އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުން ބާއްވަވައި, ރައީސް ތާރީހުގެ ތެރެއަށް

ރާއްޖޭގެ ރައީސަކު މިހާތަނަށް ބޭއްވެވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުން މިއަދު ބާއްވަވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރިކޯޑެއް ހައްދަވައިފިއެވެ. ރައީސް މުއިއްޒު މިއަދު ނޫސްވެރިންނާ ބައްދަލު ކުރެއްވީ 500 ދުވަސް ފަހުންނެވެ. ވާހަކަފުޅު ފަށްޓަވަމުން ވެސް ރައީސްވަނީ، ނޫސްވެރިންގެ ހުރިހާ ސުވާލުތަކަށް މިއަދު ޖަވާބު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް އޮފީހުގައި މިއަދު ހެނދުނު 10 ޖަހާކަންހާއިރު ފެށި ނޫސްވެރިންގެ ބައްދަލުވުން އަދިވެސް ކުރިއަށް އެބަދެއެވެ. އޭގެ ތެރެއިން މެންދުރު ނަމާދު ވަގުތަށް 12:10ހާއިރު ވިއްސަކަށް މިނެޓަށް މެދުކަނޑައިލިއެވެ. ގާތްގަނޑަކަށް 12:30ގައި ބައްދަލުވުން އަނެއްކާ ފަށައިގެން ގޮސް، އަސުރު ނަމާދު ވަގުތަށް މެދުކަނޑައިލީ 15:15ގައެވެ. ނަމާދު ވަގުތަށްފަހު 15:50ގައި އަނެއްކާ ފަށައިގެން ވަނީ ކުރިޔަށް ގެންގޮސްފައެވެ. އަދިވެސް ނިންމާ ނުލައްވައެވެ. ޕްރެެސް ކޮންފަރެންސް ފެއްޓެވި ފަހުން މިހާތު ހަތް ގަޑިއިރަށް ވުރެން ގިނަ އިރު ވަނީ ވެފައެވެ. ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތަފްސީލު ހާމަ ކުރެއްވުމަށް ދެ ގަޑިއިރެއްހާއިރު ހޭދަ ކުރެއްވެވިއެވެ. އެއަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ގެންދަވަނީ ޖަވާބު ދެއްވަމުންނެވެ. މީގެ ކުރިން އާއްމުކޮށް ރައީސުން ނޫސްވެރިންގެ ބައްދަލުވުން ބާއްވަވަނީ އެއް ގަޑިއިރު ނުވަތަ ދެ ގަޑިއިރަށެވެ. އެހާ ދިގުކޮށް ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަކީ ދުނިޔޭގެ އެހެންގައުމުތަކުގައި ވެސް މާ އާއްމު ކަމެއް ނޫނެވެ. ދުނިޔޭގެ ތާރީޚުގައި ރިކޯޑު ކުރެވިފައިވާ އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުންތައް 10 އޮކްޓޫބަރު 2019: ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ - 14 ގަޑިއިރު 3 ފެބްރުއަރީ 2017: އެލެކްޒެންޑާ ލުކަޝެންކޯ - 7 ގަޑިއިރު 19 ޑިސެންބަރު 2008: ވްލަޑިމިއާ ޕޫޓިން - 4 ގަޑިއިރާ 47 މިނެޓު އެންމެ ގިނަ ވަގުތަށް ދެމިގެން ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައި، ދުނިޔޭގެ ރިކޯޑު ހެއްދެވީ ޔޫކްރެއިންގެ ރައީސް ޒެލެންސްކީއެވެ. އެހެން ނަމަވެސް ގިނެސް ވޯލްޑް ރިކޯޑު ފޮތުގައި އެ ރިކޯޑު ހިމަނާފައި ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ