ރާއްޖޭގެ ބޮޑު ބަޔެއްގައި ކަނޑުތައް ގަދަ، މޫސުން ރަނގަޅުވާނީ އަންގާރައިން ފެށިގެން

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ ރަނގަޅުވާން ފަށާނީ އަންނަ އަންގާރައިގައި ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ބުނެފިއެވެ. މެޓް އޮފީހުން ވަނީ މިއަދު ރާއްޖޭގެ ބައެއް ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައެވެ. ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސަމަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަަށް ވައި ގަދަވާނެ ކަމަށްވެސް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ. ކަނޑުތަކަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް އާދައިގެ ވަރަކަށް ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ރާޅުތަކުގެ އުސްމިނުގައި ހަތް ފޫޓާއި ފަސް ފޫޓު ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މެޓް އޮފީހުން ބުނީ މިހާރު ކުރަމުންމިދާ ވިއްސާރައަކީ މޫސުމީ ވިއްސާރައެއް ކަމަށާއި ދެކުނުގެ އަތޮޅުތަކަށް މޫސުން އަލިވާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރެއަށް އަންނަ އަންގާރަ ދުވަހުން ފެށިގެން މޫސުން އަލިވާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. މިފަހުން މޫސުން ގޯސްވެފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހު ފެށި އަޟްހާ އީދު ބަންދާ ދިމާކޮށެވެ. ފަސް ވަނަ ދުވަހަކީ ހައްޖު ދުވަހަށް ވެފައި، މިދިޔަ ހަފުތާ ތެރެއިން ދެ ދުވަސް އީދުގެ މުނާސަބަތުގައި ބަންދުކުރުމުން، ދިގު ޗުއްޓީއެއް ލިބޭތީ ގިނަ ބަޔަކު ދަތުރުފަތުރުކުރިއެވެ. އެ ބަންދާ ފެށުނުއިރާއި، ނިމުނުއިރު ވެސް މޫސުން ގޯސްވުމުން މެޓް އޮފީހުން އޮތީ ދަތުރުކުރާއިރު ސަމާލުވުމަށް އެދިފައެވެ. އަދި މިދިޔަ ހޯމަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް މޫސުން އިތުރަށް ގޯސްވެ، އުދަ އަރައިފާނެތީ ވެސް ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން އޮތީ އިލްތިމާސްކޮށްފައެވެ. މި އަހަރުގެ ހުޅަނގު މޫސުން ފެށިފައި ވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ