މަޖިލީހުގައި މަރުތަޅު އެޅުވީ އެމްޑީޕީން، ރައީސް ޒިންމާވާން ޖެހޭނެ: ގާސިމް

ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އެޅުވީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ކަމަށާއި އެކަމުގެ ޒިންމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނަންގަވަންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ޖަލްސާތައް ނުބޭއްވި މަސައްކަތްތައް ހުއްޓިފައިވަނީ، މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އިސްވެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުންނެވެ. ނަޝީދާއި އީވާ މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވަން އުޒުވެރިވެވަޑައިގެންފައިވުމުން، ރިޔާސަތާ ހަވާލުވާނެ ބޭފުޅެއް ނެތުމުން ދެ ޖަލްސާއެއް ނުބޭއްވި ދިޔައިރު، މަޖިލިސް ޗުއްޓީއަށްވެސް ދިޔައިރުވެސް ގިނަ މައްސަލަތަކެއް ނުނިމި ހުއްޓެވެ.
ޕެރެޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ބޭއްވި ޖުމްހޫރީ ޕާޓީގެ 158 ކައުންސިލް ބައްދަލުވުމުގައި ގާސިމް ވިދާޅުވީ، މަޖިލީހުގައި މަރުތަޅު އެޅުވީ އެމްޑީޕީން ކަމަށާއި އެކަމުގެ ޒިންމާ ރައީސް ސޯލިހު ނަންގަވަން ޖެހިވަޑައިގެންނަވާނެ ކަަމަށެވެ.
""ބަލަ ސަރުކާރު ހިންގަން އޮތް ޕާޓީން މި ކަންކަން ކުރީމާ ދެން ކީކޭތޯ ބުނާނީ. އެ މީހުންނަށް ނޭނގޭތަ ރައީސް އާއި ނައިބު ރައީސްގެ ނޯ ކޮންފިޑެންސް ވޯޓު ލީމާ ރައްޔިތުންގެ މަޖިލިސް ޑެޑްލޮކަށް ދާނެކަން؟ ގާނޫނުއަސާސީ ނުބަލާތަ ތިބީ،" ގާސިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރު، ހާއްސަކޮށް ރައްޔިތުންގެ މަޖިލިސް ހުއްޓުވާފައި ނުބޭއްވޭނެ ކަމަށާއި އެއީ ރައްޔިތުންނަށް ދައްކާ ރަނގަޅު މިސާލެއް ނޫން ކަމަށެވެ. އއަދި ރައީސް ސޯލިހު ދެވަނަ ދައުރަކަށް ވެރިކަމަށް ކުރިމަތިލެއްވުމުގެ މާނައެއް ނެތް ކަމަށާއި ރައްޔިތުންގެ އިތުބާރެއް މިހާރު އެ މަނިކުފާނަށް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ