މަޖިލީހުގެ ޖަލްސާތައް ރޯދައިގެ ފަހު 10އަށް މެދުކަނޑާލައިފި

ބަރަކާތްތެރި ރަމަޟާންމަހުގެ ފަހު ދިހައަކަށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފިއެވެ. 
މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައްވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އިއުލާން ކުރެއްވި ގޮތުގައި، މަޖިލީހުގެ ޖަލްސާއެއް ދެން އޮންނަނީ އަންނަ މަހު 7 ވަނަ ދުވަހު އެވެ. އެއީ ހަ ރޯދައަށްވެސް ފަހުގައެވެ. 
އަޅުގަނޑުމެން މިކުރިމަތިލަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު 10 އަކާ. އަޅުގަނޑުގެ އިހްލާސްތެރި އެދުމަކީ އަދި އިލްތިމާސްއަކީ ވެސް ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު 10ގައި ރައްޔިތުންނަށް ނަމޫނާ ދައްކަވަމުން ގެންދެވުން. އެމަހުގެ ސަވާބާ ދަރުމަ އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯއްދެވުމަށްޓަކައި ކަނޑިނޭޅި ހިތްވަރާއި، ހިތްމަތާ އިހްލާސްތެރިކަމާ ތެދުވެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދެވުން. މި ބަރަކާތްތެރި ރަމަޟާން މަހަކީ ހުރިހާ ގޮތަކުން ވެސް އަޅުގަނޑުމެންނަށް އުފާ ފާގަތި މައްސަރެއް ކަމަށް ލައްވައި، އަދި މިމަހުގެ ސަވާބާ ދަރުމަ އަޅުގަނޑުމެން ހުރިހާ އެންމެނަށް ފުރިހަމަ ގޮތުގައި ލިބޭނެ ހުރިހާ މަގެއް މާތްالله އަޅުގަނޑުމެންނަށް ފަހިކޮށް ދެއްވުން. އެއީ އަޅުގަނޑުގެ އިހުލާސްތެރި ދުއާ. ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 7 އޭޕްރީލް 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 9:00 ގައި
ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށީ މިދިޔަ ފެބްރުއަރީ މަހު ކުރީކޮޅެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މި ދައުރު ނިމޭނީ މެއި މަހުގެ 15 އެވެ.
ރަމަޟާން މަހުގެ ފަހު 10އަކާއި ގުޅިގެން 20 މާރިޗުން ފެށިގެން ސަރުކާރު ބަންދުވާއިރު، އީދު ބަންދަށްފަހު ސަރުކާރުވެސް އަލުން ހުޅުވާނީ 5 އޭޕްރީލް 2025 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ