ދައޫދު މަގާމުން ވަކިކުރި ގޮތަށް އަމީނާއި އިހުސާނަށް ފިޔަވަޅު އަޅަންޖެހޭ: ޔާމީން

ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ތަހުގީގަށް ދޮގު ބަޔާން ދިނުމުން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަޤާމުން އަހުމަދު ދާއޫދު ވަކިކުރި ގޮތަށް އެ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޓްރާސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީނަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ. ދާއޫދަކީ މި މައްސަލައިގައި ހިމެނޭ ރައުދު އަހުމަދު ޒިލާލުގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. މި މައްސަލައިގެ ތަހުގީގަށް ދާއޫދު ދޮގު ބަޔާނެއް ދިން ކަމަށް އޮތީ އެ މައްސަލަ ތަހުގީގުކުރަން އުފެއްދެވި ރިޔާސީ ކޮމިޝަންގެ ތަހުގީގީ ރިޕޯޓުގައެވެ. އަމިއްފުޅު ޕާޓީ ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ، ޔުމްނުގެ މައްސަލައިގައި ވާހަކަފުޅުދައްކަވާފައެވެ. އެ ގޮތުން، އެ މައްސަލަ ތަހުގީގުކުރަން އެކުލަވައިލި ރިޔާސީ ކޮމިޝަނުން ރިޕޯޓު ނެރުނު ނަމަވެސް ޔުމްނު ވެއްޓުނު ސަބަބު ސާފުނުވާތީ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ކުރީގެ ރައީސް ޔާމީން: --- ފޮޓޯ/ ޗެނަލް13 އެ ރިޕޯޓު އެކުލަވައިލުމަށް ރިޔާސީ ކޮމިޝަނުގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު 'ވަރުގަދަ' މަސައްކަތްތަކެއް ކުރެއްވި ކަމަށް ޔާމީން ގަބޫލުކުރައްވައެވެ. ޔުމްނު ވެއްޓުނު ސަބަބު ސާފުނުވިޔަސް މުނައްވަރު ރިޕޯޓުގައި ކަންތައްތަކެއް ނިންމާފައި ހުރި ކަމަށް ޔާމީން ވިދާޅުވިއެވެ. އެ ގޮތުން، އެ މަނިކުފާނު ފާހަގަކުރެއްވީ މައްސަލައިގައި ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަމުން ދަނިކޮށް، އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ގުޅުއްވުމަކީ ބަލައިގަންނަން ދަތި ކަމެއް ކަމަށް ރިޕޯޓުގައި އޮތުމެވެ. ޔާމީން ފާހަގަކުރެއްވީ ޔުމްނުގެ ހާދިސާ ހިނގި ތަނަށް އިހުސާން ޒިޔާރަތްކުރައްވައި އެ ވެށި އޮތްގޮތް ބެލުމާއި ފޮޓޯ ނެގުމުގައި ހަރަކާތްތެރިވެވަޑައިގެންފައިވުމެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، އެއީ ގާނޫނުއަސާސީއާއި ފުލުހުންގެ ގާނޫނު އަސާސީގެ ދަށުން ވެސް ހޯމް މިނިސްޓަރުގެ މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ނުފެންނަ ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގޮށްފައެވެ. އެހެންވެ، ޒިންމާއާއި އެކަން ހަވާލުކުރާ މީހާއަށް ބަލާއިރު، މިނިސްޓަރު އިހުސާނާއި އަމީނާ ސުވާލުކުރަން ޖެހެނީ ރައީސް މުއިއްޒު ކަމަށް ޔާމީން ގަބޫލުކުރައްވައެވެ. މުނައްވަރު އެކުލަވައިލެއްވި ރިޕޯޓުގައި މިނިސްޓަރު އިހުސާނާއި އަމީން 'ބެހެން ނުޖެހޭ' ކަމަކާ ބެހުމުން އެކަން ފޮރުވަން އުޅުނީ ކީއްވެތޯ ސުވާލު އުފައްދާފައިވާކަން ޔާމީން ފާހަގަކުރެއްވިއެވެ. އާދައިގެ މީހަކު ކުށެއް ކުރުމާއި މިނިސްޓަރުން ކަމެއް ކުރުމާއި ހާސްބައި ތަފާތު ކަމަށާއި އެއީ މިނިސްޓަރުން ކުށެއް ކުރުމުން ކުށުގެ ދަރަޖަ އުފުލޭނެތީ ކަމަށް ޔާމީން ވިދާޅުވިއެވެ. ދާއޫދާ އެޅި ފިޔަވަޅު ދަމާލައިފި ކަމަށް ވަންޏާ މި ދެ މީހުންނާ ދޭތެރޭ ފިޔަވަޅު އެޅެންޖެހޭ. މިއީ އަޅުގަނޑުމެން މި ފޯރަމްގައި ފުރަތަމައިނުން ވެސް ސުވާލު އުފެއްދި ޝައްކު. އެ އޮތީ މުނައްވަރު ވެސް އެ ފައިންޑިން ލިޔުއްވާފައި. ކީއްވެތޯ އެ މީހުން މަގާމުގައި އެ ތިބީ؟ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ރިޕޯޓުގައިވަނީ އެ މައްސަލައާ ގުޅޭ ގޮތުން އަމީނާ ސުވާލުކުރުމުން އެ ހާދިސާ ހިނގުމުގެ ތިން ދުވަސް ކުރިން އޭނާ ރަސްމީ ދަތުރެއްގައި ފުރާވަޑައިގެން ހުންނެވީ ބޭރުގައި ކަމަށް ވިދާޅުވި ކަމަށެވެ. އަދި، ޔުމްނު ވެއްޓުނު ހާދިސާގެ މައުލޫމާތު ލިބުނީ ހާދިސާ ހިނގި ރޭ މީޑިއާތަކުން ކަމަށާއި އޭގެ ފަހުން އޭނާއަށް ބޮޑުބޭބެ ކިޔާ އިޒުދިޔާން މުހައްމަދު އޭނާއަށް ގުޅައި، ވާހަކަ ހިއްސާކުރީ ކަމަށް ރިޕޯޓުގައިވެއެވެ. އަމީން ވިދާޅުވީ އިޒްދިޔާން އެ މައްސަލައިގެ ވާހަކަ ކިޔައިދިނީ 17 ވަނަ ދުވަހުގެ ރޭ މާންދޫގެދެކުނުގޭގެ ޓެރަހުގައި އޮތް އެއްވުމަކަށް ދިޔަ ކުއްޖަކު އެހެން ގެއަކަށް ގޮސް އުޅެނިކޮށް ފުރާޅެއް މައްޗަށް ވެއްޓުނު ވާހަކައެއްގެ ގޮތުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ