ބެންގަލޫރު، އިންޑިއާ (އޭޕްރީލް 25) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ރޭ ރާޖަސްތާން ރޯޔަލްސް އަތުން 11 ލަނޑުން ކުރިހޯދައި، ރޯޔަލް ޗެލެންޖާސް ބެންގަލޫރުން މި ފަހަރުގެ މުބާރާތުގައި ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި މޮޅުވެއްޖެ އެވެ.
މި ފަހަރުގެ އައިޕީއެލްގައި ރޭ ބެންގަލޫރު ކުޅުނީ އެ ޓީމުގެ ނުވަ ވަނަ މެޗެވެ. މި މެޗުގެ ކުރިން، އަމިއްލަ ދަނޑުގައި ތިން މެޗުން ބަލިވި ބެންގަލޫރު ވަނީ ރަށުންބޭރުގައި ފަސް މެޗުން މޮޅުވެފަ އެވެ.
ރޭގެ މޮޅާ އެކު، ބެންގަލޫރު ވަނީ، ލީގުގެ އެއް ވަަނައިގައި އޮތް ގުޖުރާތު ޓައިޓަންސް އާއި ދެ ވަނައިގައި އޮތް ދިއްލީ ކެޕިޓަލްސްއާ އެއްވަރަށް 12 ޕޮއިންޓް ހޯދައިފަ އެވެ.
ޗިންނަސްވާމީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން، ރާޖަސްތާނުން ނިންމީ ހޮވާށެވެ.
ރޭގެ މެޗުގެ ތެރެއިން ވިރާތު ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: ގެޓީއިމޭޖަސް
ބެންގަލޫރުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވިއިރު، 205 ލަނޑު ހެދި އެވެ. އެ ޓީމަށް އެންމެ ރަނގަޅު ސްކޯއެއް ހޯދައިދިނީ، 42 ބޯޅައިން 70 ލަނޑު ހެދި ވިރާތު ކޯލީ އެވެ. އަދި ދޭވްދަތު ޕަޑިއްކަލް ވަނީ 27 ބޯޅައިން 50 ލަނޑު ހަދައިފަ އެެވެ. މި އިނިންގްސްގައި، ރާޖަސްތާންގެ ސަންދީޕް ޝަރްމާ ވަނީ ދެ ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި ކުޅެން އެރި ރާޖަސްތާނަށް 20 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ވަނީ 194 ލަނޑު ހަދައިފަ އެވެ. ބެންގަލޫރު މި މެޗުން މޮޅުކޮށްދިނުމުގައި އެންމެ ބޮޑު ތަފާތެއް ދެއްކީ، އެ ޓީމުގެ ބޯލަރު، ޖޯޝް ހޭޒަލްވުޑް އެވެ. އޭނާ ވަނީ ރޭގެ މެޗުގައި، ހަތަރު ވިކެޓް ނަގައިފަ އެވެ. މީގެ ތެރެއިން އެންމެ ހާއްސަ ވިކެޓަކީ، ރަނގަޅު ފޯމެއްގައި ކުޅެ، ރާޖަސްތާން މޮޅުކޮށްދޭން ތަފާތު ދައްކަމުން އައި، ދްރޫވް ޖުރެލްގެ ވިކެޓް އެވެ. އޭނާ ނުބައިވީ، 34 ބޯޅައިން 47 ލަނޑަށެވެ.
މިއީ، ރާޖަސްތާން ޖެހިޖެހިގެން ބަލިވި ފަސް ވަނަ މެޗެވެ. އެ ޓީމު މި ވަގުތު އޮތީ، އަށް ވަނައިގަ އެވެ. އެއީ، ނުވަ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ.
އައިޕީއެލް: ރާޖަސްތާން ބަލިކޮށް ބެންގަލޫރު އަށް އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު އައިޕީއެލް: ރާޖަސްތާން ބަލިކޮށް ބެންގަލޫރު އަށް އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ