ގުޅިފަޅު ލޭންޑް ޔޫސް ޕްލޭން ބަދަލުކުރީ އަވަހަށް ގޯތީގެ ރަޖިސްޓްރީ ދޭން: މުއްތަލިބު

ގުޅިފަޅު ލޭންޑް ޔޫސް ޕްލޭނަށް ތިން ވަނަ ފަހަރަށް ބަދަލު ގެނެސް، ސަރުކާރުގެ ގެޒެޓްގައި އިއްޔެ ޝާއިއުކޮށްފި އެވެ. ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ އެ ބަދަލު ގެނައީ ބިންވެރިޔާ ސްކީމުން ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންނަށް ވީހާވެސް އަވަހަކަށް ގޯތި ރަޖިސްޓްރީ ދިނުމަށް ކަމަށެވެ.
ވީ ކިހިނެއް؟ - ގުޅިފަޅު ހިއްކާފައި އޮތް ސަރަހައްދުން އެންމެންނަށް ގޯތި ލިބޭ ގޮތަށް ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް، ޝާއިއުކުރުމާ ގުޅިގެން މިރޭ އެކަން އިތުރަށް ތަފްސީލުކޮށްދިނުމަށް މުއްތަލިބު އެކްސްގައި ވަނީ ޕޯސްޓެއް ކުރައްވާފަ އެވެ.
ތަފްސީލު - ގުޅިފަޅުން ބިންވެރިޔާ ސްކީމްގެ ގޯތިތަކެއް ދިނުމަށް ނިންމައި، ލޭންޑް ޔޫސް ޕްލޭން އެންމެ ފުރަތަމަ އާންމުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އޮގަސްޓު 2023ގަ އެވެ. ނަމަވެސް އެ ޕްލޭންގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ މި ސަރުކާރުން އެއަށް ބަދަލު ގެނަ އެވެ.
މުއްތަލިބު މިރޭ އެކްސްގައި ކުރި ޕޯސްޓުގައި ވިދާޅުވީ:
އޭރު ހެދި ޕްލޭނުގައި މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަން ޖެހޭ މުހިއްމު ބައިތައް ނެތުމާ އެކު އެ ޕްލޭން ބަދަލުކުރަން ޖެހުނީ ކަމަށް؛ އެހެންވެ، މިދިޔަ އަހަރުގެ 24 އޮކްޓޯބަރުގައި އާ ޕްލޭނެއް އިއުލާންކުރި
އޮކްޓޯބަރުގައި އިއުލާންކުރި ޕްލޭންގައި މި ސަރުކާރުން އިތުރަށް ހިއްކަން ކަނޑައެޅި ސަރަހައްދު ހިމެނޭހެން ގޯތި ދޭން ނިންމައި ގުރުއަތު ނެގުން ވެސް ބާއްވާފައި
ނަމަވެސް ސޯލިހްގެ ސަރުކާރުގެ ޕްލޭންގެ ދަށުން ގޯތި ލިބުނު ބައެއް ފަރާތްތަކުން އާ ޕްލޭންގެ ދަށުން ގުރުއަތު ނެގުނު އަދި ނުހިއްކާ ސަރައްހަދުން ވެސް ގޯތި ލިބުނު
"24 އޮގަސްޓު 2023ގެ ޕްލޭންގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ރެޖިސްޓްރީ ދޫކުރެވިފައިވުމާ އެކު، 27 އޮކްޓޯބަރު 2024ގެ ޕްލޭނުގެ ދަށުން ގޯތި ރެޖިސްޓްރީ ހެދުމަށް ދަތިވެގެން ގޮސްފައިވަނީ ކުރިން ރަޖިސްޓްރީ ދެވިފައިވާ ފަރާތްތަކަށް އަދި ނުހިއްކާ ސަރަހައްދުން ގޯތި ލިބޭ ގޮތަށް ގުރުއަތު ނެގިފައިވާތީ،" މުއްތަލިބު ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ގޯތިތަކުގެ ރެޖިސްޓްރީ ވީހާވެސް އަވަހަކަށް ދެއްވުން ކަމުގައިވުމާ އެކު، ގުޅިފަޅުން ދޭން ކަނޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަހައްދުން ދޭން ނިންމައި ޕްލޭނަށް ބަދަލު ގެނެވި މިހާރު ވަނީ ގެޒެޓުކުރެވިފަ އެވެ."
އޭނާ ވިދާޅުވި ގޮތުގައި މިފަހަރު ގެނައި ބަދަލާ އެކު ކޮމާޝަލް، އިންސްޓިޓިއުޝަނަލް އަދި އެފަދަ އެހެން ބޭނުންތަކަށް ބޭނުންވާ ބިންތައް މިހާރު ވަނީ ހިއްކަން ކަޑައަޅާފައިވާ ސަރަހައްދަށް ބަދަލުކޮށްފަ އެވެ.
"މި ބަދަލު ގުޅީފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރައްވާ ޖަމިއްޔާއާ ޙިއްސާކުރެވި ބިންތައް ދޭނެ ގޮތަކާ މެދު ވަނީ މަޝްވަރާކުރެވިފަ އެވެ،" މުއްތަލިބު ވިދާޅުވި އެވެ.
މިދިޔަ އެޕްރީލް މަހު ރައްޔިތުންގެ މަޖިލީހުގައި މުއްތަލިބު ވިދާޅުވި ފަދައިން މިރޭ ވެސް އޭނާ ތަކުރާރުކުރެއްވީ މި މަސް ތެރޭ ގުރުއަތުލުން ބޭއްވޭނެ ކަމުގެ ވާހަކަ އެވެ.
"މާތްاللهގެ އިރާދަފުޅާ އެކު މި މަސް ތެރޭ ގުރުއަތުލުން ބާއްވައި ބިންތަކުގެ ރަޖިސްޓްރީ ހަދައިދޭން ފެށޭނެ އެވެ. އަދި ސާވޭ ނިމުނުހާ އަވަހަކަށް ހަވާލުކުރެވެން ހުރި ބިންތައް ބިމުގެ ވެރިފަރާތްތަކާ ހަވާލުކުރެވޭނެ އެވެ. މިއީ ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ ބިމުގެ ރަޖިސްޓްރީ ހަދައި ގޯތި ހަވާލުކުރުން އަވަސްކުރުމަށް ގެނެވުނު ބަދަލެކެވެ،" މުއްތަލިބު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ