އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ބޭރު ގައުމުތަކުން އެމެރިކާއަށް އިމްޕޯޓު ކުރާ މުދަލުން ޓެރިފް ނަގަން ނިންމުމާ ގުޅިގެން ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ކެލިފޯނިއާގެ އިގުތިސޯދަށް ލިބެމުންދާތީ ރައީސް ޓްރަމްޕުގެ ސަރުކާރާ ދެކޮޅަށް ކެލިފޯނިއާގެ ސްޓޭޓް ސަރުކާރުން ދައުވާ އުފުލައިފި އެވެ.
ޓްރަމްޕު ވަނީ ހުރިހާ ގައުމެއްގެ މުދަލުން 10 ޕަސެންޓް ޓެރިފެއް ނަގަން ނިންމައި އެކަން ތަންފީޒު ކުރަން ފަށާފަ އެވެ. ބައެއް އިލެކްޓްރޯނިކް ސަމާނު ފިޔަވައި ޗައިނާއިން 145 ޕަސެންޓުގެ ޓެރިފް ނަގަން ވެސް ޓްރަމްޕު ސަރުކާރުން ވަނީ ނިންމާފަ އެވެ.
ކެލިފޯނިއާގެ ސެން ފްރެންސިސްކޯގެ ފެޑެރަލް ކޯޓަށް ބުދަ ދުވަހު ހުށަހެޅި މައްސަލާގައި، ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް އާއި އެޓާނީ ޖެނެރަލް ރޮބް ބޮންޓާ، ތުހުމަތު ކުރައްވާ ގޮތުގައި ކޮންގްރެސްގެ ރުހުމަކާ ނުލައި ބޮޑެތި ޓެރިފްތަކެއް ނެގުމުގެ ބާރު ރައީސަށް ލިބިދީފައެއް ނުވެ އެވެ. އެމެރިކާގެ އެންމެ މުއްސަދި ސްޓޭޓް ކަމަށްވާ ކެލިފޯނިއާގައި ވެރިކަން ކުރަނީ ޑިމޮކްރަޓިކް ޕާޓީންނެވެ.
އެމެރިކާގެ ސްޓޭޓެއްގެ ގޮތުގައި އޮތް ކެލިފޯނިއާއަކީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު ދުނިޔޭގެ ފަސްވަނައަށް އެންމެ ބޮޑު އިގުތިސޯދެވެ. ކެލިފޯނިއާގެ ވިޔަފާރީގެ މައި ބައިވެރިންނަކީ ޗައިނާ، މެކްސިކޯ އަދި ކެނެޑާ އެވެ.
ޓްރަމްޕު ސަރުކާރުގެ ޓެރިފްތަކާއެކު މިހާރުވެސް ގެއްލުންވަމުންދާ ކަމަށާއި އިތުރު ގެއްލުން ލިބޭނެ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
ޓްރަމްޕްގެ ސަރުކާރަށް މިހާރުވެސް މިފަދަ ދެ ދައުވާއެއް ކުރިމަތިވެފައިވާއިރު، އެއް މައްސަލައަކީ ނިއުޔޯކްގެ ކޯޓް އޮފް އިންޓަނޭޝަނަލް ޓްރޭޑްގައި ބިޒްނަސް އެޑްވޮކޭސީ ގްރޫޕެއް ކަމަށްވާ ލިބަޓީ ޖަސްޓިސް ސެންޓަރުން ހުރިހާ ޓެރިފެއް ބްލޮކް ކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ. އަނެއް މައްސަލައަކީ ފްލޮރިޑާގެ ފެޑެރަލް ކޯޓުގައި ޗައިނާއިން ނަގާ ޓެރިފްތައް ބްލޮކް ކޮށްދިނުމަށް ވިޔަފާރިވެރިޔަކު ހުށަހަޅާފައިވާ މައްސަލައެކެވެ.
ޓްރަމްޕް ސަރުކާރާ ދެކޮޅަށް ކެލިފޯނިއާއިން ދައުވާ އުފުލައިފި ޓްރަމްޕް ސަރުކާރާ ދެކޮޅަށް ކެލިފޯނިއާއިން ދައުވާ އުފުލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ