އިދާރީ ހިންގުމުގެ ޚަރަދުތައް މިދިޔަ އަހަރާއި އަޅާބަލާއިރު 1.1 ބިލިއަން ރުފިޔާ ކުޑަ

އިދާރީ އަދި ހިންގުމުގެ ޚަރަދުތަކުގެ ގޮތުގައި މިއަހަރުގެ ބަޖެޓުން 8.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ މާލީ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މާލީ ވުޒާރާއިން އާންމުކޮށްފައިވާ 12 ޖޫން 2025 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، އިދާރީ ހިންގުމުގެ ޚަރަދުތައް މިދިޔަ އަހަރާއި އަޅާބަލާއިރު 1.1 ބިލިއަން ރުފިޔާވަނީ ކުޑަކޮށްފައެވެ. މިއަހަރަށް އިދާރީ އަދި ހިންގުމުގެ ޚަރަދުތަކުގެ ގޮތުގައި ބަޖެޓުގައި ފާސްކޮށްފައިވަނީ 20.8 ބިލިއަން ރުފިޔާއެވެ. 2024 ވަނަ އަހަރުގެ މި މުއްދަތުގައި އިދާރީ އަދި ހިންގުމުގެ ޚަރަދުތަކުގެ ގޮތުގައި ހޭދަކޮށްފައިވަނީ 9.3 ބިލިއަން ރުފިޔާއެވެ. މިބައިގެ ޚަރަދުތަކުގެ ތެރޭގައި ހިމެނޭ އިދާރީ ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމުގެ ޚަރަދު ވަނީ 71.5އިންސައްތައިން ދަށްވެފައެވެ. އަދި ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ މިވަނީ، ނިމިގެންދިޔަ އަހަރާ އަޅާބަލާއިރު 17.2 އިންސައްތައިން ދަށްވެފައެވެ.
ދައުލަތުން ނަގާފައިވާ ދަރަންޏަށް ފައިސާ ދައްކާފައިވާ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު މިވަނީ 1.8 ބިލިއަން ރުފިޔާއިން އިތުރުވެފައެވެ. މާލީ ވުޒާރާއިން އާންމުކޮށްފައިވާ 12 ޖޫން 2025 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، މިއަހަރުގެ މިހާތަނަށް 5.1 ބިލިއަން ރުފިޔާ ދަރަނި އަދާކުރުމަށް ހޭދަކޮށްފައިވެއެވެ. އެހެންނަމަވެސް، ދައުލަތުން ތަންފީޛުކުރަމުންދާ ޚަރަދު ހިފެހެއްޓުމުގެ ސިޔާސަތުތަކާއިއެކު 12 ޖޫން 2025 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ޚަރަދުތައް، މިވަނީ ކުޑަކުރެވިފައެވެ. އެގޮތުން ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 20.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދާއި އަޅާބަލާއިރު 8.7 އިންސައްތަ ދަށް ޢަދަދެކެވެ. މިއާއެކު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް 12 ޖޫން 2025ގެ ނިޔަލަށް ވަނީ 17.0 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 6.0 އިންސައްތައިގެ އިތުރުވުމެކެވެ.
ދައުލަތުގެ ޚަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުން އައި އެދެވޭ ނަތީޖާގެ ސަބަބުން ކުރިން ނަގާފައިވާ ދަރަނިތައް އަދާކުރުމަށް ކުރަންޖެހުނު ހޭދަ ބޮޑުވިކަމުގައިވީނަމަވެސް، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ބެލެންސް މިވަނީ 1.3 ބިލިއަން ރުފިޔާގެ ސަރޕްލަސްއަކަށް އަރައިފައެވެ.
 
ހަބަރު: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ