އަޒްމިރަލްދާ ސުލޫކާ ޚިލާފަށް ކުރެއްވި ކަމެއް ޖޭއެސްސީއަށް ބުނެނުދެވުނު: ވަކީލު
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސުލޫކާ ޚިލާފުވި ކަމަށް ތުހުމަތުކޮށްފައިވީ ނަމަވެސް، އޭނާ ސުލޫކާ ޚިލާފުވި ގޮތެއް ބުނެނުދެވުނު ކަމަށް އަޒްމިރަލްދާގެ ގާނޫނީ ވަކީލު އިބްރާހީމް ޝަމީލް މިއަދު ވިދާޅުވެއްޖެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އަޒްމިރަލްދާއާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި އޭރު ބެންޗުގައި ހިމެނިވަޑައިގެންނެވި ހުސްނުއްސުއޫދުގެ ޖިނާއީ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ، މިދިޔަ މަހުގެ 26ގައި ޖޭއެސްސީން ވަނީ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައެވެ. ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަމުން އަންނައިރު، އަޒްމިރަލްދާއަށް ވަނީ ދެ މައްސަލައެއްގައި ޖަވާބުދާރީވުމަށް ހާޒިރުވުމަށް އަންގައިފައެވެ. ފުރަތަމަ މައްސަލައަކީ އޭނާ ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. ދެވަނަ މައްސަލައަކީ، ހައިކޯޓުގެ ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް، އޮކްޓޫބަރު 25، 2022ގައި ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު އޭނާއާ ހުތުރުބަހުން މުއާމަލާތުކޮށްފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައާ ގުޅުންހުރި މައްސަލައެކެވެ. އެގޮތުން ސުއޫދު އެގޮތަށް ވާހަކަދެއްކެވީ އަޒްމިރަލްދާއާއި މަހާޒުގެ ހާޒިރުގައި ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. އެހެންވެ، އެ މައްސަލައިގައި އަޒްމިރަލްދާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭތީ އެ ކޮމިޝަނުން އިސް ނަގައިގެން ބަލާ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ނިންމީ ކަމަށް ޖޭއެސްސީން އަޒްމިރަލްދާއަށް އަންގައިފައިވެއެވެ. އެ ފުރަތަމަ މައްސަލައިގައި ޖޭއެސްސީން އޭނާ ތަހުގީގަށް ހާޒިރުކުރީ، މިމަހުގެ 11ގައެވެ. ދެވަނަ މައްސަލައިގައި މިއަދު އަޒްމިރަލްދާ ވަނީ ތަހުގީގަށް ޖޭއެސްސީއަށް ހާޒިރުކޮށްފައެވެ. މީޑިއާތަކަށް މައުލޫމާތުދެއްވައި އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް މިއަދު ވިދާޅުވީ އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުކޮށް ތަހުގީގު ފެށުމާއެކު މައްސަލައާ ގުޅިގެން އިޖުރާއީ ގޮތުން ފާހަގަކުރަން ހުރި ބައެއް ކަންކަން ހުރި ކަމަށާއި، އެކަންކަން ވަކީލު މެދުވެރިކޮށް ހުށަހަޅަން ބޭނުންވާތީ ފުރުސަތަކަށް އެދުނު ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޖޭއެސްސީގެ ތަހުގީގު ކޮމިޓީން އެ ފުރުސަތު ދީފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ކޮމިޓީގެ އެ ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށާއި، ކޮމިޓީން ކުރިއަށް ގެންދާ ތަހުގީގަކީ ޣައިރު ދުސްތޫރީ ތަހުގީގެއް ކަމަށް އަޒްމިރަލްދާ ވިދާޅުވި ކަމަށް ވަކީލު ފާހަގަކުރެއްވިއެވެ. އަދި މައްސަލަ އެ ކޮމިޝަނުން ބެލުމަށް ނިންމި އިޖުރާއަތުތަކުގެ ސައްހަކަމާމެދު އަޒްމިރަލްދާ ސުވާލުއުފެއްދެވި ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ. ޝަމީލް ވިދާޅުވީ މިއަދު ކޮމިޓީން ތަހުގީގުގައި ސުވާލުކުރި މައްސަލަ ބެލުމަށް ކޮމިޝަނުން ނިންމި ތާރީޚެއް އޮޅުންފިލުވައި ދިނުމަށް އަޒްމިރަލްދާ އެދިވަޑައިގަތުމުން އެ މައުލޫމާތު ވެސް ކޮމިޓީން ނުދިން ކަމަށެވެ. އަދި އަޒްމިރަލްދާއަށް ޖޭއެސްސީން ފޮނުވި ނޯޓިސްގައި އޮތް މައްސަލަ ސާފުނުވާކަމަށާއި، އޭނާ ސުލޫކާ ޚިލާފަށް ކުރެއްވި ކަމަށް ބުނާ އަމަލަކީ ކޮބައިކަން ސާފުކޮށްދިނުމަށް ތަކުރާރުކޮށް އެދިވަޑައިގަތުމުން ވެސް ކޮމިޓީއަށް ތުހުމަތު ސާފުކޮށް ނުދެވުން ކަމަށް ޝަމީލް ވިދާޅުވިއެވެ. އެއާއެކު އަޒްމިރަލްދާ، އޭނާ ސުލޫކީ މިންގަނޑާ ޚިލާފު އަމަލެއް ކުރައްވާފައިނުވާނެ ކަމަށް ވިދާޅުވި ކަމަށާއި، ތުހުމަތުތަކަށް އިންކާރުކުރައްވާފައިވާ ކަމަށް ޝަމީލް ވިދާޅުވިއެވެ. އަދި އެ މައްސަލައަކީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ކޮމިޝަނަށް ބެލޭނެ މައްސަލައެއް ވެސް ނޫން ކަމުގައި ތަހުގީގަށް އޭނާ ވިދާޅުވި ކަމަށް ޝަމީލް ވިދާޅުވިއެވެ. އަޒްމިރަލްދާ ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށްފައިވަނީ، ސްޕާއެއްގައި ހުއްޓައި އޭނާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ހައްޔަރުކޮށް މިދިޔަ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރިއިރު، އޭނާ ބަންދުން ދޫކޮށްލުމަށް އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ބުނެއެވެ. އަޒްމިރަލްދާ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވައިފައެވެ. މަހާޒަށް ވެސް ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުކޮށްފައިވާއިރު އޭނާ ވެސް ވަނީ ތުހުމަތަށް އިންކާރުކުރައްވައިފައެވެ. ސަސްޕެންޝަންގައި ހުންނެވި ހުސްނުއްސުއޫދު މިމަހުގެ ހަތަރު ވަނަ އިސްތިއުފާ ދެއްވައިފައިވާއިރު، ފަނޑިޔާރުންގެ މައްޗަށް އޭސީސީންނާއި ޖޭއެސްސީން ކުރިއަށްގެންދާ ތަހުގީގުތަކާ ގުޅޭ ގޮތުން އޭނާއާއި އަޒްމިރަލްދާ ވެސް ކަންބޮޑުވުން ފާޅުކުރައްވައިފައިވެއެވެ. އެ ދެ ބޭފުޅުން ވެސްވަނީ ސަރުކާރާއި ކޮމިޝަންތަކުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ