ފުލުހުންނަށް ހަމަލާދިން މައްސަލަ: 6 މީހަކު ބަންދުކުރަން ކޯޓުން އަމުރުކޮށްފި

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ އޮފިސަރުންތަކަކަށް މިދިޔަ ހުކުރު ދުވަހު ހަމަލާދިން މައްސަލައިގައި ބުދަ ދުވަހުގެ ރޭ ހައްޔަރުކުރި ހަ މީހުން ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުންނަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ނުވަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ އެންމެން ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ތަފްސީލް - މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ބުދަ ދުވަހުގެ ރޭ ހައްޔަރުކުރި ހަ މީހުންގެ ބަންދާ މެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭގެ ތެރޭގައި ހިމެނޭ 20 އަހަރުގެ މީހާ 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ. ބާކީ ތިބި ފަސް މީހުން ބަންދުކުރީ ތަހުގީގު މަރުހަލާ ނިމެންދެނެވެ.
އެ ފަސް މީހުންގެ ކޯޓު އަމުރުތަކުގައި ބުނެފައި ވަނީ:
ތަހުގީގު މަރުހަލާގައި ކަސްޓޯޑިއަލް ޖަލެއްގައި ބޭތިއްބުމަށް
ތަހުގީގު ނިމުމުން ރިމާންޑު ޖަލަކަށް ބަދަލުކުރުމަށް
ތަހުގީގު ނިންމައި ޕީޖީއަށް މައްސަލަ ހުށަހެޅުމުން ބަންދާމެދު ގޮތް ނިންމަން ޕީޖީ އޮފީހުނަށް ކޯޓަށް ހުށަހެޅުމަށް
އެނގުން މުހިއްމު - ބުދަ ދުވަހުގެ ރޭ ހައްޔަރުކުރި ހަ މީހުންނަކީ ވެސް ބަންދު/ހައްޔަރުގެ ރެކޯޑު އޮންނަ މީހުންނެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ ފިލައިގެން އުޅެނިކޮށެވެ.
ބުނީ ކީކޭ؟ - އެ މީހުން ބަންދުކުރި ކޯޓު އަމުރުގައި ބުނީ، ހަމަލާ ދިނުމުގެ ސަބަބުން ފުލުހުންނަށް ބޮޑެތި އަނިޔާތަކެއް ވެފައިވާކަން، މައްސަލައިގައި ހުށަހަޅާފައިވާ ފޮޓޯތަކުން އެނގޭ ކަމަށެވެ. 
"ފުލުހުންނާ މެދު ހިންގާ މިފަދަ އަމަލުތަކަކީ މުޅި މުޖުތަމައުގައި އެކަމުގެ ސަބަބުން ބިރުވެރިކަން އުފެދޭ ބާވަތުގެ ކުށްތަކެއްކަން ފާހަގަކުރަމެވެ،" ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
މައްސަލަ - އެނގިފައިވާ ގޮތުގައި، މިދިޔަ ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި އެ ހާދިސާ ހިނގީ ޑީއީޑީގެ ފުލުހަކު މާލޭގެ ގޭންގެއް ނިސްބަތްވާ ސަރަހައްދެއްގައި އޯފް ޑިއުޓީގައި އެކަނި ހުއްޓައި އެ މީހުން އޭނާއާ ދިމާކުރަން ފެށުމުންނެވެ. އޭނާއާ ދިމާކުރަން ފެށުމުން އެ ފުލުސް މީހާ ޑީއީޑީގެ އިތުރު ދެ ފުލުހަކަށް ގުޅައިގެން އެ ތަނަށް ގެނައުމުން، ފުރަތަމަ ހަމަލާ ދިނީ ފަހުން އައި ފުލުހަކަށެވެ.
ފުލުހުންނަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުން:
އަހްމަދު އުވައިސް، ހ. ލާމިޔާ (18އ)
ޔޫސުފް ސުހައިލް އަލީ މުސްތަފާ، ހ. ސައިންޓްލޮސް (20އ)
މުހައްމަދު އީވާން، ނިއުވެލީ/ ދޫޑިގަން، ޏ. ފުވައްމުލައް (21އ)
މުހައްމަދު ޒާއިން، ފުނަމާގެ/ ތ. އޮމަދޫ (18އ)
ސާރިހު ސައިފް އަލީ، ގ. އޯލްޕެރިސް (21އ)
އަބްދުﷲ ފިރުޝާން، ހ. ސައިބާން (19އ)
މުހައްމަދު އަޒާން، ހަވޭލި/ ނ. މަނަދޫ (20އ)
ޔޫސުފް ޒައިން، ވ. ވަވަތް (20އ)
ނަޖާހު ނަސީރު، ހ. ސިލްވަސޭންޑް (20އ)
މި ހަމަލާއާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ފުލުހުންނަށް ހަމަލާ ދިނުމުގެ މައްސަލަތައް ހަރުކަށިކަމާ އެކު ބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ