިނި މާހައުލުގައި ވެސް ފިނި ދަލެއް ހިއްލަން ފަށައިފިއެވެ. "ރަނީމް..." ނާވީ އިސް އުފުލައިލީ އިރުގަނޑަކު އެހެން ހުރުމަށްފަހު، ރަނީމް އެއްޗެއް ނުބުނުމުންނެވެ. އޭރުވެސް ނާވީގެ ކައިރީގައި އެ އަލިކޮޅުތައް ވިއެވެ. ވައިގެ ތެރޭގައި ހަރަކާތްތެރިވާފަދަ ގޮތަކަށެވެ. ނާވީ އިސް އުފުލައިލިއެވެ. ހަނދުވަރުގެ އަލިކަމުގެ ތެރެއިން، އެ ދެލޮލުގައި ހުންނަ ފެހިނޫކަން ގަދަވެފައިވާތަން ރަނީމްއަށް ފެނުނެވެ. "ކާކު ތީ؟" ތުރުތުރު އަޅަމުން ދިޔަ ދެ ތުންފަތުގެ ތެރެއިން ދޫ ހަރަކާތްކޮށްލީ ލަސްލަހުން އުނދަގުލުންކަމަށް ވުމާއެކު ރަނީމްގެ އަޑުވެސް ނުކުތީ މަޑުމަޑުންނެވެ. "ނާވީ....މީ ނާވީ... ރަނީމް..." އެއީ ހަމަ އެ ފިރިހެންވަންތަ އަޑެވެ. އެހެންނަމަވެސް އެހެންޏާ ނުހުންނަ ފަދަ ހިތްދަތި އަސަރެއް އެ އަޑުގައިވެއެވެ. އެއިން އެއްވެސް ކަމަކަށް ސަމާލުލަން ދެވޭ ވަރަށްވުރެ ރަނީމް ހުރީ ބިރުގަތްފައިކަމުން އޭނާއަށް އެކަމެއް ފާހަގައެއް ނުކުރެވުނެވެ. ނާވީ ކުރިއަށް ފިޔަވަޅެއް އަޅައިލި އެވެ. ރަނީމްއާ ދިމާލަށެވެ. އެއާއެކު، ރަނީމްއަށް ދެފަރާތަށް ބޯ ހޫރައިލުމާއެކު، ޖެހެވުނީ ފަހަތަށެވެ. "ތީ ނާވީއެއް ނޫން. ތީ ކޮންމެވެސް އެހެން މީހެއް." ރަނީމްގެ ސިކުނޑި އުޒުރުވެރިވަމުން ދިޔައީ އެ ވާހަކަ ޤަބޫލުކުރުމަށެވެ. އެއީ ނާވީ ނޫންކަމުގައި އޭނާ ހުރީ އަމިއްލަ ނަފްސަށް ވިސްނައިދޭން ބޭނުންވެފައެވެ. ރަނީމް ފަހަތަށް ޖެހުމާއެކު ނާވީ ފިޔަވަޅުތައް މަޑު ޖައްސައިލިއެވެ. "ރަނީމް..." ނާވީއަށް ގޮވައިލެވުނެވެ. "ތީ ނާވީއެއް ނޫން." ދެފަރާތަށް ބޯ ހޫރާލާފައި މިފަހަރުވެސް ރަނީމްއަށް ބުނެވުނީ އެހެންނެވެ. "މީ ނާވީ ރަނީމް... އަހަރެންގެ އަސްލަކީ މީ. މީ އަހަރެންގެ ހަޤީގަތަކީ. ލޯބިވެގެން ކުރެވުނީ ކުށެއްކަން ވެސް އެނގޭ. އެކަމަކު... " ނާވީގެ ކައިރީގައި ދައުރުވަމުން ދިޔަ އަލިތައް މަޑުމަޑުން ހިނދެމުން ގޮސް އެ ލޮލުގެ ކުލަވެސް ފަނޑުވެއްޖެއެވެ. ނާވީގެ އަޑުން މިހާރު ފާޅުވަމުން ދިޔައީ ފުން ހިތާމައެއްގެ އަސަރެވެ. "އަހަރެން ބޭނުމެއް ނޫން އެއްވެސް ކަމެއް ރަނީމްއަށް އޮޅުވައިލާކަށް. އަހަރެން ބޭނުންވިނަމަ މިކަން ރަނީމްއަށް ސިއްރުވެސް ކުރެވުނީސް. އެކަމަކު އެއީ އަހަރެންގެ ބޭނުންވާ ގޮތެއް ނޫން. ދޮގެއްގެ މައްޗަށް ގުޅުމެއް ބިނާކުރާނީ ކިހިނެއް؟ ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ ނުކިޔަމަންތެރި ހިތް ރަނީމްއާ ވަކިވާކަށް ބޭނުމެއް ނުވޭ. ދުރުގައި ހުންނާކަށްވެސް ބޭނުމެއް ނުވޭ. އެކަމަކު ރަނީމް ބޭނުންނުވާނަމަ އަހަރެން ރަނީމް ފެންނަ ހިސާބަކަށް ނާންނާނަން." ނާވީ ހުރި ފިޔަވަޅު މަތިން ގުޑައެއް ނުލައެވެ. އޭނާ ރަނީމްއާ ނަޒަރު ވަކިކޮށްލީ ކުށްވެރިއެއް ފަދައިންނެވެ. "އަހަރެން ދާންވީތަ؟ ނާވީ ސުވާލުކޮށްލިއެވެ. "ދޭ... އަހަރެން ބޭނުމެއް ނޫން... " ރަނީމްއަށް ބުނެވުނެވެ. ފެނުނު މަންޒަރާ މެދު ވިސްނާލަން އޭނާގެ ސިކުނޑި ރަނގަޅަކަށް މަސައްކަތެއް ނުކުރެއެވެ. އޭނާގެ ކުރިމަތީގައި ހުރީ ނާވީގެ ސޫރަ ނަމަވެސް އެކަންވެސް ޤަބޫލެއް ނުކުރެވުނެވެ. އެހެންނަމަވެސް ނާވީއަށް ބަލައިލުމާއެކު، ފާއިތުވެ ދިޔަ ދުވަސްތަކުގެ ހަނދާންތަކުން ސިކުނޑި ހޭލައްވަލައިފިއެވެ. ނާވީ އޭނާއަށް ފެނުނު ފުރަތަމަ ދުވަހުން މިއަދާ ހިސާބަށް ކަންތައް ވީ ގޮތެވެ. ނާވީ އޭނާއަ ބައްދަލުކުރަނީ ހަމަ އެކަނި އެ މާހައުލުންނެވެ. އެ ލޮލުގެ ތޫނު ކަމާއި ސިއްރުވެރިކަމެވެ. ރަނީމްގެ ސިކުނޑީގެ ނާރުތަކަށް ވާންވެލައިފިއެވެ. ބޮލަށް ބަރުވާން ފެށިއެވެ. ނާވީއަކީ އިންސާނެއް ނޫނެވެ. ކުރިމަތީގައި ހުރީ ކިތަންމެ ރީތި ސޫރަޔަކަސް އެއީ ޖިންނިއެއްކަން އެނގުމުން ނުގޮތަކަށް މޭތެޅިލިއެވެ. ޖިންނީންނަކީ އިންސާނުންނާ އަވަލާ މޮޔަކޮށްލުވާ ބަޔެކެވެ. އެއީ އޮޅުވާލާ މަކަރުވެރި ބަޔެކެވެ. އެހާމެ ދޮގު ހަދާ ބައެކެވެ. މިހާރު މިވަގުތު ވެސް އޭނާއަށް ގެއްލުން ދެވިދާނެކަން ރަނީމްގެ ހަވަނަ ހިއްސުން އަންގައިލަ ދިނުމާއެކު ރަނީމްއަށް ހިންދިރުވައިލެވުނެވެ. ފުންވަމުން ދިޔަ ނޭވާތަކާއެކު އަވަސް އަވަހަށް އެސްފިޔަ ޖަހައިލެވުނީ މޫނުމައްޗަށް އަނދިރިވާން ފެށުމުންނެވެ. އެހެންނަމަވެސް ސިކުނޑިއަށް ބާރު ބޮޑުވެ އެންމެފަހުން ރަނީމް އަރިއަޅައިލީއެވެ. އާއެކެވެ. އޭނާ އަނބުރައިގަތީއެވެ. އެހެންނަމަވެސް ވެއްޓި ބިންމަތީގަައި ޖެހުމުގެ ކުރިން، ބާރުގަދަ އަތެއްގެ ހިމާޔަތް އޭނާއަށް ލިބުނުކަން ރަނީމްއަށް އިޙްސާސްވިއެވެ. އެމީހަކު އޭނާގެ އުނަގަނޑުގައި އަތް އަޅުވާލާފައި އެ އަތުގެ ތެރޭގައި އޭނާ ހައްޔަރުކޮށްލިއެވެ. ***** އެސްފިޔަތައް ތަޅުވާލާފައި ރަނީމް ލޯ ހުޅުވައިލިއެވެ. އެއާއެކު އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ހުދު ކުލައިގެ ސީލިންގެވެ. އޭރުވެސް ބޮލުގައި ފާޑެއްގެ ބަރުކަމެއް ހުއްޓެވެ. ބޮލުގައި އަތް އަޅައިލުމާއެކު ތެދުވެ އޭނާ އިށީނެވެ. ލޯ މަރާ ތަގުޅި ކޮށްލުމާއެކު އާހެެއް ބޭރުވީ ބޮލުގައި ރިއްސަމުން ދިޔައީތީއެވެ. ސިކުނޑި މަސައްކަތްކުރަން ފެށުމާއެކު ދެންމެ ވީ ކަންތައް ރަނީމްގެ ހަނދާނަށް އަންނަން ފެށިއެވެ. އެއާއެކު މީހާއަށް ތެޅިގަނެވުނެވެ. ވަށައިގެން އަވަސް ކަޅިއެއް ހިންގައިލެވުނެވެ. ބާރުވަމުން ދިޔަ ހިތުގެ ތެޅުން ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން ރަނީމް ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާ ވެެއްޓެން ދިޔައިރު އެ މީހެއްގެ ބާރު ގަދަ އަތުގެ ތެރޭގައި އޭނާ ހައްޔަރު ކޮށްލީ ނާވީ ކަމާ މެދު ރަނީމްގެ އެއްވެސް ޝައްކެތް ނެތެވެ. "ނާވީ.." ރަނީމްއަށް ނާވީގެ ނަން ކިޔައިލެވުމާއެކު ކަކޫ ގެނެސް މޭގައި ޖައްސައިލެވުނެވެ. އެހިނދު އޭނާގެ ދެލޯ ކަރުނުން ފުރިގެން ދިޔައީ ކީއްވެގެންކަމެއް ޚުދު ރަނީމްއަކަށް ވެސް ނޭނގުނެވެ. ދުލުން ބަޔާން ނުކޮށްދެވޭނެ އެތަކެއް އިޙްސާސްއެއް އޭނާގެ ހިތުގައި އުތުރި އަރަން ފެށިއެވެ. "ނާވީ އަކީ އިންސާނެއް ނޫން." ރަނީމްއަށް ބުނެވުނެވެ. އޭނާއަށް ކަކުލުގައި މޫނު ޖައްސައިލަމުން އިސްޖަހައިލެވުނެވެ. ކަރުނަތައް ހުއްޓުވާކަށް ރަނީމް މަސައްކަތެއް ނުކުރެއެވެ. ނާވީ އޭނާ މޮޔަކޮށްލަފާނެ ހެއްޔެވެ؟ އެއީ ނާވީގެ އަސްލު ސިފަހެއްޔެވެ؟ ޖިންނީންނަކީ ވަރަށް ދޮގު ހަދާ ބަޔެކެެވެ. އެ އެއްޗެހި ބެނުންވާނީ އިންސާނާ މޮޔަ ކޮށްލައިގެންވެސް އެމީހުންގެ އެދުންތައް ހާސިލްކުރާށެވެ. ޖިންނީންނާ ބެހޭ ގޮތުން ރަނީމްއަށް މުޅިންވެސް އަޑު އިވިފައިވަނީ އެފަދަ ވާހަކަތަކެވެ. ނާވީ އޭނަ ދެކެ ލޯބިވާކަމަށް ދަޢުވާ ކުރިއެއްކަމަކު އެއީ ލޯތްބަކަށް ނުވާނެއެވެ. އެއަށް ކިޔަނީ އަވަލުމެވެ. ލޯތްބެއްް ނޫނެވެ. ބިރުގަތެއްް ކަމަކު ރަނީމް ދެރަވެސް އެބަ ވެއެވެ. ކީއްވެކަމެެއް ނޭނގެއެވެ. ސުވާލުތަކުން އޭނާގެ ސިކުނޑި ވަނީ ފުނިޖެހިފައެވެ. ނާވީ އަކީ އެފަދަ އެއްޗަކަށް ވެދާނެހެެއްޔެވެ؟ ނާވީ އޭނާގެ ސިކުނޑިއާ ކުޅެފާނެހެެއްޔެވެ؟ އޭނާއަށް ގެއްލުމެއް ދީފާނެހެއްޔެވެ؟ އެހެންވެއްޖެނަމަ އޭނާ ގެއަށްލާފައި ނާވީ ދާންވީ ކީއްވެހެއްޔެވެ؟ ނާވީ ބުނި ގޮތަށް އޭނާއަށް ދުވަހަކު ގެއްލުމެއް ނުދޭނެހެއްޔެވެ؟ އެހެންވިޔަސް އޭނާއަށް ލޯބިވެވުނީ ޖިންނި އެއް ދެކެ ހެއްޔެވެ؟ ނޫނެކެވެ. އެއީ ލޯތްބެއް ނޫނެވެ. އެވާނީ ނާވީ އޭނާގެ ސިކުނޑިއާ ކުޅުނީކަމަށެވެ. ރަނީމްގެ ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ. ރަނީމް އޭނާގެ އަތުގެ ނުފުށުން ކަރުނަ ފުހެލުމާއެކު ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާ ހަމަޖެހެމުން ތެދުވެ އަދިވެސް އެއްފަހަރު މޫނުގައި އަތް ހާކާލާފައި މޫނުމަތި ފުހެލާ ރީތިކޮށްލިއެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް މަންމަ ސަމްރާ އޮންނަ ކޮޓަރީގެ ދޮރު ހުޅުވާލާފައި ބަލައިލިއެވެ. ސަމްރާ ނިދާފައި އޮތްތަން ފެނުމާއެކު މަޑުމަޑުން ދޮރު ޖަހާފައި އެނބުރިފައި އޭނާ ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އެނދުގައި އިށީނދެލައިގެން އިރުކޮޅަކު އިނުމަށްފަހު، ފައި އެނދުމައްޗަށް ލަމުން ހެޑްބޯޑުގައި ލެނގިލިއެވެ. ބޯ ކުޑަކޮށް އުފުއްލައިލުމާއެކު، ދެލޯ މަރައިލިއެވެ. އެހިނދު ލޮލުގެ އެސްފިޔަތަކުގެ ތެރެއިން ފެނިގެން ދިޔައީ ނާވީގެ ސޫރައެވެ. މިރޭ އޭނާއަށް ފެނުނު މަންޒަރެވެ. ރަނީމްއަށް ވަގުތުން ދެލޯ ހުޅުވައިލުމާއެކު މޭގައި އަތް އަޅައިލެވުނީ ހިތުގައި އުތުރުގަތް އިޙްސާސްތަކެެއްގެ ސަބަބުންނެވެ. ނާވީގެ ވާހަކަތަކާ މެދު ފިނިހިތަކުން ވިސްނައިލަން އަމިއްލަ ޒަމީރު އޭނާއަށް ގޮވަން ފެށި ގޮވުމަށް އިސާހިތަކު ރަނީމްގެ ހިތް އިޖާބަދީފިއެވެ. ނާވީގެ ލޮލުން ފެނުނު އަސަރާއި އޭނާގެ ކުރިމަތީގައި ކުށްވެރިއެއް ހެން އިސްޖެހިފައި ނާވީ ހުރި ގޮތެވެ. އޭނާގެ ހަޤީގަތް ހާމަ ކޮށްލިއިރު ނާވީގެ އަޑުން ފާޅުވި ވޭނީ އަސަރެވެ. އެ ދެލޮލުގައިވި ފުންކަމުގެ ތެރެއިން ފާޅުވަމުން ދިޔަ ވޭނެވެ. އަޑުގައިވި ހިތްދަތި އަސަރެވެ. ނާވީގެ ކޮންމެ ބަހަކާއި ހަރަކާތެއްގައިވި ލޯތްބާއި އޯގާތެރިކަމެވެ. އެހުރިހާ ކަމަކަށްފަހު ވެސް އޭނާ ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިން ގޮތެވެ. އަނިޔާއެއް ނުކޮށް އޭނާގެ ގެއަށް ގެނެސް ދިން ގޮތެވެ. ހިތުގައި އުފެދުނު ގިލަންވެރި އިޙްސާސްތަކުން ލިބެމުން ދިޔަ ތަކުލީފުތައް އިތުރު ވަމުންދިޔަ ރަނީމްގެ ހިތް އެދި ގޮވަމުން ދިޔައީ ނާވީއަށް ނަމަވެސް އެކަމަށް އޭނާ ރުހޭނީ ކިހިނަކުން ހެއްޔެވެ؟ ނާވީއަކީ އިންސާނެއް ނޫނެވެ. އެރޭގެ ހަތަރު ދަން ރަނީމްއަށް ހޭދަކުރެވުނީ އެފަދަ ވިސްނުމާއި ފިކުރުތަކެއްގައެވެ. ފަތިސް ނަމާދަށް ގޮވިއިރު ވެސް ރަނީމްއަށް އޮތީ ނުނިދިފައެވެ. ތެދުވެ ވުޟޫކޮށްލާ ނަމާދުކޮށްލައިގެން އޭނާ ނުކުމެ ސަމްރާއަށް ބަލައިލިއެވެ. އޭރުވެސް ސަމްރާ އޮތީ ނިދާފައެވެ. ރަނީމް ސަމްރާއަށް ގޮވަން ނުހަދާ ބަދިގެއަށް ގޮސް ކަޅު ސައިތައްޓެއް ތައްޔާރުކޮށްލައިގެން މޭޒު ދޮށުގައި އިށީނެވެ. ވިސްނަން އިނުމަށްފަހު، ފޯނުން ނަންބަރަކަށް މެސެޖެއްކޮށްލިއެވެ. އޭނާ މިއަދު ޑިއުޓީއަށް ސަލާމް ބުނީއެވެ. ތެދުވެގެން އޮފީހަށް ގޮސް އުޅޭނެ ހިތްވަރު ނެތީތީއެވެ. ސިކުނޑި ހަމައަކަށް އަޅުވަން ވަގުތު ބޭނުންވެއެވެ. އެ ނޫނީ އޭނާ މޮޔަވެދާނެއެވެ. ***** ރަށުގެ އިރުމަތީފަރާތު ފުއްޓަރުމަތީގެ ގާތަކުން ބޮޑު ގަލެއްގައި އިށީނދެލައިގެން ނާވީ އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ރޭގަނޑުގެ އަނދިރިފަރުދާ ހިއްލުމަށް މަޖުބޫރުކުރުވަމުން އަލިކަން ދުނިޔެއަށް ފޯރުވުމަށްޓަކައި، އިރުފެނުން ތޮޅެމުންދާ މަންޒަރު ހިތްގައިމެވެ. ހިސާބުގައި އެއް އަޑަކަށް ހުރީ ފުއްޓަރަށް ބިންދާ ރާޅުގެ އަޑެވެ. ކުރިމައްޗަށް ބަލަހައްޓައިގެން އިން ނަމަވެސް އެ ހިތްގައިމު މަންޒަރުން ނާވީގެ ހިތަށް ކުޑަ ވެސް ހަމަޖެހުމެއް ނުލިބެއެވެ. ކުޑަވެސް ތަސައްލީއެއް ނުލިބެއެވެ. "ނާވީ..." ފަހަތުން އިވުނީ ދައިސަމްގެ އަޑެވެ. "ހޫމް." އެ އިން ގޮތަށް އިނދެ ނާވީ ފުންނޭވާއެއް ދޫކޮށްލިއެވެ. "ރޭއްސުރެ ކޮންތާކު ތިއުޅެނީ؟ އަހަރެން ހީކުރީ އެ އިންސިއާ ބައްދަލުކޮށްފައި އަހަރެން ކައިރިއަށް އަންނާނެކަމަށް." ދައިސަމް ބުނެލިއެވެ. "ރަނީމް ބޭނުމެއް ނުވޭ އަހަރެން އޭނައަށް ފެންނާކަށެއް." ނާވީ ބުނެލިއެވެ. " އޭނަ ބޭނުންވަނީ އަހަންނާ ދުރުވާން." "ނާވީ. ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށް. ކަލޭމެން ދެމީހުން ގުޅުނެއްކަމަކު ދެމީހުންނަށް އެކުގައި މުސްތަޤްބަލެއް ނޯންނާނެ. ދެ ނަސްލެއްގެ ބަޔެއް އެކެއް ނުވާނެ. އަހަރެމެންގެ ތެރޭގައި ވެސް އުސޫލުތަކެއް އޮވޭ. އެއަށް ތަބައަވާން ވެސް އަހަރެމެން ޖެހޭނެ. އޭނަ ކަލޭ ދޫކޮށްލާފައި ދިޔުމަކީ އަހަރެމެންގެ މަސްލަހަތާއި އަދި ޚުދު ނާވީއަށްވެސް އެކަމުން އެންމެ ރަނގަޅު ގޮތްކަމުގައި ވެދާނެ. އެންމެ ރަނގަޅުވާނީ އަހަރެމެންގެ ތެރެއިން ޒުވާނަކާ ގުޅުނިއްޔާ. ނޫނީ އެހެން ޝަހަރެއްގެ ޝާހީ އާއިލާއެއްގެ މީހަކު ހޯދިއްޔާ." ދައިސަމް ބުނެލިއެވެ. "ނޫން ދައިސަމް." ނާވީ ބުނެލިއެވެ. "ނާވީ... އަހަރެން ކަލެއަށް ވިސްނައިދޭނީ ކިހިނެއް؟ ތި ލޯބިން ނުކުމެދާނެ ނަތީޖާއަކާ ދޭތެރޭވެސް ވިސްނާލުމެއް ނެތް." ދައިސަމް އަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. އިރުގެ ރަންދޯދިތައް ދުނިޔެމައްޗަށް ފެތުރިގެން ދިޔައީ ވެސް އެ ދެމީހުން އެތަނުގައި ތިއްބައެވެ. ***** މުޅި ދުވަހުވެސް ރަނީމްއަށް ހުރެވުނީ ނެގި މަޑުވެފައެވެ. ހާސްކަމާއި ނުތަނަވަސްކަން މޫނުމަތިން ނުދައްކަން މަސައްކަތްކުރި ނަމަވެސް، އެކަން ކުރުންވީ ހީކުރި ވަރަށްވުރެ އުނދަގޫކަމަށެވެ. އެކަން ސަމްރާއަށް ވެސް ފާހަގަކުރެވުނެވެ. ވާހަކަ ނުދެއްކުނެއް ކަމަކު ރަނީމް ކޮންމެވެސް ކަމަކާ ފިކުރުކުރަނީކަން ވެސް އޭނާއަށް އެނގުނެވެ. ރޭގަނޑު ރަނީމް ސަމްރާއަށް ކާން ދޭން އެއްޗެހި ހިފައިގެން އައުމުން އޭނާގެ ކަނާއަތް ހިއްލާލާފައި ސަމްރާ މަޑުމަޑުން ރަނީމްގެ އަތުގައި ހިފައިލިއެވެ. މާ ބާރު ނުލެވުނަސް ވެސް މެއެވެ. ސަމްރާ ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. "ދަ.... ދަރި.. ފުޅު..." އެހެން ބުނެލާފައި ސަމްރާ ބުމަ އަރުވައިލިއެވެ. "ކަމެއް ނުވޭ މަންމާ. ބޮލުގަ ރިއްސަނީ." ރަނީމް ބުނެލިއެވެ. އޭނާ މަސައްކަތްކުރީ އަޑު ވީހާވެސް އާދައިގެ ގޮތަކަށް ބަހައްޓާށެވެ. "ކަމެއް ވީ..ތަ؟ އޮފީސް؟" ސަމްރާ ވާހަކަ ދެއްކީ އުނދަގޫކަމާއެކު ނަމަވެސް އާދައިގެ މަތީން އެބުނި އެއްޗެއް ރަނީމް ދެނެގަތީ ނުހަނު ފަސޭހަކަމާއެކުގައެވެ. "ނޫން މަންމާ... ހަމަ އެކަނި ބޮލުގަ ރިއްސަނީ... ރޯގާ ޖެހެން އުޅެނީކަމަށްވެސް ވެދާނެ." ރަނީމް ސަމްރާއަށް ޔަޤީންކޮށްދޭން ބޭނުންވީ އެއްވެސް ކަމެއް ނުވާކަމަށެވެ. އޭނާ އެހެން ބުނެފައި ދެފަހަރަކު ކަރުކެހިލިއެވެ. ސަމްރާ ބޯ ޖަހައިލިއެވެ. ރަނީމް ބުނި ވާހަކަ ޤަބޫލުކުރުމުގެ ގޮތުންނެވެ. ރަނީމްއަށް ހަމަޖެހުމެއް ލިބުނީ ސަމްރާ އޭނާ ބުނި ވާހަކަ ޤަބޫލުކުރިކަން އެނގުމުންނެވެ. މަންމައަށް ކާންދީފައި ރަނީމް ތަށިތައް ހިފައިގެން ބަދިގެއަށް ގޮސް ސިންކު ދޮށުގައި ހުއްޓުމަށްފަހު އިސްކުރު ދޫކޮށްލުމާއެކު އަނެއްކާވެސް އޭނާގެ ޚިޔާލީ ދުނިޔެއަށް ގެއްލިފައި ހުރެވުނީއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލެވުނީ އިރުގަނޑެއްފަހުންނެވެ. ތަށިތައް ދޮވެލާފައި ގޮސް ކޮޓަރިއަށް ވަދެ މަންމަ ފެންވަރާ ރީތިކޮށްފައި ނިދަން ބާއްވާފައި ރަނީމް ގޮދަޑީގައި އިށީނދެލިއެވެ. އަދި ފޯނު ހުޅުވައިލިއެވެ. މެސެޖުގެ ބީޕްއަޑުން ކޮޓަރިތެރޭގެ ހިމޭންކަން ފޫދުއްވައިލީ އެވަގުތެވެ. ނިދެމުން ދިޔަ ސަމްރާއަށް ބަލައިލުމަށްފަހު، ރަނީމް ފޯނުގެ އަޑު ކަނޑާލަމުން، ވައިބާއިން އައި މެސެޖު ހުޅުވާފައި ބަލައިލިއެވެ. އެއީ ޝާރިފްގެ މެސެޖެކެވެ. އޭނާ އަހާފައި އޮތީ ރަނީމް ބަލީތޯއެވެ. އޮފީހަށް ނުދާތީ ރަނީމްގެ ޙާލު ބަލައިލަން މެސެޖުކޮށްލީ ކަމުގައެވެ. ޝާރިފްގެ މަޤްސަދަކީ އެއީއެއް ނޫނޭ ރަނީމްގެ ހިތް ބުނެލިއެވެ. އޮފީހުގެ ކަންތައްތަކާ ހަވާލުވީއްސުރެ ޝާރިފް އޭނާއަށް ބަލަނީ ތަނެއްގެ ވެރިއަކު މުއައްޒަފަކާ ދިމާލަށް ބަލާ ނަޒަރަކުން ނޫންކަން އެނގޭތީއާވެސް އެކުގައެވެ. އެހެންނަމަވެސް މެސެޖު ބަލާފައި އެއަށް ޖަވާބު ނުދިނުމަކީ ރަނގަޅު ގޮތެއް ނޫންކަމުގައި ރަނީމްއަށް ހީކުރެވުނީ އެއީ ކޮންމެ ގޮތެއް ވިނަމަވެސް އޭނާގެ ބޮސްއަށް ވީތީއެވެ. ފަހަރެއްގައިވެސް އޭނާގެ ފަރާތުން އިޙްތިރާމް ކުޑަ ވާފަދަ އެއްވެސް ކަމެއް ވެގެން ދާކަށް ރަނީމް ބޭނުމެއް ނޫނެވެ. އޭނާ ބަލިވެ ކަމަށްބުނެ ޖަވާބު ދިނުމަށްފަހު، މާދަމާ އޮފީހަށް ނުކުންނާނެކަމުގައި ބުނެލިއެވެ. އަދި އެއަށްފަހު ފޯނު އެލާރމްކޮށްލާފައި ވައިފައި ކަނޑާލާފައި ބާލީސް ކައިރީގައި ފޯނު ބާއްވަމުން އޮށޯވެލިއެވެ. ދިއްލާފައިވާ ފަނޑު އަލިކަމުގެ ތެރޭގައި ސީލިންގަށް ބަލަހައްޓައިގެން އޭނާއަށް އޮވެވުނެވެ. ޖެހިގެން އައި ދުވަހު ރަނީމް އޮފީހަށް ދާންވެގެން ނުކުމެލިއެވެ. އޭނާ ހުރީ ރުއްފަލާ ދިމާލަށް ނުބަލާ ހިނގައިގަންނަން ނިންމައިގެން ނަމަވެސް ކުރިއަށް އެޅުނީ ދެ ފިޔަވަޅެވެ. ބޭއިޚްތިޔާރުގައި ފަހަތަށް ބަލައިލެވިއްޖެއެވެ. އޭނާ އިންނަ ޖޯލި ފެނުމާއެކު އެ ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. ވަށައިގެން އެ ރުއްފަލުގެ އެކި ދިމަދިމާލަށް އޭނާއަށް ބަލައިލެވުނެވެ. ނޭނގުނު ނަމަވެސް، ނުވަތަ ޤަބޫލުކުރަން ބޭނުން ނުވިޔަސް ރަނީމްގެ ނަޒަރު ހޯދީ ނާވީއެވެ. އަމިއްލަ މީހާގެ އިޙްސާސްތައް ހަމައަކަށް އަޅުވައިލުމާއެކު ރަނީމް ހަށިފުރާ ނޭވާއެއް ދޫކޮށްލާފައި ހިނގައިގަތެވެ. އޮފީހަށް ގޮސް ސެކްޝަނަށް ވަތްއިރު އެކަކުވެސް އަދި ނާދެއެވެ. އޭނާ މޭޒު ކައިރީގައި އިށީނދެ ފޯނަށް ބަލައިލިއެވެ. އޭރު އަދި ގަޑިން އަށެއް ޖަަހަން ފަސް މިނެޓް އެބަ އޮތެވެ. ކުއްލިއަކަށް ސެކްޝަންގެ ދޮރު ހުޅުވާލާފައި އެތެރެއަށްވަނީ ޝާރިފްއެވެ. އޭނާ އައިސް ރަނީމްގެ ކިއުބިކަލް ކައިރީގައި މަޑުކޮށްލަމުން ބިއްލޫރި ގަނޑުގައި އަތް އަޅުވައިލި އެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ