ފިޔޯރީން ފުރި ޑިންގީ ފެނިއްޖެ

ތިން މީހުންނާއެކު ގދ. ފިޔޯރީން ގއ. އަތޮޅަށް ފުރި ޑިންގީ ފެނިފައިވާކަމަށް އެމްއެންޑީއެފުން މިރޭ ބުނެފިއެވެ. "ސަން"އަށް މައުލޫމާތު ދެއްވަމުން ފިޔޯރީ ކައުންސިލްގެ މެންބަރު އަހްމަދު ޒިހާން ވިދާޅުވީ ތިން މީހުންނާއެކު އެ ޑިންގީ ފުރީ މިއަދު ހުކުރަށްފަހު މެންދުރުފަހު، 14:15 އެހާކަންހާއިރު ކަމަށާއި، އެއީ ރޯދައާ ދިމާކޮށް ކަރާ ވިއްކުމަށް ކަރާ ހިފައިގެން ފެށި ދަތުރެއް ކަމަށެވެ. އެ ދަތުރުގައި ދިޔައީ ފިޔޯރީގެ ދެ މީހަކާއި ބިދޭސީ މީހަކު ކަމަށް ޒިހާން ވިދާޅުވިއެވެ. ނަމަވެސް ދެވޭނެކަމަށް ލަފާކުރީ އިރުއޮއްސި ހައެއްޖަހައި އެހައިކަށްހާއިރަށް ނަމަވެސް އެ ޑިންގީގެ ޚަބަރެއް އެ ވަގުތު ފަސްވީއިރު ވެސް ނުވިއެވެ. "ޑިންގީއެއްގައި ދިޔައީ، އެ ޑިންގީއަކީ އެހާ ބާރަށް ދުވާ ޑިންގީއެއް ވެސް ނޫން. ޑިންގީގައި ދިޔައީމަ ލަފާކުރީ ގާތްގަނޑަކަށް [އިރުއޮއްސި] ހައެއް ޖަހާކަންހާއިރަށް އެ ކޮޅަށް [ގއ. އަތޮޅަށް] ދެވޭނެ ކަމަށް. އެކަމު އެ ކޮޅަކަށް ނުދޭ، އެ މީހުންނަކާ ނުއެއް ގުޅޭ. މޫސުން ވެސް ގޯސް،" ޒިހާން ވިދާޅުވިއެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި އެކަމުގެ ރިޕޯޓު ލިބުނީ 18:12 ހާއިރެވެ. އެއާއެކު އެ މީހުން ހޯދުމުގެ މަސައްކަތް ފެށިއެވެ. އަދި މިރޭ 10:34 އެމްއެންޑީއެފުން ވަނީ އެ ޑިންގީ ސަލާމަތުން ގއ. ދެއްވަދޫއަށް ވަދެފައިވާކަމަށް މައުލޫމާތު ދީފައެވެ. އިތުރު ތަފްސީލް ހިއްސާކޮށްފައި ނުވެއެވެ. ހޯމަ ދުވަހާ ހަމައަށް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެއެވެ. އެހެންވެ މެޓު އޮފީހުންވަނީ މި ކަމަށް ސަމާލުވުމަށް އާންމުންގެ ކިބައިން އެދިފައެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ