ޔުމްނު ވެއްޓުނު ހާދިސާ: ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރި ނަމަވެސް ފުލުހުންގެ ތަހުގީގު ކުރިއަށްގެންދަނީ ޔުމްނު ވެއްޓުނު ހާދިސާ: ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރި ނަމަވެސް ފުލުހުންގެ ތަހުގީގު ކުރިއަށްގެންދަނީ

އުސް އިމާރާތަކުން ވެއްޓި ވަރަށް ބޮޑަށް ޒަހަމްވެފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް އުފެއްދި ނަމަވެސް ފުލުހުންގެ ތަހުގީގު ހުއްޓައިނުލާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
އަދަދު އާ ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، ހ. ފެންޓެނޯއީ ގޭގެ މަތީ ބުރިއަކުން ޔުމްނު، 21، ވެއްޓުނު ހާދިސާ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް ހެދި ނަމަވެސް އެ މައްސަލައިގައި ފުލުހުން މިހާރު ހިންގަމުން އަންނަ ތަހުގީގު އެ ހިދުމަތުން ފުރިހަމަކުރާނެ ކަމަށެވެ.
"ފުލުހުން ހިންގަންޖެހޭ ތަހުގީގު ފުލުހުން ފުރިހަމަ ކުރާނަން،" މި ނޫހާ ފޯނުން ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވި އެވެ.
ޔުމްނުގެ މައްސަލަ ތަހުގީގު ކުރަން ރައީސް މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނަށް ފުލުހުންގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
"ރިޔާސީ ކޮމިޝަނަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ފުލުހުން ދޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އެހެންކަމުން ޔުމްނުގެ މައްސަލައިގައި އެކުއެކީގައި ދެ ޖިނާއީ ތަހުގީގު ކުރިއަށްދާނެ އެވެ. ރިޔާސީ ކޮމިޝަން އުފެއްދީ ޖިނާއީ ތަހުގީގު ކުރުމުގެ ބާރާއި މީހުން ހައްޔަރު ކުރުމުގެ އަމުރަކަށް ކޯޓުތަކުގައި އެދުމުގެ ބާރު ވެސް ދިނުމަށްފަހެވެ.
އުސް އިމާރާތެއްގެ މަތިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ މި ހިނގާ އޭޕްރީލް 18، ގަ އެވެ. އެ މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް ރައީސް އުފެއްދެވީ މިދިޔަ ހޮނިހިރު ދުވަހުގެ ދަންވަރުގެ ވަގުތެއްގެ އެވެ.
ޔުމްނުގެ މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް އުފެއްދީ، އެ މައްސަލައިގައި ފުލުހުން ހިންގަމުން އަންނަ ތަހުގީގާމެދު ހިތްހަމަނުޖެހި، އެ މައްސަލައިގައި މިނިވަން އިންކުއަރީއެއް ހެދުމަށް ގޮވާލުމުންނެވެ. އެކަމަށް ގޮވާލީ ޔުމްނުއަށް އިންސާދު ހޯދައިދޭން އެދި މާލޭގައި ސިލްސިލާ މުޒާހަރާތައް ކުރަމުންދާ ޒުވާނުންނެވެ.
ރިޔާސީ ކޮމިޝަނަށް ރައީސް ފުރަތަމަ އައްޔަން ކުރީ ޑރ. މުހައްމަދު މުނައްވަރާއި ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދު އަދި ޑރ. މުހައްމަދު ހަބީބެވެ. އޭގެ ފަހުން، ހަބީބު ވަނީ އިއްޔެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފަ އެވެ.
ހަބީބު އިސްތިއުފާ ދެއްވުމުން، ރައީސް މުއިއްޒު ވަނީ އިތުރު ތިން ބޭފުޅަކު އެ ކޮމިޝަނަށް އައްޔަން ކުރައްވައިފަ އެވެ. އެއީ ޑރ. މޫސާ މުރާދު، ޖަބީން މުހައްމަދު އަދި އާމިނަތު އީނާސް އެވެ. މުރާދަކީ މެޑިކަލް ޑޮކްޓަރެކެވެ. ޖަބީންއަކީ ކްލިނިކަލް ނާސްއެކެވެ. އަދި އީނާސްއަކީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ